އަލްޖަޒީރާގެ އިމާރާތަށް އެމެރިކާއިން ބޮންއެޅުމަށް ޔޫއޭއީގެ ވަލީއަހުދު އެދުނު

އަލްޖެޒީރާ އިމާރާތުގެ އެތެރެ

އެމެރިކާއިން އަފްޣާނިސްތާނަށް އަރައިގަތްދުވަސްވަރު، އަލްޖަޒީރާގެ ހެޑްކުއަރަޓާރޒް އަށް އެމެރިކާއިން ބޮންއެޅުމަށް ޔޫއޭއީގެ ވަލީއަހުދު މުހައްމަދު ބިން ޒައިން އަލް ނަހްޔާން ބާރު އެޅުއްވިކަމަށް، ލީކްވެފައިވާ ޑިޕްލޮމެޓިކް ކޭބަލް ތަކަކުން ހާމަވެއްޖެއެވެ.

ލީކްވެފައިވާ ޑިޕްލޮމެޓިކް ޑޮކިއުމަންޓްތަކުން، ވަލީއަހުދާއި އޭނާގެ ބައްފަ އަދި ގަތަރުގެ ކުރީގެ އަމީރު ހަމަދް އަލް ޘާނީ އާ ދެމެދު ދެކެވިފައިވާ ވާހަކަތައް ހާމަވެއެވެ. އެއިން އެއްވާހަކައިގައި ގަތަރުގެ ކުރީގެ އަމީރު ވަނީ ޔޫއޭއީގެ ވަލީއަހުދު އެމެރިކާގެ އޭރުގެ ސެންޓްރަލް ކޮމާންޑް ޖެނެރަލް ޓޮމީ ފްރޭންކްސް ކައިރީ އަލްޖަޒީރާގެ އިމާރާތަށް ބޮންއެޅުމަށް އެދުމުން އެކަމާ ވަރަށް ބޮޑަށް ޝަކުވާ ކޮށްފައެވެ.

މި ކޭބަލްތަކުން، އެމެރިކާއިން އިރާގާ ދެކޮޅަށް ކުރި ހަނގުރާމައަށް ވަލީއަހުދު ވަރަށް ބޮޑަށް ހިތްވަރުދިންކަން ވަރަށް ރީތިކޮށް ހާމަވެއެވެ.

އެމެރިކާއިން ވަނީ އިރާގާއި އަދި އަފްޣާނިސްތާނުގެ ހަނގުރާމައިގެ ދުވަސްވަރު އަލްޖަޒީރާގެ އިމާރާތަށް ދެފަހަރު ބޮންއަޅާފައެވެ. 2003 ވަނައަހަރު އިރާގުގެ އަލްޖަޒީރާގެ އިމާރާތަށް ބޮންއެޅުމުގެ ސަބަބުން އެތަނުގެ އެއް ސްޓާފަކު މަރުވިއެވެ. އެފަހަރު އެއީ އޮޅިގެންދިން ހަމަލާއެއްކަމަށްބުނެ އެމެރިކާއިން ވަނީ މައްސަލަ އޮއްބާލާފައެވެ. އަދި 2001 ވަނައަަހަރު އަފްޣާނިސްތާނުގައި ހުރި އިމާރާތަށްވެސް ވަނީ ބޮންއަޅާފައެވެ.

ވަލީއަހުދު ވަނީ ގަތަރުން އަފްޣާނިސްތާނުގައި އަދި އިރާގު ހަނގުރާމައިގެ ދުވަސްވަރު ހަބަރުތައް ގެނެސްދިންގޮތާމެދު ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. އަލްޖަޒީރާއިން މާގިނައިން، އާންމުންނަށް ލިބެމުންދާ ހަމަލާތައް ދައްކާތީވެ އެކަމާ ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. އަދި މިކަމުގެ ސަބަަބުން އަރަބިން އެ ހަނގުރާމައާ ދެކޮޅަށް އުތުރިއަރަން ފަށައިފާނެކަމުގެ ބިރުވެސް ދެއްވިއެވެ. އިރާގު-ކުވޭތު ހަނގުރާމައަށްފަހު ގަލްފުގެ ގައުމުތަކުން އަދި އާންމުންވެސް ތިބީ ވަރަށްބޮޑަށް ސައްދާމާ ޖެހިފައެވެ. އެހެންކަމުން މިގައުމުތަކުގެ ރައްޔިތުންވެސް އެމެރިކާއިން އިރާގަށް އަރައިގަތުމުން އެކަން މާބޮޑުކަމަކަށް ނުވިއެވެ.

ގަތަރުގެ އަލްޖަޒީރާއިން އަބަދުވެސް އެސަރަަހައްދުގެ ގައުމުތަކުގެ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑު ކިޔައެވެ. މިފަހުން މިވަނީ މިގައުމުތަކުން ގަތަރާ ޑިޕްލޮމެޓިކް ގުޅުންވެސް ކަނޑާލައިފައެވެ.

އެންމެފަހުން ލީކުވެފައިވާ ކޭބަލްތަކުން އެނގޭ ގޮތުގައި ޔޫއޭއީން ވަނީ ސައުދީވަލީ އަހުދު މުހަންމަދު ބިން ނާއިފް މަގާމުން ދުރުކޮށް މުހައްމަދު ސަލްމާން މަގާމަށް އައްޔަނުކުރުމުގައި ވަނީ ވަރަށް އިސްރޯލެއް ކުޅެފައެވެ. މުހައްމަދު ސަލްމާން ސިޔާސީގޮތުން މަޝްހޫރުވެފައިވަނީ ޔަމަނު ހަލާކޮށް ސުންނާފަތި ކުރުމުގެ މޭސްތިރިޔާގެ ގޮތުގައެވެ.

މަސްދަރު ( އިންޑިޕެންޑެންޓް ޔޫކޭ)

comment ކޮމެންޓް