ރެއާލް ދޫކޮށް ޕެޕޭ ބެސިކްޓަސްއާ ގުޅިއްޖެ

ފްރާންސްގައި މިދިޔަ އަހަރު ބޭއްވި ޔޫރޯ 2016 ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕެޕޭ -- ފޮޓޯ: ގެޓީ

ރެއާލް މެޑްރިޑަށް ކުޅެމުން ދިޔަ ޕޯޗްގަލް ޑިފެންޑަރު ޕެޕޭ، ފްރީ ޓްރާންސްފަރއެއްގައި ތުރުކީގެ ޗެމްޕިއަންސް ބެސިކްޓަސް އާ ގުޅިއްޖެއެވެ.

ޕެޕޭ އަކީ ބްރެޒިލަށް އުފަން ކުޅުންތެރިއެއް ނަމަވެސް އޭނާ ވަނީ، ޕޯޗްގަލްގެ ރައްޔިތަކަށްވެ، ގައުމީ ޓީމަކަށް އޭނާ ކުޅުނު ފުރަތަމަ މެޗު 2007 ވަނަ އަހަރު ޕޯޗްގަލް ޓީމަށް ކުޅެފައެވެ.

ޕޯޗްގަލްގެ ޕޯޓޯއިން 2007 ވަނަ އަހަރު ރެއާލް މެޑްރިޑާ ގުޅުނު ޕެޕޭ، ސަންތިއާގޯ ބެރްނަބެއުގައި 10 އަހަރު ހޭދަކުރުމަށްފަހު ރެއާލާ ވަކިވީ އޭނާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުންނެވެ.

މިހާރު އުމުރުން 34 އަަހަރުގެ ސެންޓްރަލް ޑިފެންޑަރު ވަނީ ރެއާލަށް ގާތްގަނޑަކަށް 350 މެޗު ކުޅެފައެވެ. އެ މުއްދަތުގެ ތެރޭގައި އޭނާ ވަނީ ރެއާލާއެކު ލަ ލީގާ ތިން ފަހަރު، ޗެމްޕިއަންސް ލީގު ތިންފަހަރު ކާމިޔާބުކޮށްފައެވެ. އަދި އެ މުއްދަތުގެ ތެރޭގައި އޭނާ ވަނީ ރެއާލަށް 15 ލަނޑު ކާމިޔާބުކޮށްދީފައެވެ.

މިދިޔަ އަހަރު ބޭއްވި ޔޫރޯ 2016ގެ ފައިނަލްގައި، މުބާރާތް ބޭއްވި ފްރާންސާ ބަލިކޮށް ޕޯޗްގަލް އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދިއިރު، ފައިނަލް މެޗުގެ މޭން އޮފް ދަ މެޗުގެ މަގާމަށް ހޮވިފައި ވަނީ ޕެޕޭއެވެ.

ރިޕޯޓުތައް ބުނާގޮތުން، ބެސިކްޓަސްއަށް ސޮއިކުރުމުގެ ކުރީން ޕެޕޭ ވަނީ، ޕީއެސްޖީއާ ގުޅުމަށް އެ ކްލަބުގައި މެޑިކަލް ހަދައިފައެވެ.

ބެސިކްޓަސްއާ ޕެޕޭ ގުޅުނު ނަމަވެސް އޭނާގެ ކޮންޓްރެކްޓްގެ މުއްދަތު އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް