ސެލީނާގެ ބައްޕަ މަރުވެއްޖެ

ބޮލީވުޑް ބަތަލާ ސެލީނާ ޖެއިތުލީގެ ބައްޕަ، ވީ.ކޭ. ޖެއިތުލީ މަރުވެއްޖެ އެވެ.

އިންޑިއާ އަސްކަރިއްޔާގައި ދިގު މުއްތަކަށް ޚިދުމަތް ކުރި ޖެއިތުލީ މަރުވީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށްފަހު އެވެ. މަރުވީ ހާލު ވަރަށް ސީރިއަސް ވެގެން ފަރުވާ ދެމުން ދަނިކޮށް މިދިޔަ އާދީއްތަ ދުވަހު އިންދޯރުގައެވެ.

ދުބާއީގައި ފިރިމީހާ އަދި ދެ ކުދިންނާ އެކު ޗުއްޓީ ހޭދަކުރަމުން ދިޔަ ސެލީނާ މިހާރު ވަނީ ޗުއްޓީ ކުރުކޮށްލުމަށް ފަހު އިންދޯރަށް ގޮސްފައެވެ.

ސެލީނާގެ ބައްޕަ މަރުވި އިރު އޭނާ އިނީ އެއްމާބަނޑު ދެކުދިންނަށް ބަލިވެއެވެ. ސެލީނާ ވިހާނެ ކަމަށް ބެލެވެނީ އަންނަ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އޭނާއަށް ފުރަތަމަ ވެސް ލިބުނީ އެއްމާބަނޑު ދެކުދިންނެވެ.

ދެހާސް އެއް ވަނަ އަހަރު އިންޑިއާގެ ރީތީގެ ރާނީގެ މަގާމު ހޯދާފައިވާ ސެލީނާ ބޮލީވުޑަށް ނުކުތީ 2003 ވަނަ އަހަރު އެވެ. މިވަގުތު ފިލްމީ ދާއިރާ އާއި ދުރުގައި ހުރި ސެލީނާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ 2011 ވަނަ އަހަރު ރިލީޒް ކުރި ފިލްމު 'ތެންކް ޔޫ' އިންނެވެ.

comment ކޮމެންޓް