ރޮނާލްޑޯގެ ''ނިބޫ ދެބެން'' އޭނާގެ ދޮށީ ދަރިފުޅަށް ދައްކާލައިފި

ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ކްރިސްޓިއާނޯ ޖޫނިއަރ، ނިބޫ ދެބެން އުރާލައިގެން -- އިންސްޓަގްރާމް ފޮޓޯ

ކްރިސްޓިއާނޯ ރޮނާލްޑޯއަށް އަލަށް ލިބުނު ނިބޫ ދެބެން، އޭނާގެ ދޮށީ ދަރިފުޅު ކްރިސްޓިއާނޯ ޖޫނިއަރއަށް ތައާރަފްކޮށްދީފިއެވެ.

ރެއާލް މެޑްރިޑްގެ ތަރި ވަނީ، ހަތަރުބަފައިން އެކުގައި ނަގާފައިވާ ފޮޓޯއެއް، އަންގާރަ ދުވަހު އޭނާގެ އިންސްޓަގްރާމްގައި ޕޯސްޓުކޮށްފައެވެ.

ދެބަފައިން އުނދޯއްޔެއްގައި އިށީނދެގެން ތިބިއިރު، ކުޑަކުޑަ ރޮނާލްޑޯ އިނީ އޭނާގެ އަންހެން ކޮއްކޮ އީވާ އުރާލައިގެން ގަޔާލައި ބޮނޑިކޮށްލައިގެންނެވެ. އުފާވެރިކަމާއެކު ދެބަފައިން އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބިއިރު، ބައްޕަ ރޮނާލްޑޯ އިނީ އޭނާގެ ހަގު ފިރިހެންދަރިފުޅު މަޓިއޯ ގޮވައިގެންނެވެ.

އުމުރުން 32 އަހަރުގެ ޕޯޗްގީޒް ކެޕްޓަން، އޭނާގެ ތިން ދަރީންނާއެކު ފުރަތަމަ ފަހަރަށް ނަގާފައިވާ ފޮޓޯ ޕޯސްޓުކޮށްފައި، އެ ދަރީންނަކީ އޭނާއަށް ލިބުނު ރަހްމަތެއް ކަމުގައި ބުނެފައިވެއެވެ.

ނިމިދިޔައީ ރޮނާލްޑޯއަށް ވަރަށް ދިގު ފުޓްބޯޅަ ސީޒަނަކަށް ވާއިރު، އޭނާ އެންމެ ފަހުން ކުޅެފައި ވަނީ ޕޯޗްގީޒް ގައުމީ ޓީމާއެކު ފީފާ ކޮންފެޑެރޭޝަންސް ކަޕެވެ.

ހުނަރުވެރި ފޯވާޑް ވަނީ އޭނާގެ ޓީމު، ކޮންފެޑެރޭޝަންސް ކަޕްގެ ސެމީ ފައިނަލާ ހަމައަށް ގެންގޮސްދީފައެވެ. ސެމީފައިނަލާ ހަމައިން ޕޯޗްގަލް ކެޓީ މިފަހަރުގެ ރަނަރަޕް ޗިލީ އަތުންނެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ނިބޫ ދެބެންނާއެކު -- ފޮޓޯ: ގެޓީ

އެއްމާބަނޑު ދެބެން ލިބުނުކަން ރަސްމީކޮށް ރޮނާލްޑޯ އިއުލާނުކުރީ ޗިލީ އަތުން ބަލިވި މެޗަށް ފަހުއެވެ.

ހަތް އަހަރުގެ ކްރިސްޓިއާނޯ ޖޫނިއަރ އެކޭ އެއްގޮތަށް ރޮނާލްޑޯގެ ނިބޫ ދެބެން ހޯދައިފައިވަނީ ވެސް ''ސަރޮގެޓް މަދަރ''އެއްގެ އެހީގައެވެ.

ރޮނާލްޑޯގެ ފުރަތަމަ ދަރިފުޅު އުފަންވީ، އެމެރިކާގެ ފްލޮރިޑާގެ ހޮސްޕިޓަލަކަށެވެ. އަދި ދެވަނައަށް ލިބުނު ނިބޫ ދެބެން އުފަންވީ، މެކްސިކޯގެ ހޮސްޕިޓަލަކަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެން ނަމަވެސް މި ދެފަހަރުވެސް އެކުދީން ވިހެއި މީހާއަށް ވިހެއުމަށް ފަހު އެ ދެކުދީން ފެނިފައި ނުވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މަންމައަކާ ނުލައި ދަރިން ގެންގުޅެނީ ކީއްވެތޯ ސުވާލުކުރުމުން ރޮނާލްޑޯ ބުނިކަމަށް ވަނީ، އެއީ މައްސަލައެއް ނޫން ކަމަށެވެ.

"އަހަންނަށް އެއީ މައްސަލަ އެއް ނޫން. އަހަރެން ދުނިޔެއަށް ބުނެލަން އޮތީ، ބައިވަރު ކުދީން ބޮޑުވެއޭ، މަންމަ ނުވަތަ ބައްޕައާ ނުލައި. މަންމަ ނުވަތަ ބައްޕަ މަރުވެފައި... ކްރިސްޓިއާނޯގެ އެބަހުރި އޭނާދެކެ އިންތިހާއަށް ލޯބިވާ ބައްޕައެއް،" ރޮނާލްޑޯގެ ދޮށީ ދަރިފުޅުގެ މަންމައާ ގުޅޭގޮތުން ސުވާލުކުރުމުން އޭނާ ބުންޏެވެ.

"އޭނަގެ މާމައެއް އެބަހުރި، އަހަންނަށް އާއިލާގެ އެހީއާ އެއްބާރުލުން ލިބޭ."

ރޮނާލްޑޯ އޭނާގެ ފިރިހެން ދަރި ކްރިސްޓިއާނޯ ރޮނާލްޑޯ ޖޫނިއާ އާއި ލޯބިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒްއާއެކު --- ފޮޓޯ/ ރެކްސް ފީޗާޒް

ރޮނާލްޑޯ ބުނީ، ކޮންމެ މީހެއްގެ ވެސް އަމިއްލަ ޒާތީ ދިރިއުޅުމެއް އޮންނާނޭ ކަމަށާއި، އެކަމަށް އެހެން މީހުން އިހްތިރާމް ކުރާން ޖެހޭނޭކަމަށެވެ.

ރޮނާލްޑޯއަށް ނިބޫ ދެބެން ލިބުނު ހަބަރާއެކު އޭނާގެ މިހާރުގެ ލޯބިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒް ވެސް ބަލިވެ އިންކަމަށް ހަބަރުތައް ބުނެއެވެ. ހަބަރުތައް ބުނާގޮތުގައި، ޖޯޖީނާގެ ބަނޑަށް މިހާރު ފަސް މަހެވެ. އަދި އޭނާ ބަލިވެ އިނީ އަންހެން ކުއްޖަކަށް ކަމަށް ވެސް ޚަބަރުތައް ބުނެއެވެ.

comment ކޮމެންޓް