ތަފާތު މޮޅު ފިލްމެއް ބަލާލަން ބޭނުންނަމަ މިވެސް ވަރަށް ސަޅި ފިލްމެއް!

ދިވެހިންނަކީ ފެށުނީއްސުރެ ހިންދީ ފިލްމަށް ދެވިހިފާފައި ތިބި ބައެކެވެ. ކުލަ އޮމާން ރީތި ދެތިންމީހަކު އުޅެފައި ރީތި ލަވަތަކެއް ހިމެނި އަދި ތިނެސްކަން ލޯބި ހިމެނޭނަމަ އެފިލްމު ކޮންމެހެންވެސް ހިނގާނެއެވެ. އެއީ ކިތަންމެ ތާކުންތާކު ނުޖެހޭ ފިލްމެއްވިޔަސް ހެވެވެ. މުޖުތަމައުއަށް މާބޮޑު މެސެޖެއް އޭގެން ގިނަފަހަރު ނުލިބޭނެއެވެ.

މިފަހަރު މި ބަލާލަނީ ވަރަށް ތަފާތު، ރީތި އަދި އޭގެން ވަރަށް މުހިންމު މެސެޖެއް ލިބިދޭ ފިލްމެކެވެ.

މެދުއިރުމަތީގެ ގައުމުތަކުގެ ފިލްމު އިންޑަސްޓްރީއަށް ބަލާލައިރު އީރާން އުޅެނީ އަވައްޓެރި ބޮލީވުޑަށް ވުރެ މާ ކުރީގައެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ވިޔާފާރީގެ ގޮތުން ބަލާއިރު އިރާނުގެ ފިލްމުތައް ބޮލީވުޑްގެ ފިލްމުތަކާ އަޅާނުކިޔޭނެއެވެ. ނަމެވެސް އިރާނުގެ ފިލްމުތަކުގައި މާއޮއްޓަރު ހުރެއެވެ. އިރާނުގެ ދެފިލްމަކަށް މިހާރުވެސް ވަނީ އޮސްކާ އެވޯޑް ލިބިފައެވެ. ބޮލިީވުޑްގެ ފިލްމަކަށް މިއިން ޒަމާނަކުވެސް އޮސްކާ އެވޯޑެއް ލިބިފައެއް ނެތެވެ. މީގެ އިތުރުން އިރާނުގެ ފިލްމުތަކުގައި ނިވާކަންކުޑަ މަންޒާރުތަކެއް ވެސް ނުހިމެނެއެވެ. ފިލްމްތަކުގައި ހުންނާނީ ވަރަށް އާދައިގެ މައުޟޫތަކުގެ މައްޗަށް ބިނާކޮށް ވަރަށް ފުރިހަމައަށް ގެނެސްދީފައެވެ.

މިފަހަރު ބަލާލާ ފިލްމަކީ އިރާނުގެ ފިލްމެއްނޫން ނަމަވެސް އިރާނާ ވަރަށް އެއްގޮތް ކަންތައްތަކެއް ހުރި އިރާގުގެ ކުރުދީންގެ ފިލްމެކެވެ. މިފިލްމުގެ ނަމަކީ ބޭކާސް އެވެ. ކުރުދީ ބަހުން ބޭކާސްގެ މާނައަކީ ޔަތީމު ކުދިންނެވެ. މިފިލްމުވަނީ 2012 ވަނަ އަހަރު ދުބާއީ ފިލްމުފެސްޓިވަލުގައި ޕީޕަލްސް ޗޮއިސް އެވޯޑު ހޯދާފައެވެ.

ބޭކާސްގައި ދައްކުވައިދެނީ 1990 ވަނަ އަހަރު އިރާގު ހަނގުރާމައިގެ ދުވަސްވަރު އުޅޭ ޔަތީމު ދެކުދިންގެ ވާހަކައެވެ. މިދެކުދިންގެ މަންމައާއި ބައްޕަ ވަނީ މަރުވެފައެވެ. އެއްދުވަހަކު މިދެކުދިންނަށް ބައިސްކޯފަކުން ސުޕަމޭން ފެނެއެވެ. މިދެކުދިންނަށް އަސްލުވެސް ސުޕަމޭން އަކީ އުޅޭމީހެއް ކަމަށް ގަބޫލުކުރެވެއެވެ. އަދި އެކުދިންނަށް ދިމާވެފައިވާ މައްސަލަތައް ސުޕަމޭންއަށް ހައްލު ކުރެވޭނެ ކަމަށް ހީވެއެވެ.

ބޭކާސްގެ މަންޒަރެއްގެ ތެރެއިން

އެންމެފަހުން މިދެކުދިން ގަސްދުކުރަނީ އެމެރިކާއަށް ސުޕަމޭންއާ ބައްދަލުކުރުމަށް ދިޔުމަށެވެ. ކުޑަކުޑަ މައުސޫމު ދެކުދިންނަށް ދުނިޔޭގެ ޖިއޮގްރަފީގެ އެއްވެސް ކަންފުޅެއް ނޭނގެއެވެ. އެންމެ ކުޑަމިނުން އެމެރިކާ އޮންނަނީ މެދުއިރުމައްޗާ ވަކިން ކަނޑެއް ހުރަސްކޮށްފައި ކަމެއްވެސް ނޭނގެއެވެ. ބުރަމަސައްކަތް ކޮށްގެން މިދެކުދިން ފައިސާ އެއްކޮށްގެން ކުޑަ ހިމާރެއް ގަނެގެން އެމެރިކާއަށް ދާން ދަތުރު ފަށައެވެ.

މިފިލްމު ބިނާވެފައި އޮންނަނީ މިދެކުދިން ކުރާ ދަތުރުގެ މައްޗަށެވެ. މިދަތުރުގައި އެކުދިންނަށް އެތައް ފިލާވަޅެއް ދަސްވެގެން ދެއެވެ. މިއީ އިބްރަތުން ފުރިގެންވާ ފިލްމެކެވެ. މުޅި އާއިލާއާ އެކީވެސް ބަލާލަން ހަމަ އެންމެ އެކަށޭނެ ފިލްމެކެވެ.

comment ކޮމެންޓް