ލޯންޗުގައި ރޯވުން، އަޅާލަންޖެހޭ ވަރަށް އަޅާނުލެވިފައި!

ފިހާޅޮހި ރިސޯޓު ކައިރީ އޮތް ލޯންޗެއްގައި ހިނގާ ދިޔަ އަލިފާނުގެ ހާދިސާގެ ތެރެއިން: އެ ލޯންޗު ވަނީ އެއްކޮށް އަނދާ ހުލިވެފައި -- ސަން ފޮޓޯ

ވަގުތު ކުޑަތަންވެފައިވާ ދިރިއުޅުމުގެ ތެރެއިން ދަތުރު އަވަސް ކުރުމަށް މިހާރު މުޅިންހެން ލޯންޗެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެތައް ހާސް ލޯންޗުދަތުރެއް ކޮންމެ ދުވަހަކު ވެސް އަންނަނީ ކުރަމުންނެވެ. އެއީ ތަރައްގީގެ ރަނގަޅު ފާލެކެވެ. ނަމަވެސް އިންތިހާއަށް ނުރައްކާތެރި ކަމެއް އެބަ ހިނގުން އާންމުވެ އެވެ.

ވޭތުވެދިޔަ އަހަރެއްހާ ދުވަސް ތެރޭގައި ހަތަރު ލޯންޗެއް ވަނީ އަނދައިފަ އެވެ. އޭގެ ތެރެއިން ބައެއް ލޯންޗުތަކުގައި ރޯވެފައި ވަނީ ދުއްވާފައި ދަނިކޮށެވެ. ބައެއް ހާދިސާތަކުގައި މީހުން ފިހި ބޮޑެތި އަނިޔާތައް ވެސް ވެފައިއެބަވެ އެވެ. މިއީ ނުރައްކާ އިންޒާރެކެވެ.

މޭއި 22، 2016: މާލެ ކައިރިން ދަތުރުކުރަމުން ދިޔަ ލޯންޗެއްގައި އަލިފާން ރޯވެ އަންދަނީ --- ސަން ފޮޓޯ/ ޔޫސުފް ސަފްވާން

ބާރު ދުވެލީގައި ދުއްވަން ފަރުމާކޮށް ހަދާފައިވާ ލޯންޗު ފަހަރުތަކުގައި ޕެޓްރޯލް ބޭނުންކުރާ އިރު ލޯންޗުތައް ހަދާފައި ހުންނަނީ ފައިބަރު ބޭނުންކޮށްގެން ކަމަށްވާތީ ފަސޭހައިން އަލިފާން ހިފާއިރު ކުޑައިރުކޮޅެއްގެ ތެރޭގައި އަނދައި ހުލިވުމުގެ ފުރުސަތު ވަރަށް ވެސް ބޮޑެވެ. ދުއްވާފައި ދަނިކޮށް އެފަދަ ހާދިސާއެއް ހިނގައިފި ނަމަ ސަލާމަތްވުމާއި އަގު ބޮޑު އުޅަނދު ސަލާމަތް ކުރުމުގެ ފުރުސަތު ވެސް ކުޑަ އެވެ.

މިވަނީ ކިހިނެއް؟

ކުއްލިއަކަށް ލޯންޗުގެ ފަހަތްކޮޅުން ހުޅުފަޅައިގެން ދަނީ އެވެ. އެއާ އެކު ކުޑައިރުކޮޅެއްގެ ތެރޭގައި ބޮޑު ބައެއް އަނދަ އެވެ. އަލިފާންގަނޑު ކޮންޓުރޯލް ކުރަން ފުރުސަތެއް ނުލިބެ އެވެ. ސުވާލަކީ މިހެން މިވަނީ ކީއްވެގެންތޯ އެވެ؟

އިންޖީނިއަރެއްގެ ގޮތުގައި 30 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ، ަ އަނަންތަރަ ރިސޯޓްގެ އިންޖިނޭރު އަހުމަދު ރަޝީދު (ފުޅު) ވިދާޅުވި ގޮތުގައި ލޯންޗުތަކުގައި އަލިފާން ރޯވަން ދިމާވާ މައިގަނޑު ސަބަބަކީ ޕެޓްރޯލް ޓޭންކުން ލޯންޗުތެރެއަށް ޕެޓްރޯލް ލީކްވެފައިވަނިކޮށް ބެޓެރީ ލައިނަކުން ކަނޑާކަނީގެ ސަބަބުން ކަމަށެވެ.

"ބެޓެރި ކަނެކްޝަން ލޫސްވާތީ އެހެންވަނީ، ލޫސްވާނެ ގިނަ ދުވަހު އެހެންހުރީމަ އަމިއްލައަށް ވެސް، ދަބަރު ވެސް ޖަހާނެ، އަދި ބެޓެރީ ކޭބަލް ކޭއްތި ކޭއްތި ވެސް ހަލާކުވެގެން ސުޕާކް ކުރޭ، އެހެން ސުޕާކް ކުރާ ގަޑީގައި ޕެޓްރޯލް އެޅިފައި ހުރިއްޔާ ފަސޭހައިން ރޯވާނެ،" ފުޅު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގަދަކަނޑުތަކުގައި ދުއްވާ ލޯންޗުތަކުން ޕެޓްރޯލް ލީކްވުމަކީ އާންމު ކަމެކެވެ. ހަމައެހެންމެ މެއިންޓެނަންސް ނުކުރެވުމުގެ ސަބަބުން ޕެޓްރޯލް ޓޭންކުގައި ދަބަރު ޖަހައި ފޫގޮސްގެން ވެސް ޕެޓްރޯލް ލީކްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ފަޔާ އެންޑް ރެސްކިއުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ރާއްޖޭގެ ލޯންޗުތަކުގައި މިހާތަނަށް ހިނގާފައިވާ އަލިފާނުގެ ހާދިސާތަކަށް ބަލާއިރު އެކަށޭނަ ފެންވަރެއްގައި މެއިންޓެނެންސް ނުކުރެވޭކަން ފާހަގަ ކުރެވެ އެވެ.

ޖުލައި 2، 2017: މާލެ ފަޅުގައި އޮތް ލޯންޗެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އިންޖީނު ސުޓާޓްކުރާ ކޮންމެ ފަހަރަކު ސުޕާކްވާނެ، ލޯންޗުތަކުގައި ޕެޓްރޯލް ލީކްވެފައި ހުރުން ވަރަށް އާންމު، އެހެންވީމަ މިފަދަ ހާދިސާތައް ހިނގާ، ހަމައެއާ އެކު ޕެޓްރޯލް ލީކްވެފައި ވަނިކޮށް ލޯންޗުގައި ސިނގިރޭޓް ބޮއެ ހެދުމަކީ ވެސް ރޯވަން ދިމާވާ ސަބަބެއް، އެހެންކަމުން ލޯންޗުތަކުގައި ސިނގިރޭޓް ބުއިން ހުއްޓާލަންޖެހޭ،" އެމްއެންޑީއެފްގެ އޮފިޝަލް ވިދާޅުވި އެވެ.

އޭގެ އެއް ހެއްކަކީ ހުޅުލެއަށް ދިއުމަށް މާލޭގެ ފަޅުން ނުކުންނަނިކޮށް މިދިޔަ އަހަރުގެ މޭމަހު ރޯވެ އެނދި "ނިރުމާ" ލޯންޗު ހާދިސާ އެވެ. އެލޯންޗުގެ ވެރިފަރާތްކަމަށްވާ އަބްދުﷲ އަހުމަދު ބުނި ގޮތުގައި އެލޯންޗުގައި އަލިފާން ރޯވީ ސްޓާޓު ކުރަން އުޅުމުގެ ތެރެއިން ޕެޓްރޯލް ޓޭންކުގައި ރޯވެގެންނެވެ.

ގަވައިދުން މެއިންޓެނަންސް ކުރަން ޖެހޭ

ފުޅު ވިދާޅުވި ގޮތުގައި ލޯންޗުތަކަކީ ކަނޑުތަކުގައި އެތައް ދަތުރެއްކޮށް އަވީގައި ގިނަ ވަގުތު ގެންގުޅޭ އެއްޗަކަށް ވުމުން ރަނގަޅަށް މެއިންޓެނެންސް ކުރުން ވަރަށް މުހިންމެވެ. އެގޮތުން ދޭތެރެ ދޭތެރެއިން ވައިރެއް ލޫސްވޭތޯ ބަލައި ޗެކްކުރުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

ޖުލައި 2، 2017: މާލެ ފަޅުގައި އޮތް ލޯންޗެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ހަފްތާއަކު އެއް ފަހަރު ނަމަވެސް ނަރުތައް ބާރުކޮށް ބަލަހައްޓަން ޖެހޭ، އަމިއްލަ ޒާތުގައި ވެސް ވައިރުތައް ދޫވެފައި ހުރޭ، ޕެޓްރޯލް ޓޭންކު ވެސް ޗެކްކޮށް ބަލަން ޖެހޭ، އޭރުން އެފަދަ ހާދިސާތައް ނުހިނގާނެ،" ފުޅު ވިދާޅުވި އެވެ.

އިންޖީނިއަރުންނާއި ސިފައިންގެ ވެސް އިރުޝާދަކީ ދަތުރަކަށް ފެށުމުގެ ކުރިން ލޯންޗުގެ ކޭބަލްތައް ހުރީ ދޫވެފައިވޭތޯ ބެލުމާއި ޕެޓްރޯލް ލީކްވޭތޯ ބެލުމަށް ފަހު ނޫނީ ސުޓާޓް ނުކުރުމެވެ. އަދި ލޯންޗު ކައިރީގައި އަލިފާން ނުގެންގުޅެން ސަމާލުކަން ދޭންޖެހޭ ކަމަށް އިރުޝާދު ދެއްވަ އެވެ.

"ސުޓާޓް ކުރުމުގެ ކުރިން ވަތުރެއަށް ޕެޓްރޯލް އެޅޭތޯ ބަލައި ލޫސް ކަނެކްޝަނެއް ހުރިތޯ ބަލަންޖެހޭ، އޭރުން މިފަދަ މައްސަލަތައް ކުރިމައްޗެއް ނުވާނެ،" ސިފައިންގެ އޮފިޝަލް ވިދާޅުވި އެވެ.

ރަނގަޅަށް މޮނީޓާކުރެވޭތަ؟

ގަވާއިދު ބުނާ ގޮތުން ލޯންޗުތަކުގައި އަލިފާން ނިއްވަން ބޭނުންކުރާ އާލާތްތައް ހުންނަންޖެހެ އެވެ. ނަމަވެސް ފައިބަރުން ހަދާފައިވާ އެއްޗެއްގައި ޕެޓްރޯލުން އަލިފާން ރޯވާއިރު އަލިފާން ރޯވަނީ ވަރަށް ބޮޑަށެވެ. ނިއްވާލުމަށް ފުރުސަތު ވަރަށް ނުލިބެ އެވެ. އެހެންކަމުން އެކަށޭނަ ފިޔަވަޅުތަކެއް ރޯވުމުގެ ކުރިން އަޅަންޖެހެ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން މަހުދީ އިމާދު ވިދާޅުވި ގޮތުގައި އެ އޮތޯރިޓީން އަހަރަކު އެއްފަހަރު ސާވޭކޮށް ލޯންޗު ފަހަރު ޗެކްކުރާ ކަމަށާއި އެހެން ނޫނީ ލޯންޗުތައް ފަދަ އުޅަނދުތައް ޗެކްކުރަނީ އެކަން ހުށައަޅައިގެން ކަމަށެވެ.

ފުލުހުން ދޭތެރެ ދޭތެރެއިން ބާއްވާ އޮޕަރޭޝަންތަކުގައި ވެސް ލޯންޗުތައް ޗެކްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮންމެ އަކަސް ލޯންޗުގައި ދަތުރުކުރާ މިޒަމާނުގައި މިފަދަ ހާދިސާތަކަށް ހާއްސަ ސަމާލުކަމެއް ދޭންޖެހެ އެވެ. މިއީ އެތައް ދިވެހިންނެއްގެ އިތުރުން އެތައް ޓޫރިސްޓުންގެ ރައްކާތެރިކަމަށް ޓަކައި ވެސް މިހާރުން މިހާރަށް ރަނގަޅު ކުރަންޖެހިފައިވާ ކަމެކެވެ. ކަމާ ބެހޭ ފަރާތްތަކުން ވިދާޅު ވަނީ ބަލަން ވާވަރަށް ނުބެލެނީ ކަމަށެވެ.

comment ކޮމެންޓް