ބުރިޖުގެ އައިބީމްތައް އަޅަން ފަށަނީ

ބްރިޖުގެ ކޮންކްރީޓު ތަނބެއް ނިމިފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ އައިބީމްތައް މާދަމާ އަޅަން ފަށާނެ ކަމަށް ހައުސިންގް މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހުޅުލެއާ މާލެއާ ދެމެދު އަޅާ ބްރިޖުގެ ސުޕަ ސްޓްރަކްޗަރ އެޅުމުގެ ފުރަތަމަ މަސައްކަތަކީ އައިބީމްތައް އެޅުމެވެ. ބްރިޖުގެ ޑެކުތައް އަޅާނީ އައިބީމްގެ މަތީގައެވެ.

ބްރިޖުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ނޫސްވެރިންނަށް ދައްކާލުމަށް މިއަދު ކުރިޔަށް ގެންދިޔަ ޓުއާގައި، ނޫސްވެރިންނާ ވަހަކަދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ މާދަމާ ބާއްވާ ފުރަތަމަ އައިބީމަކީ ބްރިޖުގެ މާލޭ ކޮޅުން ބާއްވާ ބީމެއް ކަމަށެވެ.

ހައުސިންގް މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު މީޑިއާއަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިނިސްޓަރު ވިދާޅުވީ މުޅި ބްރިޖުގައި އެކަނިވެސް ޖުމްލަ 240 އައިބީމް ސެގްމެންޓް ހުންނާނެ ކަމަށާއި، މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ދާނެ ކަމަށެވެ.

އެގޮތުން، މެޓީރިއަލާއި، މީހުންނާއި ފައިސާގެ ގޮތުންވެސް މަޑުޖެހުމެއް ނެތް ކަމަށާއި، ބްރިޖުގެ މަސައްކަތުގެ ކޮލިޓީވެސް ރަނގަޅަށް ދަނީ މޮނީޓަރު ކުރެވެމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މިއަހަރުގެ ނިޔަލަށް އެޕްރޯޗު ބްރިޖުގެ ޑެކުގެ ބޮޑުބައެއް ނިމިގެންދާނެ ކަމަށާއި، ހުރިހާ ކަމެއް ދަނީ ޝެޑިއުލާ އެއްގޮތަށް ކަމަށެވެ.

ބްރިޖުގެ ކޮންކްރީޓު ތަނބެއް ނިމިފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޗައިނާގެ ސީސީސީސީ ސެކަންޑް ހާބަރ އިންޖިނިއަރިންގް ކޮމްޕެނީއިން ބްރިޖުގެ މަސައްކަތް ކުރަން ފެށީ، 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެތަން ނިންމައި، ބޭނުންކުރަން ފެށޭނެ ގޮތް ހަމަޖައްސައިދޭށެވެ. ނަމަވެސް އެ ކުންފުނިން ބުނެފައި ވަނީ، އަންނަ އަހަރުގެ ރާއްޖޭގެ މިނިވަން ދުވަހުގެ ނިޔަލަށް ބްރިޖު ނިންމުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

ބްރިޖުގެ މަސައްކަތްތައް މިހާރު ވެސް ހުރީ ޝެޑިއުލަށް ވުރެ އެއް މަސް ދުވަސް ކުރީގައި ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. މާލެ ފަޅީގެ އެޕްރޯޗު ބްރިޖުގެ އެންމެ ފަހުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރިޔަށެވެ. ސީސީސީސީ ސެކަންޑް ހާބަރ އިންޖިނިއަރިންގްގެ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި، ފަސް ދުވަސް ތެރޭގައި އެ ފައުންޑޭޝަން ބިމުގެ އަޑިއަށް އެއްކޮށް ޖަހައި، އެ މަސައްކަތް ވެސް ނިންމާލެވޭނެ ކަމަށެވެ.

comment ކޮމެންޓް