އަހަރެންގެ ހިތް އަނބުރާދީ

"ޒެލް ގުޅީ. ވަރަށް ދެރަވެފައި ހުރީ. ހިތަށް އަރާ ވިޝާމްއާއި ގުޅުމަށްފަހު ޒެލް މާ ހިތާމަވެރިކޮށް ފެންނަނީ ކީއްވެބާވައޭ. އަހަންނަށް އެހެން ހީވަނީ އަޒަލްދެކެ ލޯބިވާލެއް ބޮޑުކަމުން ބާވައޭވެސް ހިތަށް އަރާ. އެކަމަކު ވިޝާމް އަކީ ގޯސްކުއްޖެއްހެން ހިޔެއްނުވޭ......." ހައިކަލްގެ ނަޒަރު ސަލްވާއާއި އަމާޒުވިއެވެ.

"ވިޝާމް ހަމަ ވަރަށް ރަގަޅުވާނެ. " ސަލްވާއަށް ބުނެވުނީ ބޭ އިޚުތިޔާރުގައެވެ. އޭނަ އެހާ ޔަގީންކަމާއިއެކު ބުނެލީ ވިޝާމްއަކީ އޭނަ ދެނެފަރިތަ މީހެއްކަން ހީވާގޮތަށެވެ. ސަލްވާ ކޮންމެވެސް ވަރަކަށް ހާސްވާގޮތްވެ އަވަސްއަވަހަށް ތެދުވެގެން ދާން ހިނގައިގަނެފައި ހުއްޓުނީ ހައިކަލްއަށް މޫނު ނުފެންނާނެގޮތަށެވެ.

"ކެން އައި ގެޓް ސަމް މޯ ކޮފީ؟ " ސަލްވާ ފަހަތަށް ބަލައިވެސް ނުލާ މަޑުމަޑުން އަހައިލިއެވެ. ހައިކަލް ޖަވާބެއް ނުދިނެވެ. ކޮފީ ބޯހިތްވެސް ކެނޑުނެވެ. އޭނަ ބޭނުންވީ އަޒަލްގެ ވާހަކަ ސަލްވާއާއި ހިއްސާކޮށްގެން ހިތަށް ހަމަޖެހުމެއް ހޯދުމެވެ. ކުދިންގެ ކަންތަކާއި ޚިޔާލު ހޯދާލަން އެންމެ ކައިރީގައި ވަނީވެސް ސަލްވާއެވެ. އޭނައަށްވެސް ސަލްވާގެ ޅަކަމާއި ތަޖުރިބާއެއް ނުހުންނާނެކަން އަންދާޒާކުރެވެއެވެ. އަޒަލްމެންނަށްވުރެ ޅައިރު ސަލްވާގެ ވަކި ހުންނާނީ ކޮން ވިސްނުމެއްހެއްޔެވެ؟

ސަލްވާ ވިޝާމްއަށް ތައުރީފުކުރަންވީ ސަބަބަކާއިމެދު ހިތުގައި ސުވާލު އުފެދުނެވެ. ގޯސްގޮތަކަށް ހީކުރާކަށް ބޭނުމެއްނޫނެވެ. އެހެންމީހަކު ނަމަ ހީވާނީ ވިޝާމްއާއިމެދު ސަލްވާގެ ހިތުގައި މަގާމެއް އޮތީކަމުގައެވެ. އެހެންވާންވީ އެއްވެސް ސަބަބެއްނެތެވެ. ހައިކަލް ވަގުތުން އެޚިޔާލުތައް އެއްފަރާތް ކޮށްލަންވެގެން ތެދުވެގެންގޮސް ނިވެމުންދާ އަލިފާނަށް ދަރުއަޅަން ފެށިއެވެ. ސަލްވާ ކޮފީ ޕޮޓްހިފައިގެން އައިއިރު ހައިކަލް އިނީ ކުޑަކަކޫ ޖަހާލައިގެން އަލިފާން އަންދާތަނުގެ ކުރިމަތީގައެވެ. އެމޫނަށް އަލިފާނުގެ މަޑު އަލި އެޅިފައިވާއިރު ކޮލުކަށިގަނޑު އުފުލިފައިވާލެއް ހާމަޔަށް ހުރުމުން ވަރަށް ހިތްގައިމެވެ. އެތަނުގައި ހިޔަނިތައް ނަށާލާއިރު ހިތްގައިމުކަމުގެ އިންތިހާއެވެ. މިހާ ފިނިއިރުވެސް ހައިކަލް އެއިނީ ޓީޝާޓަކާއި ޖިންސެއް ލައިގެންނެވެ. ކޫލްކަމުގެ އިންތިހާއެވެ. ސަލްވާ ސްވެޓަރުގެ މަތިން ކޯޓުލައިގެން ހުރިއިރުވެސް ފިނީގެ އިހުސާސްތައް ކުރެވެނީ ވަކިގޮތެއް ބަލާފައެއް ނޫނެވެ. ފްރީޒަރެއްގެ ތެރެއަށް އެރިފައި އިނަސް މިހާ ފިނިގަދަ ނުވާނެކަން ޔަގީނެވެ.

ހައިކަލް އަނގައިން ނުބުނެ ފޯނާއި ކުޅެންފެށުމުން ސަލްވާގެ ހިތަށް އަސަރުކުރިއެވެ. އޭނައަށް ބުނެވުނު އެއްޗަކުން މައްސަލަ ގޯސްވީއެވެ. އެފުން ހިމޭންކަމުން އުދަގޫވީވަރުން ސަލްވާއަށް އިތުރަށް އެންމެ މިނިޓަކަށްވެސް އެތާގައި އިންނާކަށް ނުކެރުނެވެ. އެތާ އޮތް ފޮތް ހިފައިގެން އޭނަ ހިނގައިގަތީ ސިޑިބަރިއާއި ދިމާލަށެވެ.

"ބެލްކަނީއަށް ދާންވީ. ގުދުރަތީ ރީތިކަން ބަލައިލީމާ ދެން އެންމެ ހިތްހަމަޖެހޭނީ......" ސަލްވާ މަތީބަޔަށް އެރިގޮތަށް ގޭގެ ފަހަތުބަޔަށެވެ. އެހިސާބުގެ މަންޒަރު މާ ހިތްގައިމެވެ. ގަސްތަކުގެ ސިލްސިލާއެވެ. ހުރިހާ ގަހެއްގައި ސްނޯގެ ފޭރާން ލެވިފައިވާއިރު ބަލާ ބަލާ ފޫހިނުވާނެއެވެ. ބެލްކަންޏަށް ނުކުތްއިރު އެތަންއޮތީ ސްނޯއިން ފުރިފައެވެ. ބެލްކަންޏާއި ދިމާލަށް ލެނބިފައިވާ ގަހެއްގެ ގޮފިތަކުގައި ސްނޯ ހަރުލާފައިވެއެވެ. މުގޮށި މީދަލެއް ގަހެއްގެ ގޮފިތަކުގެ ތެރެއިން ބޯ ނެރެބަލައިލާފާ އެތެރެއަށް ދެމިގަތީ މޫސުމާއި އެސޮރު ގަޔާނުވާކަން އަންގައިދޭފަދަ ގޮތަކަށެވެ. އެދިމާލަށް ތިރިއަށް ވެއްޓިފައި އޮތް ގަހަކީވެސް ތޫފާނުގެ ގަދަކަމުގެ ހެއްކެކެވެ. ސަލްވާ ފާރަށް ލެނގިލައިގެން ހުރިއިރު މޫނުމަތިން މޮޅިވެރިކަންފެނެއެވެ. ކެތްކޮށްގެން ހުއްޓާ މަޑުމަޑުން ދެލޮލުގައި ކަރުނަ ގިނަވާންފެށިއެވެ.

"އަހަރެން މިހާ ދެރަވާންވީ ކީއްވެ؟ ހައިކަލް ރުޅިއައިސްގެނެއް އެއްޗެއްވެސް ނުބުނޭ. އަޒަލްދެކެ ވަރަށް ލޯބިވާ ވާހަކަ ބުނީ. އައި ނޯ އަމިއްލަ ދަރިފުޅު ދެކެ ލޯބިވާނެކަން. މައްސަލައަކީ ހައިކަލް އަހަރެންދެކެ ލޯބިވާކަމެއް ނުވެސް އެނގޭ. އެންމެ ފަހަރަކުވެސް ނުބުނޭ. އަޒަލްދެކެ ލޯބިވާލެއް ބޮޑުކަމުންނޭ ބުނީމަ އެކަން އެނގިއްޖެ. އެކަމަކު......ނޫން. މިއީ ޖެލަސްވުމެއްނޫން. ރައުދާއާއި ކެމީލާދެކެ ޖޭވިޔަސް ޒެލްއަކާއި ޖޭ ނުވާނެއްނު. ޒެލްއާއި އާޒްވެސް ހާދަ ރަގަޅޭ. ދޭ އާ ލައިކް ފްރެންޑްސް. ހަމައެކަނި ބޭނުންވަނީ ހައިކަލް ޒެލްމެން ދެކެ ވާ ވަރަށް އަހަރެންދެކެ ލޯބިވުން. އެހެންވެ މިހާ ބޮޑަށް ދެރަވަނީ. ހައިކަލް އެންމެ ފަހަރަކުވެސް ނުބުނޭ ލޯބިވެއޭ. އެހެންވެ ދެރަވަނީކަމަށް ވާނީ. އެއީ ކީއްވެ؟ ވިޝާމް މިލިއަން ފަހަރު ބުނެފި ލޯބިވާވާހަކަ. އެގޮތަށް ހައިކަލްވެސް ވާނެނަމަ. އޭރުން ކިހާ އުފާވާނެ....." ސަލްވާ ކަރުނަތައް ފޮހެލާކަށް ނޫޅުނެވެ. ހިތަށް ތަސައްލީއެއް ލިބޭނީ ހުރިހާ އުދާސްތައް ބޭރުކޮށްލެވުނީމައެވެ. އޭނަ ގަހުގައި ހަރުލާފައިވާ ސްނޯއާއި ކުޅެންފެށިއެވެ.

ސަލްވާ ހުރީ ބެލްކަނީގައިކަމާއި ސްނޯމަތިން ކައްސާލާފާނެކަމަކަށް ހިތަށް ނާރައެވެ. އެއަށްވުރެ ބޮޑަށް އޭނަގެ ޚިޔާލުތައްވަނީ ހައިކަލްއާއި ގުޅި ލާމެހިފައެވެ. ތަންކޮޅެއް ކައިރިން ޖާމަން ޝެޕާޑެއްގެ ހަޅޭކުގެ އަޑު ކަންފަތުގައި ޖެހުމާއިއެކު ސިހުނުވަރުން އެނބުރިލަން އުޅުނުވަގުތު ހެދުން ގަހުގެ ކޮންމެވެސް ތަނެއްގައި އަޅައިގަތެވެ. ނައްޓަންވެގެން އުޅުނުއިރަށް އަދި މަޑުކޮށް ހުރި ސްނޯގެ މައްޗަށް އެރިފައި އަރިއަޅާލީ ހީވެސް ނުކޮށް ހުއްޓައެވެ. ސަލްވާއަށް ކަރުފަޅައިގެންދާހާ ބާރަށް ހަޅޭއްލަވައިގަނެވުނެވެ. އޭނަ އެދިޔަބާރުމިނުގައި ގޮސް ޖެހުނީ ވެއްޓިފައިވާ ގަސްގަނޑާއި ކައިރީގައެވެ. އެގަސްގަނޑުގައި ހިފަހައްޓާލެވުމާއިއެކު ތެދުވާން މަސައްތްކުރުމުން ކޮންމެވެސް ވަރަކަށް ސްނޯގެ ގެތެރެއަށް ގެނބޭގޮތްވިއެވެ. ހަތަރު ފަސްފޫޓަށް ބޯވެފައިވާ ސްނޯގެތެރޭގައި އޭނަ ވަޅުލެވިއްޖެއްޔާ ހައިކަލްއަށް އޭނަ ނުވެސްފެންނާނެކަން ހިތަށް އަރާ ސަލްވާއަޑުކޮޅަށް ހައިކަލްއަށް ގޮވަންފެށިއެވެ. ޚަބަރެއްނުވުމުން ރޮވޭގޮތްވިއެވެ. އެއާއިއެކު އޭނަ ހެއްދެވިފަރާތް މަތިން ހަދާންކޮށް ދުޢާކުރިއެވެ. އާދޭހާއިއެކު ސަލާމަތްކޮށް ދެއްވުމަށް އެދި މެދުކެނޑުމެއްނެތި ދުޢާކުރިއިރު އިންތަނުން ހިރިލާކަށްވެސް ނުކެރުނެވެ. ޕައިންގަހަކީ ލިބުނު ހިމާޔަތެއްކަމުގައި ދެކިގެން އެގަހުގައި ހިފެހެއްޓިގޮތަށް އިނީ ބިރުގެންފައިވާ ކުޑަކުއްޖެއްހެންނެވެ. އޭރު އިންތިހާއަށް ފިނިވެ މޫނުވެސް އައްސިވެ ނެތް އެއްޗަކަށް ވެއްޖެއެވެ.

ސަލްވާގެ ޚަބަރެއްނުވުމުން ހައިކަލްއަށް ނީދެވިގެން އެތެރެއަށްވަދެ ބަލައިލިއެވެ. ނިދާކޮޓަރިއާއި ކާބަޔާއި ތިރީގެ ކޮޓަރިތައް ބަލާފައި ނެތުމުން ސަލްވާގެ ނަމުން ގޮވައިލިއިރު ހިތަށް ނުބައި ގޮތެއްވެއްޖެއެވެ. ހިތުގައި އެހެން ކަހަލަ ޝައްކެއް ހިނގައިގެންފިއެވެ. އަވަސްވެލާފައި މަތީބަޔަށްގޮސް ބެލްކަނީތައް ބަލައިލެވުނީ ސަލްވާ އެކަހަލަ ގޯހެއް ހަދާފާނެކަމަށް ވިސްނާފައެވެ. ހުޅުވިފައިވާ ދޮރު ފެނުމާއިއެކު އެންމެ ކުރިންވެސް ލޮލުގައި އަޅައިގަތީ ސަލްވާގެ ފިޔަވަޅުތަކެވެ. އަދި ވަކި ހިސާބަކުން ކެހިގެން ފައިބައިފާ ސްނޯގަނޑާއި ދިމާލަށެވެ.

"އޯ ގޯޑް...." ހައިކަލްއަށް ދުވެފައި ނުކުމެވުމާއިއެކު ތިރިއަށް ބަލައިލެވުނެވެ.

"ސަލްވާ....ކީއްތިކުރީ....." ހައިކަލް ހީކުރީ ސަލްވާ ގަސްތުގައި ފުންމާލީކަމަށެވެ. ޕައިން ގަހުގެ ގޮފިގަނޑެއްގައި ހިފަހައްޓައިގެން އިން ސަލްވާއަށްވެސް މައްޗަށް ބަލައިލެވިއްޖެއެވެ. ހައިކަލްއަށް ސަލްވާއަށް ވެފައިވާ ވަރު ފެނުނެވެ. އެކުއްޖާ ހީކަރުވާފައިވާ ވަރާއި ބިރުގެންފައިވާ މިންވަރު ރީތިކޮށް ފެންނާން ހުއްޓެވެ. ނަސީބަކުން ބޯކޮށް ވެހިފައިވާ ސްނޯގެ ސަބަބުން ބެލްކަނިން ވެއްޓުމަކީ އެހާ ނުރައްކާތެރިކަމެއްވެސް ނޫނެވެ. ހައިކަލް ވަގުތު ބޭކާރު ކުރުމެއްނެތި ގޮފިތަކުގެ އެހީގައި ތިރިއަށް ފޭބިއެވެ. އެއާއިއެކު ދުއްވައިގަތީ ސަލްވާއާއި ދިމާލަށެވެ. ހައިކަލް ބަހެއް ބުނުމަކާއި ނުލައި ސަލްވާ އަތްދަނޑިމައްޗަށް އުފުލައިލިއިރުވެސް ސަލްވާގެ ލޮލުން ކަރުނަ އޮހެމުން ކޯތާފަތުގައި ހިކޭތަން ފެނުނެވެ. ރޫރޫއެޅީ ރޯމަހެއްފަދައިންނެވެ.

ގެއަށް ވަންގޮތަށް ހައިކަލް އުޅުނީ ސަލްވާއަށް ހޫނުކަން ފޯރުކޮށްދިނުމަށެވެ. އިލެކްޓްރިކް ރަޖާގަނޑު ގައިގާ އޮޅާލާފައި ހޫނު އެއްޗެއް ބޯންދިނެވެ. ސަލްވާގެ ހަށިގަނޑު ހޫނުވެ މޫނުގެ ކުލަ އިއާދަވުމުން އަތުގައި މެށިފައި ހުރިތަންތަނުގައި ބޭސްއަޅާލަދިނެވެ. ހައިކަލް އެހުރިހާކަމެއް ކޮށްދިންއިރުވެސް ސަލްވާއޮތީ ލޯ ހުޅުވައިލަން ނުކެރިފައެވެ. ލަދުންނެވެ.

"ދެންވެސް ލޯ ހުޅުވާލާފައި ބަލާނުލާނަންތަ؟ ނައު ޔޫ އާ އޯކޭ... އަދި އަހަންނަށް އެނގޭ ސަލްވާ ތިއޮތީ ނިދާފައި ނޫންކަން......" ހައިކަލް ސަލްވާގެ ކޯތާފަތުގައި މަޑުމަޑުން ހިފާލައިފިއެވެ.

"އައިމް ސޮރީ...." ސަލްވާ ފުރަތަމަވެސް މާފަށް އެދުނެވެ.

"ކޮންކަމަކާތަ؟ " ހައިކަލް އަހައިލިއެވެ.

"ހުއްދަނެތި ބެލްކަނީއަށް ދެވުނީމަ. ވަރަށް އުދަގޫޖެއްސިއްޖެ...." ސަލްވާ ހިންދިރުވައިލިއެވެ. ހިތުގައި އަދި ނުބުނާ ވާހަކަތަކެއް ވެއެވެ. އޭނައަށް ހައިކަލްއާއިހެދި އުޅެވޭތީއެވެ. އޭނަގެ ބަސްނާޙާ ހިތް ހައިކަލްއާއިމެދު ވިސްނާވަރުންނެވެ. އަޒަލްއާއި އާޒީން ދެކެ ހައިކަލް މާ ބޮޑަށް ލޯބިވާކަމަށް ޔަގީންކުރެވި އެކަމާއި ހިތަށް އުދަގޫވީތީއެވެ. އޭނަދެކެ ލޯބިނުވާތީއެވެ. އެހުރިހާ ޝަކުވާއެއް ކޮށްފިއްޔާ ހައިކަލް އޭނަދެކެ ފޫހިވެސްވެދާނެއެވެ. ހައިކަލްގެ ހިތުގައިވާ އެއްޗެއް ސަލްވާއަކަށް ނޭގެއެވެ. ހައިކަލް ލޯބިވާކަމެއް ނުވަތަ ނޫންކަމެއްވެސް ނޭގެއެވެ. ލޯބިވިޔަސް އަޒަލްމެންނަށްޓަކާ އެހިތުގައިވާ ލޯތްބާއި އޭނައަށް ވާދައެއްނުކުރެވޭނެއެވެ.

"ޒެލްއާއި އާޒްދެކެ ލޯބިވާގޮތަށް ވައި ނޮޓް މީ........" ސަލްވާގެ ހިތަށް ތަފާތު އެއްޗެހިތައް އަރަނީ އޭނަގެ އިޚުތިޔާރަކު ނޫނެވެ. ދުލުން ބޭރުކުރަން ނުކުޅެދުމުން ހައްތަހާ ހިތުގައި ފުނިޖެހުން ނޫންކަމެއް ނުވިއެވެ. އޭނަގެ ހިތްވެސް އެފަދަ ލޯތްބަށް ބޭނުންވާން ފެށީއެވެ.

"ނޫނޭ ސަލްވާ. ސަލްވާ ތިގޮތަށް ސްޓަންޓެއް ޖެއްސުމުން އަހަރެންގެ ކަންނެތްކަން ފިލުވާދީފި. އެކަނި ކައިގެން ނިދުން ނޫންކަމެއް ނުކޮށް ބަންދުވެގެން ތިބެގެން ކަމަކުނުދާނެ. އަވަށްޓެރިން މިހާރު ޝޮވެލްކޮށްގެން ގެއިން ނުކުމެވޭނެގޮތްވެސް ހަދާފާނެ. އައި ބެޓާ ގެޓް ގޮއިން........" ހައިކަލް ހުރީ ސީރިޔަސްވެފައެވެ. ސަލްވާއާއިމެދު ވިސްނޭވަރަކަށް އެހިތަށް އެހެން ކަހަލަ އުދަގޫތަކެއްވެސް ވަނީއެވެ. މިއަދުވެސް ތަންކޮޅެއް ލަސްވެގެން ސަލްވާއަށް ދެރަގޮތެއްވިނަމަ އޭނަ ކެތްކުރާނީވެސް ކިހިނެއްބާވައޭ ހިތަށްއެރިއެވެ. ސަލްވާއަށް ކުޑަ ކުޑަ އަނިޔާއެއް ލިބޭކަށްވެސް އޭނަގެ ހިތެއްނޭދެއެވެ. ހުރިހާ ކަމަކުން ހިމާޔަތްދޭން އޭނަ ބޭނުމެވެ.

ހޮޓް ޗޮކްލެޓަކާއި ޕޭންކޭކު ގެނެސް ބެހެއްޓުމަށްފަހު ހައިކަލް އުޅެގަތީ ޝޮވެލްކުރުމަށެވެ. އެންމެ ކުރިން ބޭނުންކުރީ ސްނޯބްލޯވާއެކެވެ. ހައިކަލް ސްނޯ ކަހާތަން ބަލާހިތުން ސަލްވާއަށް ނޯވެވިގެން ކުޑަދޮރުގައި މޫނު ޖައްސާލައިގެން އިނެވެ. އެވަރުގަދަ އަތުގެ މުލައްދަނޑީގެ ބާރު ހާމަވަނީ އެފަދަ ވަގުތުތަކުގައެވެ. ސްނޯ ކަހަމުންގޮސް މަގާއި ހަމަޔަށް ހަނި މަގެއް ހަދާލިއިރު ދެފަރާތުގައި މީހެއްގެ އިސްކޮޅަށް ސްނޯ ފުނި ޖެހިފައި ހުރިއިރު ހާދަ ހިތްގައިމެވެ. ގަނޑުވިޔަސް ބޭރަށް ނުކުންނަހިތުން ސަލްވާއަށް ކެތްކުރެވުނީއެއް ނޫނެވެ.

ހަތަރުގަޑި ބައިނުވަނީސް އިރުއޮއްސިއްޖެއެވެ. ހައިކަލްއާއި ސަލްވާ މަޣުރިބުނަމާދުކުރިއެވެ. އެއަށްފަހު އިޝާކޮށްލައިގެން ސަލްވާ އިނީ ގުރުއާންކިޔަވާށެވެ. ހައިކަލް އެދުނީ އޭނައަށްވެސް އިވޭވަރަށް ބާރަށް ކިޔެވުމަށެވެ. ވަރަށް ލަދުން އިނދެފައިވެސް މަޚުރަޖުން ކިޔަވަންފެށުމުން ހައިކަލްވެސް އިނީ އެރީތި އަޑުގެ ޖާދޫގައި ޖެހިފައެވެ. ސަލްވާގެ އެފޮނި ފޮނި އަޑުން ގުރުއާން ކިޔެވުމަކީ ދުނިޔެއިން އިވުނު އެންމެ ރީތި އަޑުކަމުގައި ވިއެވެ. ރާގުވެސް އެހާ ހިތްގައިމުކަމުން ގައިން ހީބިހި ހަލުވާވަރުވިއެވެ. ސަލްވާ ގުރުއާން ކިޔަވާ ނިމުމުން ހައިކަލް ކޮންމެހެން ރީތި ވާހަކަ ބުނެ ތައުރީފުކުރާކަށް ނޫޅުނެވެ.

"ތިހެން ގުރުއާން ކިޔަވަން އެނގޭ ކުއްޖަކަށް ލަވަވެސް ކިޔަން އެނގޭނެ. ދިވެހި ލަވައެއް ކިޔާދީފާނަންތަ؟ " ހައިކަލް ބުނެލީ ހީލާފައެވެ. ސަލްވާއެހާ ރަކިވީ ލަވަ ކިޔަންޖެހުނީމައެއް ނޫނެވެ. ހައިކަލް ބަލާލާގޮތުންނެވެ. އެ ދެލޮލުން ހީވަނީ ހިތަށް ތީރުތައް ހަރާހެންނެވެ. ތޫނުދެލޮލުން ހިތް ފޫއަޅުވާލާފަދައެވެ. އެވަރަށް ބަލަންޏާ ކިޔޭނީ ލަވައެއްނޫނެވެ. ސަލްވާ ގޮސް އިށީނީ ކުޑަދޮރުގެ ދާރަ މަތީގައެވެ. އެތަން ފުޅާކޮށް ހަދާފައި އިނުމުން ބޭރުން ފެންނަ ރީތި މަންޒަރުތައް ބަލަން ކޮފީއެއް ބޯލަންވެސް އިދެވިދާނެއެވެ. ހައިކަލް އައިސް ކައިރީގައި ހުއްޓިލިއެވެ. ސަލްވާގެ ފައިގާ ހައިކަލްގެ ފައިޖެހި ބާރުވިއެވެ. އެ ކައިރިކަން ސަލްވާގެ ހަށިގަނޑުގައި އާދަޔާ ޚިލާފު ކަރަންޓު ރާޅުބާނިތަކެއް ދަތުރުކުރުވިއެވެ. ހައިކަލް ކުޑަދޮރުގައި އަތްވިއްދާލައިގެން ހުރިއިރު ސަލްވާގެ މޫނަށް ނުބަލައެވެ. އެވެސް ނަސީބެކޭ ހިތަށް އެރިއެވެ.

"ސޯ ހަނީ ނައު. ޓޭކް މީ އިންޓު ޔޯ ލަވިން އާމްސް ނައު. ކިސްމީ އަންޑާ ދަ ލައިޓްސް އޮފް އެ ތައުޒަންޑް ސްޓާސް. ޕްލޭސް ޔޯ ހެޑް އައުޓް އޮން މައި ބީޓިން ހާޓް. އައިމް ތިންކިން އައުޓް ލައުޑް. މޭބީ ވީ ފައުންޑް ލަވް ރައިޓް ހިއަ........" ސަލްވާ ހަމަޖެހިލާފައި ލަވައެއްގެ ތަންކޮޅު ކިޔާލުމުން ހައިކަލްއަށް ސަލްވާގެ މޫނަށް ބަލައިލެވުނެވެ. އެއީ ހަމަ ސަލްވާގެ ހިތުގެ އަޑުހެއްޔެވެ؟ އޭނަގެ ކައިރީގައި ހިތުގައިވާ ޝުއޫރުތައް ބަންޑުންކޮށްލީބާވައެވެ. ހާދަ ކުޅަދާނަ އަންހެންކުއްޖެކެވެ. މަޑުމަޑުން ހުއްޓަސް ލަވަކިޔަންވެސް އެހާ މޮޅެވެ. ނޭގި މިކަހަލަ ކިތައް ސިފަ އެބަހުރިހެއްޔެވެ؟ އެއަޑަށްވެސް ހިތްކިޔައިފިއެވެ. ހައިކަލް މަޑުމަޑުން ސަލްވާގެ އަތްތިލަ ގެނެސް އޭނަގެ އަތުތެރެއަށް ލިއެވެ. އަދި ދެން ކޮނޑުގައި ދަތްދޮޅި އަޅުވާލުމަށްފަހު ލަވަ ކުރިއަށް ގެންދަން އެދުނެވެ. ސަލްވާއަށް ހިތްވަރުލިބި ލަވައިގެ ތެރެއަށް ވަދެވުނުގޮތަށް ޓޭލާ ސްވިފްޓްއަކަށް ދޫނުކުރާނެއެވެ. ހިތާއި ރޫހުވެސް އެކަމަށް މުޅީން ހުސްވެ ދެލޯ މަރާލުމަށްފަހު ސަލްވާ ލަވަކިޔަމުން ދިޔައިރު ވަށައިގެންވާހާ އެއްޗެއްވެސް އެއަޑުގެ ޖާދޫގައި ޖެހުނުފަދައެވެ.

ވިޝާމް އުޅޭގޮތުން އަޒަލް ބަލަންފެށީ ސަބަބެއްނެތި އެއްނޫނެވެ. އޭނަގެ ބޮޑީގާޑަކަށްވެގެން އޭނަ ހިމާޔަތްކޮށްދޭން އައި ޒުވާނާ ރޯޒްމެހެލްއަށް އައުމަށްފަހު އަޒަލްއަށް ފާހަގަކުރެވެނީ އެހެން ކަންތައްތަކެއްގައި މަޝްޣޫލުވެގެން އުޅޭތަނެވެ. ގޭގައި ހުރެއްޖެއްޔާ ކޮންމެވެސް މީހަކަށް ފާރަލާފަދައެވެ. އެކި ކޮޓަރިތަކަށްވަދެ އޮޅުން ފިލުވަން އުޅެނީ ކޯންޗެއްބާވައޭވެސް ހިތަށް އަރައެވެ. ނުވީތާކަށް ގޭގެ އެއްފަރާތުގައި ވަކިން ހުންނަ ކޮޓަރިއަށްވަދެފައި ހުއްޓާ މެހެރީނާއަށް ފެނިގެންއެވާހަކަ ނާޒްމީ ކައިރީގައިވެސް ދެއްކިއެވެ. ވިޝާމް އެގެއަށް ގެނައި ފޮށިގަނޑުވެސް އެހާ ސިއްރުވެރިއެވެ. ވިޝާމްގެ ނިޔަތާއިމެދު އަޒަލްއަށް ޝައްކުވިއެވެ. އެހާވަރުން ކައިވެނިކުރިމީހާގެ ފަރާތުން އެއްވެސް އެހީއެއް ނުލިބުނެވެ. އަޒަލް ދެރަވެ ރުޅިއަންނަގޮތްވެސް ވިއެވެ. ސުވާލުކުރުމުގެ ބަދަލުގައި އޭނަވެސް ފާރަލާންފެށިއެވެ.

ވިޝާމް ގެއަށް އައީ ބާރަޖެހިފަހުންނެވެ. ކޮޓަރީގައި އޮތް އޮރެންޖް އަލި ވިޝާމްގެ މޫނަށް އެޅުމުން ހުރީ ރަންކުލައެއް އަރާފައެވެ. ޓައީއަށް ދޫކޮށްލަމުން ސޯފާއަށް ވެއްޓިގަތްގޮތަށް ފޯނާއި ކުޅެންފެށިއެވެ. އަޒަލްވެސް ލެޕް ލައްޕާލިއެވެ.

"ހާދަ ލަހުން ވިޝާމް. އަހަރެންވެސް މިރޭ ނިދި ނައިސްގެން މިހިރީ. އާޒްއާއިއެކު ޝޮޕިންއަށް ދިޔަގޮތަށް އެގާރަ ޖެހިފަހުން އާދެވުނީ...." އަޒަލް އަލަމާރި ހުޅުވާލުމަށްފަހު ސޯޓަކާއި ކުރު ޓޮޕްކޮޅެއްނެގިއެވެ. ވިޝާމް ބަލަން ހުއްޓަސް މިރޭ އޭނަ ހެދުންވެސް ބަދަލުކުރާނީއެވެ. މިއީ ހިތެއްވެސް އޮންނަ މީހެއްނޫނެވެ. އަނެއްކާ "ގޭއި" މީހެއްބާވައެވެ. އެނގިދާނެތާއެވެ. އެމެރިކާގައި ކުރީއްސުރެން އުޅެ ކުރު ހެދުންލާތީ ވިޝާމް ހުއްޓަސް އޭނަ އެހާ ޖެހިލުމެއްނުވެ ލައިގެން ހުރި ޖިންސް ބޭލިއެވެ. އަދި ޓީޝާޓްގައި ހިފާ ގަޔާއި ވަކިކޮށްލިއެވެ.

"ވިޝާމް ސުވާލެއްކުރަންތަ؟ " އަޒަލް އަހާލައިފިއެވެ.

"ހޫމް..." ވިޝާމް ބަލައިވެސް ނުލިއެވެ.

"މިއީ ކެންސަރަށް ވެދާނެތަ؟ " އަޒަލް ބަނޑުގައި ހުރި ކަޅުތިލައެއްގައި އިނގިލި ޖައްސާލުމަށްފަހު ކައިރިއަށް އައެވެ. އޭރު ވިޝާމްއިނީ މެސެޖެއްލިޔާށެވެ. އަޒަލް ކައިރިވުމުން އެލިޔާ އެއްޗެއް ނުދައްކަންވެގެން ތަންކޮޅެއް މައްޗަށް ފޯނު ހިއްލާލައިފިއެވެ.

"އަހަރެން އެބަ ސުވާލެއްކުރަމޭ...." އަޒަލް ދެވަނަފަހަރަށް ބުނުމުން ވިޝާމް ފޯނުން ނަޒަރު ވަކިކޮށްލިއެވެ. އަޒަލް އެގޮތަށް ކުރިމަތީގައި ހުރިތަން ފެނިފާވެސް އެމޫނުގެ ޝުއޫރު ބަދަލެއްނުވިއެވެ. ވިޝާމް ވަރަށް ފަރުވާކުޑަގޮތަކަށް އަޒަލް ދެއްކި ތަންކޮޅަށް ބަލައިލާފާ ހަމައެކަނި " ނޯ' އަކުން ފުއްދާލުމާއިއެކު އަޒަލް ހީގަނެފައި ވިޝާމްގެ ފޯނު ދަމައިގަތެވެ.

(ނުނިމޭ)

comment ކޮމެންޓް