ނޯޓު 7ގެ ބައިތައް ހިމަނައިގެން ސެމްސަން އިން އާ ފޯނެއް ނެރެނީ

ބެޓަރީގައި މައްސަލަ ދިމާވެ ވިއްކުން ހުއްޓާފައިވާ ސެމްސަންގ ގެލެކްސީ ނޯޓް 7ގެ ބައިތައް ހިމަނައިގެން އާ ފޯނެއް ނެރެން ސެމްސަންގ ކުންފުނިން މަސައްކަތް ފަށައިފިއެވެ.

ޚަބަރުތައް ބުނާ ގޮތުގައި ނޯޓް7ގެ ބައިތައް ބޭނުންކޮށްގެން ނެރޭ އާ ފޯނު ބާޒާރަށް ނެރޭނީ މިމަހުގެ ހަތް ވަނަ ދުވަހު ކޮރެއާ އަށެވެ. "ދަ ނޯޓް ފޭން އެޑިޝަން"ގެ ނަމުގައި ނެރޭ އެ ފޯނު ކުރީގެ ނޯޓް 7 އަށްވުރެ ބޮޑަށް ތިމާވެއްޓާ ރަށްޓެހިވާނެ ކަމަށާއި އެ ފޯނުގެ ބެޓަރި، ނޯޓް 7ގެ ބެޓަރިއަށްވުރެ ކުޑަ ވާނެ ކަމަށްވެސް އެކުންފުނިން ބުންޏެވެ.

ބެޓެރިއަށް ދިމާވި މައްސަލައަކާ ގުޅިގެން ފޯނުތައް ގޮވައި އަލިފާން ރޯވުމުގެ ހާދިސާތައް ހިނގަން ފެށުމުން ސެމްސަންގ އިން ވަނީ އެކުންފުނިން ވިއްކި 2.5 މިލިއަނެއްހާ ފޯނު އަނބުރައި ކުންފުންޏަށް ނަގައި އެފޯނު އުފެއްދުން ހުއްޓާލައިފައެވެ.

އަލަށް ތައާރަފް ކުރާ ފޯނުގައި ސެމްސަންގ އިން ބޭނުން ކުރަނީ ނޯޓް 7 އަށްވުރެ ކުޑަ ބެޓަރިއަކަށްވާއިރު، އެ ބެޓަރީގައި ހުންނާނީ 3200 އެމްއޭއެޗް އެވެ. އަދި އެ ބެޓަރި ވަނީ ހުރިހާ ޓެސްޓުތަކުން، އެ ބެޓަރި އަކީ ރައްކާތެރި އެއްޗެއް ކަމަށް ގަބޫލުކުރެވޭ ވަރަށް ފާސްވެފައި ކަމަށްވެސް ސެމްސަންގ އިން ބުންޏެވެ.

އަންނަ ހޮނިހިރު ދުވަހު ނޯޓް 7ގެ ބައިތައް ހިމަނައިގެން ނެރޭ އާ ފޯނުގެ 400،000 އެއްހާ ފޯނު ބާޒާރަށް ނެރެން ހަމަޖައްސާފައިވާއިރު އޭގެ އަގު ނޯޓު 7 އާ އަޅާބަލާއިރު 30 ޕަސެންޓު އަގުހެޔޮވާނެ ކަމަށްވެސް ވެއެވެ.

މި ފޯނުގެ ފީޗާސްތަކާއި، ފޯނު ހުންނަ ގޮތުގެ އެއްވެސް މައުލޫމާތެއް ސެމްސަންގ އިން ހާމަކޮށްފައި ނުވި ނަމަވެސް މި ފޯނުގައި ހުންނާނެ ކަމަށް ބެލެވެނީ ސެމްސަންގ ގެލެކްސީ ނޯޓު 7ގެ ފީޗާސްތަކެވެ.

comment ކޮމެންޓް