ގަނޭޝް އާޗާރިޔާ: ދޮޅު އަހަރުން 85 ކިލޯ ލުއިކޮށްލި ގޮތުގެ ވާހަކަ

ގައުމީ އެވޯޑު ހޯދާފައިވާ ކުޅަދާނަ ކޮރިއޯގްރާފަރު، ގަނޭޝް އާޗާރިޔާ އަކީ ވަރަށް ފަލަކޮށް ހުރި މީހެކެވެ. އެހެން ނަމަވެސް އޭނާގެ އެންމެ ފަހުގެ ފޮޓޯތައް ވަރަށް ތަފާތެވެ. މީހާ ހުރީ ވަރަށް ބޮޑަށް ހިކިފަ އެވެ. ދޮޅު އަހަރެއްހާ ދުވަސްތެރޭގައި ގަނޭޝް މި ހެދީ ކިހިނެތް ހެއްޔެވެ؟

ގަބޫލުކުރަން އުނދަގޫވި ނަމަވެސް ގަނޭޝް މިވަނީ ފާއިތުވި ދޮޅު އަހަރެއްހާ ދުވަސް ތެރޭގައި 85 ކިލޯ ލުއިކޮށްލައިފައެވެ. ބަރުދަން ލުއިކުރި ގޮތާ ގުޅޭގޮތުން ވާހަކަ ދައްކަމުން ގަނޭޝް ބުނީ، ހަށިގަނޑަށް އެހާ ބޮޑު ބަދަލެއް ގެނެވުނީ ވަރަށް ބުރަ މަސައްކަތުން ކަމަށެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ނުކުތް އޭނާގެ ފިލްމު 'ހޭ ބްރޯ' އަށް ގަނޭޝް ވަނީ އޭނާގެ ބަރުދަން ސާޅީހަކަށް ކިލޯ އިތުރުކޮށްފައެވެ. އެއާއެކު އޭނާގެ ބަރުދަން 200 ކިލޯއަށް އެރި އެވެ.

'ބާގް މިލްކާ ބާގް' (2013) ގައި ހިމެނުނު ލަވަ 'މަސްތޯން ކާ ޖަންޑް' އިން ގައުމީ އެވޯޑު ހޯދި ގަނޭޝް ބުނީ ހިކެން ބޭނުންނީ، އޭނާގެ އެހެން "ވާޝަން" އެއް ދައްކާލުމަށް ކަމަށެވެ.

"ބެލުންތެރިންނަށް ފެނިފައި ވާނޯ ފަލަ ގަނޭޝް އާޗާރިޔާ. އެހެންވެ އަހަރެން ބޭނުންވީ އެ އިމޭޖް ބަދަލުކޮށްލަން. މިހާރު 85 ކިލޯ ލުއިކޮށްލެވިއްޖެ،" ގަނޭޝް ބުންޏެވެ.

ގަނޭޝް ބުނީ ފަލަކޮށް ހުރި އިރު ވެސް އޭނާ ނެށުން ހުއްޓާލާފައި ނުވާ ކަމަށާއި، އެހެން ނަމަވެސް މިހާރު ހަށިގަނޑަށް ވަރަށް ބޮޑަށް ލުއިވެ، ނަށާއިރު އެެކަން ފާހަގަ ކުރެވޭ ކަމަށެވެ.

ގަނޭޝް މިހާރު އަންނަނީ އޭނާ ބަރުދަން ލުއިކުރި ގޮތުގެ ވީޑިއޯ ޑޮކިއުމެންޓްރީ އެއް ތައްޔާރު ކުރަމުންނެވެ. ވަރަށް އަވަހަށް އެ ޑޮކިއުމެންޓްރީ ޔޫޓިއުބުގައި އާންމު ކުރާނެ އެވެ.

comment ކޮމެންޓް