ކުޝާލް ކައިވެންޏާ ދިމާލަށް؟

ސޮނީ އިން ގެނެސްދޭ ޑްރާމާ ސިލްސިލާ 'ބޭހަދް' ގެ ފިރިހެން ލީޑު، ކުޝާލް ޓަންޑަން ކައިވެނި ކުރަން އުޅޭކަމަށް ޚަބަރުތައް ބުނެފި އެވެ.

ކުޝާލް ކައިވެނި ކުރަން އުޅޭ ކަމަށް ޚަބަރުތައް ބުނަން ފަށާފައި މިވަނީ ވަރަށް ފަހުން، ކުޝާލް އާއި އޭނާގެ އާއިލާ ލަންޑަނަށް ކުރި ދަތުރެއްގެ ސަބަބުންނެވެ.

ކުޝާލް އިންސްޓަގްރާމް ކޮށްފައިވާ ފޮޓޯތަކަށް ބަލައިލުމުން އެއީ އާއިލާ އާއެކު ޗުއްޓީ ހޭދަކޮށްލުމަށް ކުރި ދަތުރެއް ކަމަށް ހީވި ނަމަވެސް، ދަތުރުގެ މަގުސަދަކީ މުޅިން އެހެން ކަމެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެގޮތުން އެ ދަތުރަކީ ކުޝާލްގެ ކައިވެނީގެ ކަންކަން ނިންމުމަށް ކުރި ދަތުރެއް ކަމަށް ވެއެވެ. އެ ދަތުރުގައި ކުޝާލްގެ އާއިލާ އާއި ލަންޑަންގައި ދިރިއުޅޭ އާއިލާ އަކާ ބައްދަލުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ކުޝާލް މަސައްކަތަކުން ކުޑަ ޗުއްޓީއެއް ނެގުމުން، 'ބޭހަދް' ގެ ޕްރޮޑަކްޝަން ޓީމުން ވަނީ ޗުއްޓީ ކުރުކޮށްލުމަށް ވެސް އެދިފަ އެވެ. އެހެން ނަމަވެސް ކުޝާލް ވަނީ އެއީ ވަރަށް މުހިންމު ޗުއްޓީ އެއް ކަމަށް ބުނެ ޗުއްޓީ ކުރު ކުރުމަށް ދެކޮޅު ހަދައިފައެވެ.

'ބޭހަދް' ގައި މަސައްކަތް ކުރާ ކުޝާލްގެ ގާތް އެކުވެރިޔަކު ބުނެފައި ވާގޮތުން، ޗުއްޓީ ނިންމާލުމަށް ފަހު ކުޝާލް އެނބުރި އައުމުން ސެޓުގައި ވެސް އެންމެ ބާރަށް މިހާރު ދެކެވެނީ ކުޝާލްގެ ކައިވެނީގެ ވާހަކައެވެ.

ކުޝާލް ވަނީ މީގެ ކުރިން ގޯހަރު ޚާން އާ ލޯބީގެ ގޮތުން ގުޅިގެން އުޅެފައެވެ. ދެމީހުން ރުޅިވުމަށް ފަހު، 'ބޭހަދް' ގައި އޭނާ އާއެކު މަސައްކަތް ކުރާ އަނޭރީ ވަޖާނީ އާ ލޯބީގެ ގޮތުން ގުޅުނު ކަމަށް ވެސް އަޑުފެތުރުނެވެ.

އަދި 'ޕަވިއްތުރަ ރިޝްތާ'ގެ ބަތަލާ އަންކިތާ ލޮކަންޑޭ އާ ކުޝާލް އާއި ގުޅުވައިގެން ވެސް ވަރަށް ފަހުން ރިޕޯޓުތަކެއް ފެންމަތިވި އެވެ.

comment ކޮމެންޓް