ސީރިއާގެ 2000 ޕައުންޑުގެ ނޫޓަށް ބައްޝާރުލް އައްސަދުގެ ފޮޓޯ!

މިހަފްތާ އާދީއްތަ ދުވަހު ސީރިއާއަށް ތައާރަފް ކުރި 2000 ޕައުންޑުގެ އާ ނޫޓުގެ މޫނުމަތީގައި އެ ގައުމުގެ ރައީސް ބައްޝާރުލް އައްސަދުގެ ފޮޓޯ ހިމަނައިފި އެވެ.

ޚަބަރުތައް ބުނާ ގޮތުގައި މިއީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތް ފަހުން، އެގައުމުގެ ފައިސާގެ ނޫޓެއްގައި ރައީސް ބައްޝާރުލް އައްސަދުގެ ފޮޓޯ ޕްރިންޓު ކުރި ފުރަތަމަ ފަހަރެވެ.

ސީރިއާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު، ޑުރައިޑް ޑުރްޣަމް ވިދާޅުވި ގޮތުގައި އެ ނޫޓަކީ މީގެ އަހަރުތަކެއް ކުރިން ޗާޕުކޮށްފައިވާ ނޫޓުތަކެއް ކަމަށާއި އޭރު ނޫޓުތައް ސާކިއުލޭޝަނަށް ނުނެރެ ހުރީ ފަހުން ނެރުމުގެ ގޮތުން ކަމަށެވެ. އަދި އެގޮތަށް ނިންމީ އެ ގައުމުގައި ކުރިއަށްދާ އަހުލީ ހަނގުރާމައިގެ ސަބަބުން ކަމަށް ވެސް އޭނާއާ ހަވާލާދީ ރިޕޯޓުތައް ބުނެ އެވެ.

ޑުރްޣަމް ވިދާޅުވެފައިވާ ގޮތުގައި އާ ނޫޓު ސާކިއުލޭޝަނަށް ނެރުނީ މިވަގުތަކީ އެ ނޫޓު ނެރުމަށް އެކަށީގެންވާ ވަގުތަކަށް ވާތީ އެވެ.

ރައީސް ބައްޝާރުލް އައްސަދުގެ ފޮޓޯ ޖަހާފައިވާ އެ ނޫޓު އިއްޔެ ސާކިއުލޭޝަނަށް ނެރެފައިވާ އިރު މިހާރު އެގައުމުގެ ވެރިރަށް ދިމިޝްކާއި އެހެން ޕްރޮވިންސުތަކުގައި ވެސް އެ ނޫޓު މިހާރު ދަނީ ބޭނުން ކުރަމުންނެވެ.

މީގެ ކުރިން އެގައުމުގައި ބޭނުން ކުރާ ނޫޓުތަކާއި ކޮއިންތަކުގައި ބޭނުން ކުރަމުން އައީ އެގައުމުގެ ތާރީޚު ދައްކުވައިދޭ މަންޒަރުތަކާއި ކުރީގެ ރައީސް އަދި، ރައީސް ބައްޝާރުލް އައްސަދުގެ ބައްޕާފުޅު، ހަފީޒް އަލް އައްސަދުގެ ފޯޓޯ އެވެ. އެމަނިކުފާނުގެ ފޮޓޯ ޗާޕުކޮށްފައި ވަނީ އެގައުމުގައި ބޭނުން ކުރާ 1000 ޕައުންޑުގެ ނޫޓުގަ އެވެ.

ހަނގުރާމައިގެ ސަބަބުން ފަނާވެ ސުންނާފަތިވަމުންދާ ސީރިއާގެ ފައިސާގެ ގޮތުގައި ބޭނުން ކުރާ ޕައުންޑުގެ އަގު ވަނީ، 2011 ވަނަ އަހަރުން ފެށިގެން ދަށް ވާން ފަށައިފަ އެވެ. އެގޮތުން 2011 ވަނަ އަހަރު 47 ސީރިއަން ޕައުންޑަށް ލިބެން ހުރި ޑޮލަރު މިހާރު އެގައުމުގައި ލިބެނީ 517 ސީރިއަން ޕައުންޑަށެވެ.

comment ކޮމެންޓް