މައިކްރޯސޮފްޓުން 'އޮފީސް 365'ގެ ކްލައުޑް އޮފިސް ސުއިޓް ހިދުމަތް ރާއްޖެއަށް ތައާރަފް ކޮށްފި

ދިރާގާ ގުޅިގެން މައިކްރޯސޮފްޓުން ދިވެހިރާއްޖެއަށް 'އޮފީސް 365'ގެ ކްލައުޑް އޮފިސް ސުއިޓް ތައާރަފްކުރުމަށް ބޭއްވި ހަފްލާގެ ތެރޭން -- ސަން ފޮޓޯ: ފަޔާޒް މޫސާ

ޓެކްނޮލޮޖީ އާއި ކޮމްޕިއުޓިންގްގެ މައިދާނުގައި ދުނިޔޭގެ އެންމެ ފުންނާބު އުސް ކުންފުނި ކަމަށްވާ މައިކްރޯސޮފްޓުން ދިވެހިރާއްޖެއަށް 'އޮފީސް 365' ގެ ކްލައުޑް އޮފިސް ސުއިޓް ތައާރަފްކޮށްފިއެވެ.

މިއަދު ހެނދުނު 10:00 ގައި ހޮޓެލް ޖެންގެ ބޯލް ރޫމްގައި ކުރިޔަށްދިޔަ މިހަފްލާގައި ވާހަކަފުޅު ދައްކަވަމުން ދިރާގުގެ ސީއީއޯ އިސްމައިލް ރަޝީދު ވިދާޅުވީ "ދިރާގަކީ މުއާސަލާތީ ގުޅުމަށް ދިވެހިރާއްޖޭގައި އިންގިލާބެއް ގެނުވި އަދި ރާއްޖޭގެ ރަށްތަށް މުއާސަލާތީ ވިއުގައަކުން ގުޅާލައި ބްރޯޑްބޭންޑްގެ ހިދުމަތް އެންމެ ފުޅާ ކޮށް ކުރާ ފަރާތް،" ކަމަށެވެ.

"އަޅުގަނޑުމެންނާ މައިކްރޯސޮފްޓާ ދެމެދު މިވެވުނު އެއްބަސްވުން ރަމްޒުކޮށްދެނީ ދިވެހިރާއްޖެއަށް ޓެކްނޮލޮޖީއާއި ކުރިއެރުން ގެންނަން އަޅުގަނޑުމެން ދޭ އަހައްމިއްޔަތުކަން.

"މިފުރުޞަތުގައި މައިކްރޯސޮފްޓަށް އަޅުގަނޑު ޝުކުރު ދަންނަވާލަން ބޭނުން ދިރާގަށް މައިކްރޯސޮފްޓް ކްލައުޑް ސޮލިއުޝަންސް ޕާޓްނާ ކަން ދެއްވުމުން."

ދިރާގާ ގުޅިގެން މައިކްރޯސޮފްޓުން ދިވެހިރާއްޖެއަށް 'އޮފީސް 365'ގެ ކްލައުޑް އޮފިސް ސުއިޓް ތައާރަފްކުރުމަށް ބޭއްވި ހަފްލާގެ ތެރޭން -- ސަން ފޮޓޯ: ފަޔާޒް މޫސާ

އިސްމައިލް ރަޝީދު އިތުރަށް ވިދާޅުވި ގޮތުގައި ކްލައުޑް ކޮމްޕިއުޓިންގް އަކީ މަސައްކަތުގެ މާހައުލު ޑިޖިޓަލް ވިއުގައަކަށް ބަދަލުކޮށް، މައިކްރޯސޮފްޓާ އެކު މިވެވުނު އެއްބަސްވުމުގެ ދަށުން ކަސްޓަމަރުންނަށް ދެވޭ ހިދުމަތްތައް ފުޅާކުރެވި އެކުންފުނީގެ މުހިންމުކަން އިތުރުވެގެންދާނެ ކަމަށެވެ.

'އޮފީސް 365' ދިވެހިރާއްޖެއަށް ތައާރަފް ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ފުޅު ދައްކަވަމުން މައިކްރޯސޮފްޓްގެ ސައުތް އީސްޓް އޭޝިއާ - ނިއު މާކެޓްސްގެ ޗީފް މާކެޓިންގް އެންޑް އޮޕަރޭޝަންސް އޮފިސަރް ރީނާ ޗައި ވިދާޅުވީ، މައިކްރޯސޮފްޓް ޑިޖިޓަލް ޓްރާންސްފޮމޭޝަން ސްޓަޑީ އިން މިސަރަހައްދުގެ 1،494 ވިޔަފާރިތަކެއް ހިންގާ އިސްވެރިންގެ މެދުގައި ކުރި ދިރާސާއަކުން ދައްކާގޮތުގައި މީގެ ތެރެއިން 80 އިންސައްތަ މިހާރުވެސް އެމީހުންގެ ވިޔަފާރިތައް ޑިޖިޓައިޒްކޮށް އިތުރަށް ވިޔަފާރިފުޅާކުރުމުގެ ވިސްނުން ގެންގުޅޭކަމަށް އެއްބަސްވާ ކަމަށެވެ.

"އެކަމަކު އެފަދަ މަސައްކަތަކަށް ބޭނުންވާ ފުރިހަމަ ސްޓްރެޓެޖީއެއް އެކުލަވާލެވިފައިވާ ކަމަށް އަންގަނީ އޭގެ ތެރެއިން އެންމެ 29 އިންސައްތަ،" ރީނާ ޗައި ވިދާޅުވިއެވެ.

ރީނާ އިތުރަށް ގޮތުގައި ރާއްޖޭގައި މި ތައާރަފް ކުރެވުނު އައު ހިދުމަތުގެ ސަބަބުން ރާއްޖޭގައި މިހިދުމަތް ބޭނުންކުރަން އެދޭ ފަރާތްތަކަކަށް އެކަށީގެންވާ ސްޓްރެޓެޖީއެއް އެކުލަވާލައި އޭގެ ދަށުން ވިޔަފާރިތައް ޑިޖިޓައިޒް ކުރުމަށް އެހީތެރިވެދޭނެއެވެ.

ދިރާގާ ގުޅިގެން މައިކްރޯސޮފްޓުން ދިވެހިރާއްޖެއަށް 'އޮފީސް 365'ގެ ކްލައުޑް އޮފިސް ސުއިޓް ތައާރަފްކުރުމަށް ބޭއްވި ހަފްލާގެ ތެރޭން -- ސަން ފޮޓޯ: ފަޔާޒް މޫސާ

މައިކްރޯސޮފްޓުގެ 'އޮފީސް 365' އަކީ އެކުންފުނީގެ ކްލައުޑް އޮފިސް ސުއިޓް ނުވަތަ ފްލެޓްފޯމެވެ. މި ސޮފްޓްވެއާ ޕެކޭޖަކީ އިންޓަނެޓްގެ ހިދުމަތުގެ އެހީގައި އޮންލައިންކޮށް އޮފީސް ޕެކޭޖްގެ އެޕްލިކޭޝަންސް ތައް އެއް ޑިވައިސް އިން އަނެއް ޑިވައިސްއަށް ފޮނުވޭ އަދި އެއް ޑޮކިއުމެންޓެއް ތަފާތު އެކި ޑިވައިސްތަކުން އެއްފަހަރާ ބަލާލެވޭ އަދި އެއަށް ގެންނަން ޖެހޭ ބަދަލުތައް އެއް ޔޫސާއަށް ވުރެ ގިނަ ޔޫސާއިންނަށް ގެނެވޭނެ ޕްލެޓްފޯމެކެވެ.

މިޕެކޭޖްގައި މައިކްރޯސޮފްޓު އޮފީސް ސުއިޓްގައި ލިބެންހުންނަ މައިކްރޮސޮފްޓް ވާރްޑް، އެކްސެލް، ޕަބްލިޝާ، އައުޓްލުކް، ވަން ނޯޓް ފަދަ އެޕްލިކޭޝަން ތަކުގެ އިތުރުން ސްކައިޕް ފޮ ބިޒްނަސްއަކީވެސް މިޕެކޭޖްގެ ސޮފްޓްވެއާ ތަކާއި އިންޓަގްރޭޓްކުރެވި އަދި ބޭނުންކުރެވޭނެ އެޕްލިކޭޝަންއެކެވެ. މި ޕެކޭޖާބެހޭ އިތުރު މައުލޫމާތު މައިކްރޯސޮފްޓުގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.

comment ކޮމެންޓް