އަޅުގަނޑުމެން ވެސް ދެން ކުޅޭނީ ގޭމް ޕްލޭން ބަދަލުކޮށްގެން: ނިހާން

މަޖްލީޙުގެ ގޯތިތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާއެކު މެމްބަރު ނިހާން އަދި ޕީޕީއެމްގެ ބައެއް މެމްބަރުން --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސަ

ކުރިއަށް އޮތްތަނުގައި މަސައްކަތްކުރާނީ އިދިކޮޅު ކޯލިޝަންގެ ގޭމް ޕްލޭނާމެދު ވަރަށް ރަނގަޅަށް ވިސްނައި، ޕީޕީއެމްގެ ގޭމް ޕުލޭން ވެސް ބަދަލު ކޮށްގެން ކަމަށް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

ކޮންމެ ބައެއްގެ ތެރޭގައި ވެސް ހިޔާލުތަފާތުވުންތަކާއި ހިތްހަމަނުޖެހުން އޮންނާނެ ކަމަށާއި ރައްޔިތުން މަޖިލީހުގެ ޕީޕިއެމްގެ މެމްބަރުންގެ ތެރޭގައި ވެސް އެފަދަ މައްސަލަތައް އުޅޭކަން ފާހަގަކުރައްވާ ނިހާން މިރޭ ވިދާޅުވީ، ޕީޕީއެމް މަޖިލިސް މެމްބަރުންގެ ތެރޭގައި ފިތުނަވެރިކަން އުފައްދާ މަސްލަހަތު ގެއްލުވަނީ އިދިކޮޅު ކޯލިޝަނުން ކަމަށެވެ.

ދެން މި ގޭމާމެދު ވަރަށް ރަނގަޅަށް ވިސްނައިގެން މި ގޭމް ޕްލޭން އަޅުނގަޑުމެން ވެސް ބަދަލު ކޮށްގެން ނުކުމެ ދެން އަޅުނގަޑުމެންގެ މަސައްކަތް ފައްޓާނީ. އުދަނގޫތަކާއި ތުރާތަކުން ސަލާމަތްވެފައިވާ މަޖިލީހަކަށް ހެދުމަށްޓަކާ. ނިހާން

"ދެން މި ގޭމާމެދު ވަރަށް ރަނގަޅަށް ވިސްނައިގެން މި ގޭމް ޕްލޭން އަޅުނގަޑުމެން ވެސް ބަދަލު ކޮށްގެން ނުކުމެ ދެން އަޅުނގަޑުމެންގެ މަސައްކަތް ފައްޓާނީ. އުދަނގޫތަކާއި ތުރާތަކުން ސަލާމަތްވެފައިވާ މަޖިލީހަކަށް ހެދުމަށްޓަކާ،" ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަންގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ވެއްދި ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ މައްސަލަ އާ ގުޅޭގޮތުން ނިހާން ވިދާޅުވީ، އެކަމާ ކަންބޮޑު ނުވާ ކަމަށާއި ވޯޓް ފަސޭހަކަމާއެކު ކާމިޔާބު ކުރައްވާނެ ކަމަށެވެ.

އެކަމަށްޓަކާ އިދިކޮޅު މެމްބަރުންނާއެކު މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއިކުރި ޕީޕީއެމްގެ މެމްބަރުންނާ ސުވާލުކޮށް އެ މެމްބަރުން ސޮއިކުރި ގޮތަކާ އުސޫލުތައް ހޯއްދަވާނެ ކަމަށް ނިހާން ވިދާޅުވިއެވެ.

"އުނިވި ދިޔަ ބައި، ސޮއިކުރި މެމްބަރުންނާ ވާހަކަދައްކައިގެން މި އޮތް ކުރު މުއްދަތުގެ ތެރޭގައި ހައްލު ހޯދާނަން. މިފަދަ ކަންކަން ވިޔަ ނުދާނެ ގޮތަކަށްކަންކަން ރާވާނަން،" މަޖިލީހުގެ ރައީސްކަމުގައި މަސީހް ބައިންދަވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ނިހާން ވިދާޅުވި އެވެ.

ސަރުކާރާ އިދިކޮޅު ކޯލިޝަނުން އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް މިއަދު ވެއްދީ 45 މެމްބަރުންގެ ސޮޔާއެކުއެވެ. އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ މުސްތަޝާރު އަބްދުﷲ ޔާމީނަށް ވަފާތެރި 10 މެމްބަރުން ވެސް ހިމެނިވަޑައިގަންނަވައެވެ.

އެ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދާއި ފުވައްމުލަކު އިތުރު ދާއިރާގެ މެންބަރު އަލީ ޝާހާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އެވެ.

އޭގެ އިތުރުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ އާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދު އަދި ހަނިމާދޫ ދާއިރާގެ މެމްބަރު ވެސް ހިމެނެއެވެ.

comment ކޮމެންޓް