ބްރިޖުން ފީ ނަގާނީ މެއިންޓެނަންސަށް، އޮފީހެއްވެސް ގާއިމު ކުރަނީ

ޖުލައި 5، 2017: ހުޅުލެއާ މާލެއާ ދެމެދު އަޅާ ބްރިޖުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ނޫސްވެރިންނަށް ދައްކާލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެއާ ހުޅުލެއާ ގުޅުވައިދޭ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު ބޭނުންކުރާ ފަރާތްތަކުގެ އަތުން ފީއެއް ނަގާނަމަ އެ ފީއެއް ނަގާނީ ބްރިޖު ބެލެހެއްޓުމުގެ، ނުވަތަ މެއިންޓެނަންސް މަސައްކަތްކުރުމަށް ފައިސާ ހޯދުމަށް އެކަނި ކަމަށް ހައުސިންގް މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހައުސިންގް މިނިސްޓަރު މުއިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވިދާޅުވި ގޮތުގައި، ބްރިޖުގައި އިލެކްޓްރޯނިކް ޓޮލް ނިޒާމެއް ގާއިމުކުރުމަށް ނިންމައި، އެ ނިޒާމު ޑިޒައިންކުރުމުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ބްރިޖު އެޅުމުގެ މަސައްކަތްކުރާ ޗައިނާގެ ކޮމިއުނިކޭޝަންސް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) އަށެވެ.

ޖުލައި 5، 2017: ހުޅުލެއާ މާލެއާ ދެމެދު އަޅާ ބްރިޖު އެޅުމުގެ މަސައްކަތްކުރާ ޗައިނާގެ މުވައްޒަފުންތަކެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މަސައްކަތްތައް ދާގޮތް ނޫސްވެރިންނަށް މިހަފްތާގައި ދައްކާލުމަށް ބޭއްވި ޓުއާއަށްފަހު، ހައުސިންގް މިނިސްޓަރު ޑރ. މުއިއްޒު ވިދާޅުވީ ބްރިޖު ބޭނުންކުރުމުން ނަގާ ފީއަކީ ރައްޔިތުންނަށް ތަކުލީފަކަށް ވާ ވަރުގެ ބޮޑު ފީއަކަށް ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ފީ ނަގާނަމަ އެ ނަގާނީ ބްރިޖުގެ މެއިންޓެނަންސަށް ފައިސާ ހޯދުމަށް އެކަނި ކަމަށެވެ.

"ފީއެއް ނަގާނަމަ އެ ފީއަކީ ރައްޔިތުންނަށް ތަކުލީފަކަށް ވާނެ ކަހަލަ ކަމެއް ސަރުކާރުން ނުކުރާނެ. މީގެން ފީއެއް ނަގާކަމަށް ވަންޏާ އެ ނަގާނެ ބޭނުމަކީ ބްރިޖުގެ މެއިންޓެނަންސަށް ފައިސާ ހޯދުން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ ބްރިޖުގެ މެއިންޓެނަންސްގެ މަސައްކަތްތައް ހިންގުމަށް ޚާއްސަ އޮފީހެއް ވެސް ގާއިމުކުރެވޭނެ ކަމަށެވެ. އަދި އެ އޮފީސް ހިންގާނީ ޕްރޮފެޝަނަލް މީހުން ލައިގެން ކަމަށްވެސް ވިދާޅުވިއެވެ.

ޖުލައި 5، 2017: ހުޅުލެއާ މާލެއާ ދެމެދު އަޅާ ބްރިޖުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބަލާލުމަށް ހައުސިންގް މިނިސްޓަރު މުއިއްޒު ޒިޔާރަތްކުރެއްވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ޗައިނާ ސަރުކާރާ ހެދި އެއްބަސްވުމުގައިވާ ގޮތުން އެމީހުން ޓްރެއިންކޮށްދޭނެ މެއިންޓެއިންކުރާ މީހުން. އެއަށް ބޭނުންވާ އާލާތްތަކާ ހުރިހާކަމެއްވެސް ދެއްވާނެ،" ބްރިޖުގެ މަސައްކަތް ކުރުމަށް އަޅާފައިވާ ވަގުތީ ޕްލެޓުފޯމުގައި ހުންނަވައި، މުއިއްޒު ވިދާޅުވި އެވެ.

ހައުސިންގް މިނިސްޓަރު މުއިއްޒު ވިދާޅުވީ، ބްރިޖުގެ މެއިންޓެނަންސް އޮފީސް ގާއިމުކުރުމާއި، އެ އޮފީހުގައި މަސައްކަތްކުރާނެ މީހުން ތަމްރީނުކުރުމުގެ ހުރިހާ ކަމެއް މިހާރުވެސް ފަރުދާގެ ފުރަގަހުގައި ކުރިއަށްދާ ކަމަށެވެ.

ޖުލައި 5، 2017: ހުޅުލެއާ މާލެއާ ދެމެދު އަޅާ ބްރިޖުގެ މަސައްކަތްތައް ކުރިއަށްދާ ސައިޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބްރިޖު ބޭނުންކުރާ މީހުންގެ އަތުން ފީއެއް ނެގުމަށް ޓޮލް ސިސްޓަމް ޑިޒައިންކުރުމާ ބެހޭ ގޮތުން މުއިއްޒު މީގެކުރިން ވިދާޅުވީ، އެ ނިޒާމު ވެގެންދާނީ އިލެކްޓްރޯނިކް ޓޮލިންގް ނިޒާމަކަށް ކަމަށެވެ.

އަދި އެ ނިޒާމު ގާއިމުކުރުމުން ޓޮލް ނިޒާމުގެ ދަށުން ފީ ދެއްކުމަށް ޓްރެފިކް މަޑުކުރަން ވެސް ނުޖެހޭނެ ކަމަށާއި، އެ ނިޒާމަކީ ސިންގަޕޫރުފަދަ ގައުމުތަކުގައި ބޭނުންކުރާ ފަދަ، ބްރިޖު މަތިން ދުއްވާފައި ދާއިރު އޮޓޮމެޓިކުން ޓޮލް ފީ ކެނޑޭނެ ފަދަ ނިޒާމަކަށް ވާނެކަމަށް މިނިސްޓަރު މިދިޔަ އަހަރު ވިދާޅުވިއެވެ.

comment ކޮމެންޓް