ދެކުނު ޔަމަނުގެ ޖަލުތަކުގައި ޔޫއޭއީން ހިންގާ ޖަރީމާތައް ފަޅާ އަރުވާލަން ޓުވިޓާ ކެމްޕޭނެއް ފަށައިފި

ޔަމަނުގެ ވިޔަފާރިވެރި އެއްކަމަށްވާ އަލީ އަވާދު ހަބީބު ޖަލުގެ އަނިޔާވެރިކަން ކިޔައިދެނީ

ދެކުނު ޔަމަނުގެ ސިއްރު ޖަލުތަކުގައި ޔޫއޭއިން ހިންގާ އިންސާނިއްޔަތާ ޚިލާފު އަމަލުތައް ފަޅާއަރުވާލުމަށް ޓަކައި ޓުވިޓާގައި ބޮޑު ކެމްޕޭނެއް ފަށައިފި އެވެ.

"އަހަރުމެން ހެއްކާ އެކު ދުނިޔެއަށް ހާމަކޮށްދޭނަން ޔޫއޭ އީން ދެކުނު ޔަމަނުގެ ޖަލުތަކުގައި ހިންގަމުންދާ އަނިޔާވެރި އިންސާނިއްޔަތާ ޙިލާފު އަމަލުތައް. އަދި މިކަންތައް ހިނގަނީ ހަމަސީދާ އެމެރިކާގެ މިލިޓަރީގެ ބެލުމުގެ ދަށުން،" ސޯޝަލް އެކްޓިވިސްޓެއް ކަމަށްވާ މާޒިން ދުނިޔޭގެ ގިނަ ބަޔަކު ބައިވެރިވުމަށް ގޮވާލަމުން ބުންޏެވެ.

ޔޫއޭއީގެ ބައެއް ނޫސްތަކާ ހަވާލާ ދީ އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ބުނާ ގޮތުގައި އެ ޖަލުތަކުގައި ހިންގާ އަމަލުތަކަކީ އިރާގުގެ އަބޫޣުރައިބުގެ ޖަލުތަކުގައި ހިންގި ފަދަ އަނިޔާވެރި އަމަލުތަކެކެވެ. އަދި އެމެރިކާ އާއި ޔޫއޭ އިން 18 ސިއްރު ޖަލު ދެކުނު ޔަމަނުގައި ހިންގާ ކަމަށް އޭޕީ އިން ބުންޏެވެ.

ޔޫއޭއީން ވަނީ އެ ތުހުމަތުތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ބުނެފަ އެވެ. އަދި ދެކުނު ޔަމަނުގައި އެފަދަ ސިއްރު ޖަލުތެކެއް ނުހުންނާނެ ކަމަށާއި އަދި ޖަލުގައި އެފަދަ އެއްވެސް އަނިޔާއެއް ކޮށްފައިނުވާނެ ކަމަށް ވަނީ ބުނެފަ އެވެ.

ނަން ހާމަ ނުކުރުމަށް އެދި އެމެރިކާގެ ޑިފެންސް އޮފިޝަލުން އޭޕީއާ ހަވާލާދީ ބުނެފައިވާ ގޮތުގައި ޔޫއޭއީގެ އޮފިޝަލުން ޔަމަނުގެ ސިއްރު ޖަލުތަކުގައި ތަހްގީގް ކުރާ އިރު އެމެރިކާގެ އޮފިޝަލުން ވެސް ތިބެ އެވެ.

އެ ޖަލުތަކުގައި ވަރަށް އަނިޔާވެރި އަމަލުތައް ހިންގާކަމަށް ވަނީ ބުނެފަ އެވެ. އެގޮތުން ތަހުގީގުތަކުގައި ހައްޔަރުކޮށްފައިތިބޭ މީހުން މަސްފިހެލާހެން އަލިފާންގަނޑުގެ މަތީގައި އަނބުރާ ހަދާ ކަމަށް ވަނީ ބުނެފަ އެވެ.

ޔޫއޭއީ އަކީ ސައުދީ އަރަބިއްޔާ އިން ޔަމަނާ ދެކޮޅަށް ކުރާ ހަނގުރާމާގައި ހިމެނޭ ބައިވެރިއެކެވެ. ވައިގެ ހަމާލާތަކަށް ބަރޯސާވެގެން ޔަމަނަށްދޭ ހަމަލާތަކުގައި ސައުދީ އަށް އެއްވެސް ކުރިއެރުމެއް މިހާތަނަށް ލިބިފައެއް ނެތެވެ. އަދި ގިނައިން ސައުދީގެ ހަމަލާތަކުގައި ކުށެއްނެތް އާންމުން ދަނީ މަރުވަމުންނެވެ. އަދި ޔަމަނުގައި ހަލުވިކަމާ އެކު ކޮލެރާ ފެތުރެމުންދާ އިރު ޔަމަނުގައި މިހާރު މިވަނީ އިންސާނީ މުސިބާތެއް ކުރިމަތިވެފަ އެވެ.

comment ކޮމެންޓް