ޖީއެސްޓީއާ އެކު އިންޑިއާއަށް ތާރީޚީ ބަދަލެއް

އިންޑިއާގެ ސިޓީއެއްގައި ފިހާރައެއް --- ފޮޓޯ/ އޭއެފްޕީ

އިންޑިއާގެ އެކި ސްޓޭޓުތަކުން ތަފާތު ރޭޓުތަކުން ޓެކްސް ނަގަމުން ދިޔަ ދިއުން ހުއްޓުވުމުގެ ގޮތުން އެގައުމުގެ ހުރިހާ ސްޓޭޓަކުން އެއް ރޭޓަކުން ޖީއެސްޓީ ނެގުމަށް މި ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވަނީ ފަށައިފައެވެ. މިއީ އިންޑިއާގެ ޓެކްސް ނިޒާމަށް އައި ވަރަށް ތާރީޚީ، ބޮޑު ބަދަލެކެވެ.

އެކި ސްޓޭޓުތަކުން އެކި ރޭޓުތަކުގައި ތަފާތު ޓެކްސްތައް ނެގުމުގެ ސަބަބުން ރައްޔިތުންނަށް ދިޔައީ ގިނަ ދަތިތަކަކާ ދިމާވަމުންނެވެ. އިންޑިއާގައި ވިޔަފާރިކުރާ ކުންފުނިތަކުން އެކި ސްޓޭޓުތަކުގެ ސަރުކާރުތަކަށް ދައްކަންޖެހެނީ އެކި ރޭޓުތަކުގެ، ތަފާތު ޓޭކްސްތަކެކެވެ. މީގެ އިތުރުން ބައެއް ސްޓޭޓުތަކުގައި ޓެކްސް ބޮޑުވެފައި، އަނެއް ސްޓޭޓެއްގައި ޓެކްސް ރޭޓު ކުޑަވުމުގެ ސަބަބުން ހަމަހަމަކަން ނެތިގެން ދެއެވެ.

މިކަމަށް ހައްލެއް ގެނައުމަށްޓަކައި، އެގައުމުގެ މަރުކަޒީ ސަރުކާރުން ކަނޑައަޅާ އާލަމީ ރޭޓުތަކެއްގައި ޖީއެސްޓީ ނެގުމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ނިންމިއެވެ.

ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އިންޑިއާގެ ހުރިހާ ސްޓޭޓެއްގައިވެސް މުދަލާއި ޚިދުމަތްތަކުގެ އަގުން ޓެކްސް ނަގާނީ އެއް ރޭޓެއްގައެވެ.

އެހެން ނަމަވެސް އެކި މުދަލާއި ޚިދުމަތަށް އެކި ރޭޓުތައް ހުރެއެވެ.

ޓެކްސް ނަގާ ރޭޓުތަކަކީ ފަސް ޕަސަންޓު، 12 ޕަސަންޓު، 18 ޕަސަންޓު އަދި 28 ޕަސަންޓެވެ. ތަރުކާރީ އަދި ކިރު ފަދަ މުދަލުން ޖީއެސްޓީ ނުނަގާނެއެވެ.

ޖީއެސްޓީ ތައާރަފުކުރުމާ ގުޅިގެން އިންޑިއާގައި މިދުވަސްވަރު ތަކެތީގެ އަގު ބޮޑުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެގައުމުގެ އިގްތިސާދީ މާހިރުން ބުނެއެވެ. އަދި އެގައުމުގެ އިގްތިސާދީ ދުވެލި، ކުޑަ ދުވަސްކޮޅަކަށް މަޑުޖެހޭނެ ކަމަށް ބެލެވޭ ކަމަށާއި، އެހެން ނަމަވެސް ޓެކްސްގެ ނިޒާމަށް ގައުމު ހޭނުމުން އިގްތިސާދު ކުރިއަރައި ދިއުމާ ދިމާލަށް ދަތުރުކުރާނެ ކަމަށް މާހިރުން ބުނެއެވެ.

ޓެކްސް ނަގަން ފެށުމުގެ ސަބަބުން އިންޑިއާގެ ސަރުކާރަށް ޓެކްސް ރެވެނިއުގެ ގޮތުގައި ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް އެގައުމުގެ ފިނޭންސް މިނިސްޓަރު އަރުން ޖައިތުލީ ވިދާޅުވެއެވެ.

ޖީއެސްޓީ ނަގަން ފެށުމާ އެކު އިންޑިއާގައި އަގުހެޔޮވެގެން ދިޔަ އެންމެ މުހިންމު އެއް މުދަލަކީ ކާރެވެ. އެކި ބްރޭންޑާއި މޮޑެލްތަކުގެ ކާރުތަކުގެ އަގުން 1،000 ރުޕީސްއިން ފެށިގެން އެތައް ލައްކަ ރުޕީސްއާ ހަމައަށް ވަނީ އުނިވެގެން ގޮސްފައެވެ.

ޖީއެސްޓީއާ ގުޅިގެން ބައެއް މުދަލުގެ އަގު އުފުލިފައިވާ އިރު، ބައެއް ސްޓޭޓުތަކުގައި ދަނީ ހިތްހަމަނުޖެހުންވެސް ފާޅުކުރަމުންނެވެ. އެގޮތުން ޓަމިލް ނާޑޫ ސްޓޭޓުގެ ސިނަމާތަކާއި ތިއޭޓާރުތަކުން ވިއްކާ ޓިކެޓުން މިހާރު ނަގާ، 30 ޕަސަންޓު އެންޓަޓެއިންމެންޓް ޓެކްސްގެ އިތުރުން 28 ޕަސަންޓުގެ ޖީއެސްޓީވެސް ނަގަން ޖެހޭތީ ސިނަމާ ހިންގާ ފަރާތްތަކުން ވަނީ ފިލްމު ދެއްކުން ހުއްޓާލައިފައެވެ.

comment ކޮމެންޓް