ރަށް ކުނިކެހި ފައިސާ ނުލިބިގެން ލަންދޫ އަންހެންވެރިން ނުކުމެ ކައުންސިލުގެ އިދާރާ ހިސޯރުކޮށްފި

ރަށް ކުނިކެހި ފައިސާ ނުދީގެން ނ. ލަންދޫ އަންހެންވެރިން ނުކުމެ ރަށުގެ ކައުންސިލް އިދާރާ ހިސޯރުކޮށްފި އެވެ.

ކައުންސިލުގެ ރައީސް މުހައްމަދު ފަޔާޒު ވިދާޅުވީ ރަށުގެ އަންހެންވެރިންގެ ތެރެއިން 50 އަށް ވުރެ ގިނަ އަންހެނުން އެ އިދާރާގެ ތެރެއަށް ވެ ދޮރުތައް ބަންދުކޮށްލީ މިއަދު 3:30ގައި ކަމަށެވެ.

"އަންހެންވެރިން ވަނީ އިދާރާ ހިސޯރުކޮށްފައި. އަދިވެސް އިތުރަށް އަންހެންވެރިން ޖަމާވަމުންދަނީ، އެމީހުން ތިބީ ގޮތްދޫކޮށްފައި ދާގޮތަކަށް ނޫން،" ފަޔާޒު ވިދާޅުވި އެވެ.

ލަންދޫ އަންހްންވެރިން ކައުންސިލުގެ އިދާރާ ހިސޯރު ކުރީ ވޭތުވެދިޔަ ހަތް މަސް ދުވަހުގެ ތެރޭގައި ރަށް ކުނިކެހުމުގެ އުޖޫރައަށްވާ ފައިސާ ނުލިބިގެންނެވެ. އަންހެންވެރިން ރަށް ކުނި ކަހައިދެނީ މަހަކަށް 19000ރ. ގެ މަގުން ކަމަށް އެއްވެފައިވާ އަންހެންވެރިންގެ ތެރެއިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ފަޔާޒު ވިދާޅުވީ ރަށުގެ އަންހެންވެރިން ކައުންސިލްގެ އިދާރާ ހިސޯރު ކުރީ، މީގެ ހަފުތާއެއް ކުރިން ވެސް އެ ފައިސާ ހޯދަން މަސައްކަތްކޮށް ގައުމީ އިދާރާގައި އެވާހަކަ ދަންނަވައިގެން ހަފުތާއެއްގެ ތެރޭގައި ފައިސާ ލިބޭނެ ކަމަށް ބުނުމަށް ފަހު ނުލިބުމުން ކަމަށެވެ.

"އަޅުގަނޑު މަސައްކަތް މިކުރަނީ ގައުމީ އިދާރާއާ ގުޅައިގެން އެކަންވޭތޯ. އެބޭފުޅުން ވިދާޅުވަނީ ވަރަށް އަވަހަށް ހަމަޖެހޭނެ. އިދާރާ ހިސޯރުކޮށްގެން ތިބި އަންހެންވެރިން ބުނަނީ ފައިސާ ލިބޭނެ ގެރެންޓީ ދުވަހެއް ބުނާށޭ އޭރުންނޭ ދާނީ. އެހެންނޫނީ ދިއުމެއް ނެތޭ،" ފަޔާޒު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ރަށް ކުނިކެހި ފައިސާގެ މައްސަލައިގައި އަންހެންވެރިން ނުރުން ބޮޑުވެފައި ވަނީ ރޯދަމަސް ކުރިޔަށް އޮވެ، އަތްމަތި ވެސް ދަތިވެފައިވާތީ ކަމަށެވެ.

ރަށް ކުނިކެހި ފައިސާ ނުލިބިގެން މީދިޔަ ހަފުތާގައި ލ. އިސްދޫ ކަލައިދޫ އަވަށުގެ އަންހެވެރިން ވެސް ނުރުހުން ފާޅުކޮށްފައި ވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު