4426ގެ ޚާއްސަ ޝޯއިން "ބޮސް" އެނގޭނެ!

ފިލްމު 4426ގެ ޚާއްސަ ޝޯއެއް 7 ޖުލައި 2017ގައި އޮލިމްޕަހުގައި ބާއްވާގޮތަށް ވަނީ ހަމަޖެހިފައި --- ފޮޓޯ: ފޭސްބުކް

ފާތިމަތު ނަހްލާގެ ކުރިއަށް އޮތް ފިލްމު "ބޮސް"ގެ ވާހަކަތައް ފެންމަތިވިތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެހެން ނަމަވެސް މިއީ ކިހާވަރެއްގެ، އަދި ކޮންކަހަލަ "ބޮހެއް" ކަމެއް ނަހުލާވެސް އަދި ފިލްގެ ޓީމުންވެސް މިހާތަނަށް ހާމައެއް ނުކުރެއެވެ.

އަންނަ ހުކުރު ދުވަހުގެ ރޭ (7 ޖުލައި 2017)ގައި އޮލިމްޕަސް ސްކްރީނުގައި އަނެއްކާވެސް، ނަހުލާ މިހާތަނަށް ނެރުނު އެންމެ ތަފާތު އެއް ފިލްމު ކަމަށްވާ 4426ގެ ޝޯއެއް އަޅުވާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި އޮންލައިން ބުކިން ވެސް ހެދޭގޮތަށް، މިހާރު ވަނީ މި ޝޯގެ ޓިކެޓްވެސް ދޫކުރަން ފަށައިފައެވެ. މި ޚާއްސަ ޝޯއާ ގުޅޭ އިތުރު މައުލޫމާތު، 7974426, 9964426 ލިބޭނެއެވެ.

މިއީ ހަމައެކަނި 4426ގެ ބިރުވެރިކަން ދައްކާލަން ބާއްވާ ޝޯއެއް ނޫނެވެ. އެހެނެއްކަމަކު މިއީ، ނަހުލާގެ ފޭނުން އެ ފިލްމަކާ މެދު މިހާރު ކެތްމަދުވެފައިވާ "ބޮސް"ގެ ލޯންޗިންއަށް ޚާއްސަކުރެވިގެން ބާއްވާ ޝޯއެކެވެ.

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ، ފިލްމު ޑައިރެކްޓްރު އަދި ޕްރޮޑިއުސަރު ނަހުލާ ބުނީ، އޭނާގެ 'ބޮސް' "ހަމަ ވަރަށް ތަފާތު ވާނެ" ކަމަށެވެ.

ނަހުލާގެ މި "ބޮސް" ވެގެންދާނީ، އެތަކެއް ބައެއްގެ ހަނދާނުން އަދިވެސް ފޮހެވިގެން ނުދާ، އަސަރު ގަދަ ލޯބީގެ ފިލްމުތައް ކަމަށްވާ "ޒުލޭހާ"، "ޔޫސުފް" އަދި "ކަލާޔާ ނުލާ" ފަދަ ލޯތްބާއި ޖަޒުބާތުން ފުރިގެންވީ ބޮހެއް ކަމަށް ނަހުލާ ބުންޏެވެ.

"އަޅުގަނޑުގެ ފޭނުން އިންތިޒާރުކުރާ ފަދަ އިމޯޝަންސް، ރޮމޭންސް ފަދަ ހުރިހާ އަސަރެއް މި ފިލްމުގައި ހިމެނޭނޭކަން ޔަގީ،" ނަހުލާ ބުންޏެވެ.

ނަހުލާގެ ކްރިސްޓަލް އެންޓަޓެއިންމަންޓުން އުފައްދާ "ބޮސް" ޑައިރެކްޓް ކުރަނީ ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ މަޝްހޫރު ބަޔަލާ އާއިޝަތު ރިޝްމީއެވެ. ބޮސް ޑައިރެކްޓްކުރާން ރިޝްމީއާ ހަވާލުކޮށްފައި ވަނީ، އޭނާއަކީ އެކަމަށް އެންމެ ގާބިލް ފަރާތްކަމަށް ގަބޫލުކުރެވޭތީ ކަމަށް ނަހްލާ ބުންޏެވެ.

ނަހުލާއާއި އޭނާގެ "ބޮސް"ގެ ޑައިރެކްޓަރާއި ބައެއް ތަރީން --

"ފިލްމުގެ ސްކްރީން ޕްލޭވެސް ރިޝްމީއާ ހަވާލުކޮށްފައި ވާނީ، އަޅުގަނޑު ހަމަ އެންމެ ހިތްހަމަ ޖެހޭވަރަށް ތައްޔާރުކޮށްފައި. ދެން އެއަށް ރިޝްމީ ބޭނުންވާ ކުޑަކުޑަ ބަދަލެއް ގެނަޔަސް އެ ބަދަލެއް ވެގެންދާނީ ފިލްމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނޭ ފަދަ ބަދަލެއް ކަމާމެދު އަޅުގަނޑު ޝައްކެއް ނުކުރަން،" ރިޝްމީއާ މެދު އޮތް އުންމީދާއި އިތުބާރު ހާމަކުރަމުން ނަހުލާ ބުންޏެވެ.

ބޮސްގެ ލީޑު ރޯލުން އައްޒަ ފެނިގެން ދާއިރު، އޭނައާއެކު ދެން ފެންނާނީ މަޝްހޫރު ބަތަލާ ފާތިމަތު އާޒިފާ (އަޒޫ)އެވެ. އަލީ އާޒިމް (ދޮން އައްޔަ) އާއި އިބްރާހީމް ޖިހާދު (ޖިމީ) ވެސް ކާސްޓުންގެ ތެރޭގައި ހިމެނޭ އިރު، ފިލްމުގެ ލީޑު ރޯލުން ބަތަލެއްގެ ގޮތުގައި ފެނިގެން ދާނީ މުޅިން އަލަށް މިދާއިރާއަށް ނުކުންނަ ފަރާތެއް ކަމަށް ފިލްމުގެ ޑައިރެކްޓަރު ރިޝްމީ ބުންޏެވެ.

ނަހުލާ ބުނީ، ހުކުރު ދުވަހުގެ ރޭ އޮލިމްޕަހުގައި ބާއްވާ 4426ގެ ހާއްސަ ޝޯއިން ބޮސްގެ ކާސްޓުންނާއި ފިލްމުގެ ޓީމާ ބައްދަލުކޮށްލުމުގެ ފުރުސަތު ބެލުންތެރީންނަށް ލިބޭނޭ ކަމަށެވެ. އެހެންކަމުން "ބޮސް"ގެ އިންތިޒާރުގައި ތިބި ފަރާތްތަކަށް މިއީ ވަރަށް ގިނަ މައުލޫމާތުތަކެއް އެނގިގެން ދާނޭ ޝޯއެއް ކަަމަށްވެސް ނަހުލާ ބުންޏެވެ.

ޖޫން މަހުގެ މެދުތެރޭގައި "ބޮސް"ގެ ޝޫޓިން ފަށާފައިވާއިރު، މި ފިލްމުގެ 80 ޕަސެންޓް ޝޫޓުކުރާނީ ސަން ސިޔާމް ގްރޫޕްގެ ރިސޯޓެއްގައެވެ. އަނެއް 20 ޕަސެންޓް ޝޫޓްކުރާނީ މާލޭގައެވެ. އެހެންކަމުން "ބޮސް" ވެގެންދާނީ ވަރަށް ރީތި، އަދި އެހާމެ ހިތްގައިމު މަންޒަރުތަކެއް ފެނިގެންދާނޭ ފިލްމެއް ކަމަށް ނަހުލާ ބުންޏެވެ.

ބޮސްގެ ހުރިހާ މަސައްކަތެއް ނިންމައި، ސިނަމާއާ ހަމައަށް އަންނާނޭކަމަށް ލަފާކޮށްފައިވާ ތާރީޚަކީ މިއަހަރުގެ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހެވެ. ކަނޑައެޅިފައިވާ ތާރީޚަށް ފިލްމުގެ ހުރިހާ މަސައްކަތެއް ނިންމައި ބެލުންތެރީންނަށް ގެނެސްދެވޭނޭ ކަމަށް ނަހުލާ އުންމީދުކުރެއެވެ.

comment ކޮމެންޓް