ފާއިތުވި ތިން މަސް ތެރޭގައި ސެމްސަންގްއަށް ބޮޑު ފައިދާއެއް

މިދިޔަ އަހަރު ނެރުނު ސެމްސަންގް ގެލެކްސީ ނޯޓް 7 އެއްގެ ފޯނެއް --- ފޮޓޯ: އޭއެފްޕީ

ސްމާޓްފޯނާއި އިލެކްޓްރޯނިކްސްގެ އެކި ބާވަތުގެ ސާމާނު އުފައްދާ އެންމެ ނަން މަޝްހޫރު އެއް ކުންފުނި ކަމަށްވާ ސެމްސަންގްއަށް ފާއިތުވި ތިން މަސް ތެރޭގައިވަނީ މާލީ ބޮޑު ފައިދާއެއް ލިބިފައެެވެ.

ސެމްސަންގް އިން ރިޕޯޓްކުރި ގޮތުގައި ފާއިތުވި ތިން މަސް ތެރޭގައި އެކުންފުނީގެ އޮޕަރޭޓިންގް ފައިދާގެ ގޮތުގައި 12 ބިލިއަން ޑޮލަރު ޖެހިފައިވެއެވެ. މިއީ ފާއިތުވި އަހަރުގެ މިމުއްދަތުގައި އެކުންފުންޏަށް ލިބިފައިވާ ފައިދާއާ އަޅާބަލާއިރު 72 ޕަސެންޓުގެ ކުރިއެރުމެކެވެ.

އެ ކުންފުނީގެ ސޭލްސް ނުވަތަ ވިޔަފާރި 18 ޕަސެންޓް ކުރިއަށް ޖެހިލާފައިވާއިރު ސެމްސަންގްއިން ހާމަކުރާ ގޮތުގައި އެވަރުގެ ބޮޑު ފައިދާއެއް ލިބުމުގެ އަސްލަކީ އެކުންފުނީގެ ގެލެކްސީ އެސް 8 އަށް އާންމުންގެ ފަރާތުން ލިބެމުންދާ ތަރުހީބުގެ އިތުރުން މެމޮރީ ޗިޕްސްއަށް އޮތް ޑިމާންޑެއްގެ ބޮޑުކަމުންނެވެ.

ޓެކްނޮލޮޖީ އިންޑަސްޓްރީގެ އެކިއެކި އެނެލިސްޓުން ހާމަކުރާ ގޮތުގައި ސެމްސަންގްގެ ގެލެކްސީ އެސް 8 ގެ ވިޔަފާރިން އެކުންފުންޏަށް މިދިޔަ އަހަރު ނެރުނު ނޯޓް 7 އިން ދެއްކި ގެއްލުން އެއްކޮށް ފޫބައްދާލަވިއްޖެއެވެ.

މީގެ އިތުރުން ދުނިޔޭގެ އެންމެބޮޑު މައިކްރޯޕްރޮސެސާ ނުވަތަ ކޮމްޕިއުޓާ ޗިޕް އުފައްދާ ކުންފުނި ދެވަނަ މަގާމަށް ސެމްސަންގްއިން މިއަހަރުގެ ތެރޭގައި ޖައްސާލާނެކަމަށްވެސް ގިނަ އެނެލިސްޓުން ލަފާކުރެއެވެ.

comment ކޮމެންޓް