ހިމާޔަތެއް ނެތިފައި

14 ޖުލައި 2011 އާ ގުޅޭ

ސިހިފައި ކުއްލިއަކަށް ބަނބުކެޔޮ ގަހާއި ދިމާލަށް އަޒުރާއަށް ބަލާލެވުނެވެ. އޭނަގެ މޫނަށް ހައިރާންކަން ވެރިވެގެން ދިޔައެވެ. މިއަދަކީ ހާދަ އާދަޔާ ހިލާފުކަންތައްތަކެއް ފާހަގަ ކުރެވޭ ދުވަހެކޭ އޭނަގެ ހިތަށް އެރިއެވެ. ދެތިން ފަހަރަކު ބަނބުކެޔޮ ގަހާއި ދިމާލަށް ބަލާލުމަށްފަހު ދެފަރާތަށް ބޯހޫރުވަމުން ގޭތެރެއަށްވަނެވެ. ބަނބުކެޔޮ ގަސްދޮށުގައި މީހަކު ފެންނަންނެތުމުން އޭނަ ނިންމީ އެއީ އޭނައަށް ހީވި ހީވުމަކަށެވެ.
"އޭ ޒާން، ޒާން... ދެން ތެދުވޭ، ތިތެދުވެގެން ފެންވަރަން ދާން އުޅޭ" އަޒުރާ ކޮޓަރިއަށްވަދެ އޭނަގެ އެނދުގައި ނިދާފައިއޮތް ޔަޒާންއަށް ގޮވިއެވެ.

ލޯއުނގުޅަމުން އާފުރެމުން އެކޮޓަރިން ބޭރަށް ނުކުންނަން ހިނގައިގަތް ޔަޒާންގެ ދެލޯ އޭރުވެސް ރަނގަޅަށް ނުހުޅުވެއެވެ. ދެފައި ކާތަމުން ކަހަލަ ގޮތަކަށް ގޮސް އޭނަގެ ކޮޓަރިއަށް އޭނަވަނެވެ. އޭރު ކޮޓަރީގައި އެނދު ބިއްދޮށަށް އަރާއިން ލައިބާއަށް ޔަޒާން ފެނުމާއިއެކު ތެޅިގަނެވުނެވެ. ބިރުންގޮސް އޭނައަށް ވަގުތުން ރޮވިއްޖެއެވެ. އެހެންނަމަވެސް ޔަޒާން ލައިބާއަށް އެއްވެސް ސަމާލުކަމެއް ނުދިނެވެ. އެއަށްވުރެ އޭނަވަނީ މާބޮޑަށް ނިދި އައިސްފައެވެ. އެހެންވެ އަނެއްކާވެސް އޭނަގެ އެނދުމައްޗަށް ބަންޑުން ވެއްޓިގަތީއެވެ. އެތަންފެނުމުން ލައިބާ ކަރުނުންފުރިގެންވި ލޮލުން ޔަޒާންއަށް ބަލަން އިރުކޮޅެއްވަންދެން އިނެވެ. އަދި އޭނަ ނުތެދުވާނެކަން އެނގުމުން މަޑުމަޑުން އެނދުމަތިން ފައިބައިގެން ގޮސް ކޮޓަރިން ބޭރަށް ނުކުތެވެ.

ލައިބާ މަޑުމަޑުން ގޮސް އަޒުރާގެ ކޮޓަރީގެ ދޮރުހުޅުވާލަން ހިފާލިއެވެ. އެހެންނަމަވެސް ދޮރު ހުރީ ތަޅުލާފައެވެ. ލައިބާ އެނބުރި ކޮޓަރިއަށް ވަންނާކަށް ބޭނުމެއްނޫނެވެ. އެހެންވެ ބޮޑުއަށި މައްޗަށް އަރާ ކަނެއްގައި ކުޑަވެލައިގެން ކަހަލަ ގޮތަކަށް އޮށޯވެލިއެވެ. އެހެން އޮތްއިރުވެސް އޭނައަށް ހަމަރޮވެނީއެވެ. ހަށިގަނޑުގެ އެކި ގުނަވަންތަކުގައި ވޭންއަޅަނީއެވެ. ބުނަންވީ ކާކު ކައިރީހެއްޔެވެ. އެހީވާނީ ކާކު ހެއްޔެވެ. ރޮއެ އާދޭސް ކުރުމުން އެއަޑުއަހާނީ ކާކުހެއްޔެވެ. ގަނެފައިވާ ބިރާއި ލިބެމުންދިޔަ ހިތްދަތިކަން ފިލުވަދޭނީ ކާކުހެއްޔެވެ. ލައިބާއަށް ގިސްލެވެމުން ދިޔައިރު މަޑުމަޑުން އެދެތުންފަތުން އާހެއްގެ ގޮތުގައި ބޭރުވަމުންދިޔައީ މަންމާ އެލަފްޒެވެ. ކޮންމެ ގިސްލެވުމަކާއިއެކު އޭނައަށް ގޮވާލެވެނީ މަންމައަށެވެ. މަންމަގެ މަޤާމަކީ އެހެންމީހަކަށް ދުވަހަކުވެސް ފުރޭނެ މަޤާމެއްނޫނެވެ. މައެއްގެ ފަރާތުން ލިބޭ އޯގާތެރި އެންމެ ފިރުމާލުމަކުން ހިތަށް ފިނިކަން ގެނެސްދެއެވެ. ހުރިހާ ކަމަކަށް ފުދިދެއެވެ. މިއަދު ލައިބާ އެވަނީ އެފަދަ މަންމައަކަށް ބޭނުންވެފައެވެ. އެފަދަ އޯގާތެރި އަތަކަށް ބޭނުންވެފައެވެ. ހިމާޔަތަކަށް އެދިއެވެ.
"ނިދަންމިޔަރު މަސްކައިގެންތަ ކަލޭމެން ތިއުޅެނީ، ޒާންއަށްވެސް ހޭލެވޭ ކަމަކަށް ނުވި، ކަލޭވެސް ބޮޑުއަށިމައްޗަށްތަ އަރާ ނިދަންވީ، ކޮޓަރީގަ ހުރި އެނދު އެއީ ކީއްކުރާ އެއްޗެއްތަ؟" އަޒުރާ ލައިބާގެ ކޮނޑުގައި އަތްއަޅާ ކޮއްޕާލަމުން އެއްޗެހި ކިޔަންފެށިއެވެ.

ލައިބާ ކައްޓެއްހެން އަވަހަށް ތެދުވެ ކޮޅަށްޖެހުނެވެ. އަދި ބޮޑުއަށިމަތިން ފޭބިއެވެ. އަޒުރާ އެއްޗެހި ކިޔަމުން އިލޮށިން ހަދާފައިވާ ފިހިގަނޑު ފާޑުގެ އެއްޗެއް ހިފައިގެން ގޯތިތެރެ ކުނިކަހަން އުޅުނެވެ. ލައިބާއަށް ހޭލެވުނު އިރު ހުރީ ވަރަށް ބަނޑުހައިވެފައެވެ. ހަށިގަނޑުގެ ހަކަތަ އެއްކޮށް ހުސްވެފައެވެ. އެހެންވެ ފެންވަރާލުންވެސް ފަހަށް ޖައްސާލަމުން ބަދިގެއަށް ދިޔައެވެ. އޭރު އަޒުރާ ބަދިގެ ފަރާތް ކުނިކަހަން އުޅެއެވެ. ލައިބާ ބަދިގެއަށް ވަތްއިރު ރަބަރު ބޯތަށިފާޑުގެ ތައްޓެއްގައި ހަދާފައިހުރި ސްޕެގެޓީ އަޅާފައި ހުއްޓެވެ. އުނދުންމަތީ ހުރި ތެލީގެ ފިޔަން ހިއްލާލިއިރު ބަތްވެސް ކައްކާފައި ހުއްޓެވެ. އެތެލިކައިރީގައި އިތުރު ތެއްޔެއް ސަރުފޯސް ޖަހާފައި ހުރުމުން ލައިބާ ތެލީގެ ސަރުފޯސްގައި ހިފީ ބަލާލުމަށެވެ. އެހެންނަމަވެސް އޭނަގެ އަތުން ސަރުފޯސް ދޫވެގެން ވެއްޓުނީ ހޫނުކަމުންނެވެ. އެތެލިވީ ދެންމެ ކައްކާ ބާލާފައި ހުރި ގަރުދިޔަ ތެއްޔަކަށެވެ.
"އެއީ ކޮންއަޑެއް، ކޮންއެއްޗެއް ވައްޓާލިއަޑު އެއީ...ލައިބާ" އަޒުރާ ކުނިކަހަން ހުރެފައި ބަދިގެ ތެރެއިން ސަރުފޯސް ވެއްޓުނު އަޑަށް ބުންޏެވެ.
"މަތިގަނޑު ވެއްޓުނީ، މަންމާ... ލައި އޭނދަ ގްރީން ތަށިން ނޫޑުލިސްކޮޅެއް ނަގަންތަ،" ލައިބާ ބަދިގެ ދޮރުކައިރިއަށް ޖެހިލާފައި އަހާލިއެވެ.
"ދެން އެ ސްޕެގެޓީތަށި ކަލޭ އެއްކޮށް ކައި ހުސްކޮށްލާނީކީ ނޫން، ޒާންއަށް ބަހައްޓާތި، އޭނަވެސް އެބަ އާދޭ ކާންވެގެން، އެހެންނޫނަސް ގަރުދިޔަ އާއި ބަތް އެހެރީނު، އެކާންވީނު" އަޒުރާ ލައިބާއަށް ބަލާލާފައި އެހެންބުނެ ކުނިތައް އެއްފަރާތަކަށް އެއްކޮއްލިއެވެ.

ލައިބާ ބަދިގެ ތެރެއަށްވަނީ ދެރަވެފައި ހުރެގެންނެވެ. އޭނައަށް ޔަޒާން ނުކާކަމެއް އަދި ނޭގެއެވެ. ގަޑިންވީއިރެއްވެސް އޭނައަކަށް އަދި ނޭގެއެވެ. ސްޕެގެޓީވެސް ދެމީހުން ކާވަރަކަށް އެތައްޓަކުނެތެވެ. އެހެންވެ ދެއިނގިލި ކުރިން ސްފެގެޓީކޮޅެއްނަގާ ރަހަ ބަލާލުމަށްފަހު ތަށި ހިފައިގެން ކައިރިވީ ބަތްއެޅުމަށެވެ. އަދި ގަރުދިޔަ ފޮދަކާއިއެކު ކާން މޭޒުކައިރީ އިށީނެވެ. ރަނގަޅަށް ކާން ނުފެށެނިސް ބަދިގެ ތެރެއަށް ދޮރުން ބޭރުން އެއްލި ލުނބޮއެއް އައިސް ޖެހުނީ ލައިބާ ކާން އިން މޭޒު މައްޗަށެވެ. ލައިބާއަށް ސިހިފައި ބަތްތަށި އެއްފަރާތްކޮއްލެވުނެވެ. ރަނގަޅަށް މޭޒުމައްޗަށް ބަލާލިއިރު ލުނބޮއެއް އޮތުމުން އޭނަގެ މޫނުމަތިން ހިނިތުންވުމެއް ފެނިގެންދިޔައެވެ. އޭނަ ހީކުރީ އަޒުރާ އެއްލި އެއްޗެއްކަމަށެވެ. ތެދުވެގެންގޮސް ލުނބޯ ދޮވެލާފައި ލައިބާއަށް ފުދޭވަރުގެ ލުނބޯކޮޅެއް ލައިގެން ކާންފެށިއެވެ. ފުރަތަމަ ސުވާ އަނގައަށް ލެވުމާއިއެކު ލައިބާއަށް ހަފާލުމެއްނެތި އަވަސް އަވަހަށް ދިރުވާލިއެވެ. އަދި ފެންބުއިމަށް އަވަސްވެ ގަތެވެ. އެހެނީ އޭނަގެ ތުންފަތް ހަލާކުވެފައި ހުރިއިރު ލުނބޮލުގެ ހުތް ޖެހުމުން ކަރާނެކަމެއް އޭނަ އެއްގޮތަކަށްވެސް ހަނދާންނެތީމައެވެ.
"މީ ދެން ވަރުގަދަ ކަމެއްތާ.... ހަމަ އެއްކުރާއިރަށް އެބަ ބުރައިގެން ދެޔޭ..." އަޒުރާ ރުޅިއައިސްގެން ހަޅޭލަވާއަޑު ލައިބާއަށް އިވުނެވެ.

އަޒުރާ ބަދިގެ ހުންނަ ފަރާތް އެއްކޮސާފުކޮއް ހުރިހާ ކުންޏެއް އެއްކޮށްފައި ޖަސްތުގަނޑުން ނަގަން ގުދުވާއިރަށް ވައިރޯޅީއަކާއިއެކު އެއްކުރި ކުނިތައް ބުރައިގެން ދެއެވެ. ދެފަހަރަކު އަޒުރާ ކުނިނަގަން މަސައްކަތް ކުރުމަށްފަހު އެކަން ހުއްޓާލީ ރުޅި ގަދަވެގެންނެވެ. އެހެންވެ ކުނި ގޯނި އެއްފަރާތެއްގައި ބެހެއްޓުމަށްފަހު ޖަސްތުގަނޑު ކުނިތައް ކައިރީ ބާއްވާފައި އަޒުރާ ވަންނަން ދިޔައި ބަދިގެއަށެވެ.
"ލައިބާ..." އަޒުރާ ބަދިގެ ފާރުގައި ކުނިކަހަން ގެންގުޅުނު އިލޮށިފަތި ވައްތަރުގެ ފިހިގަނޑު ލައްގާލަމުން ގޮވާލިއެވެ.
ކިރިޔާ ގޮނޑީގައި ބުޑު ޖައްސާލައިގެން ކާންއިން ލައިބާ އަޒުރާ ބުނަން އުޅޭ އެއްޗަކަށް ސަމާލުވިއެވެ.
"ކޮންފާޑަކަށް އިނދެގެންތަ ތިކަނީ، ހޫ ތިއެއްނޫނޭ، އަހަރެން އެއްކޮފަ އެހެރަ ކުނިތައް ޖަސްތުގަނޑުން ނަގާ ގޯންޏަށް އަޅާފަ އެފަރާތް ކުނިކަހާލާ...ނޭނގެ މިއަދު މިޖެހެނީ ކޮންކަހަލަ ވައެއްކަމެއް، ހޫނު އެހާ ގަދަ ވައިރޯޅިއެއް ޖެހެނީކީ ނޫން، އެކަމަކުވެސް އެވައިރޯޅި އަންނަ ނާންނަ ދިމާލެއްވެސް އެނގެނީކީ ނޫން، އެ ޔަޒާންވެސް އަދިވެސް ކާން އަންނާކަށް ނޫޅޭ، މިހާރު އެއޮއްގެން ތިންގަނޑި ބައިވަނީ" އަޒުރާ ސިންކު ކައިރީ ހުރެ އަތްދޮވެލައިގެން ބަދިގެއިން ނުކުމެގެން ދިޔައެވެ.

އަޒުރާ ގޭތެރެ ހޯދަމުން ދިޔައިރު ޔަޒާން ހުރީ ބޭރު ފާރުކައިރީ ރަޒިއްޔާ މެންގޭ ކުއްޖަކާއި ވާހަކަ ދައްކާށެވެ. އެތަން ފެނުމާއިއެކު އަޒުރާ ހަޅޭލަވައި ގަނެއްޖެއެވެ.
"ބަލަ އަދިވެސް ކާން ނުވަނީތަ، ބަދިގޭގަ އެހެރީ ކަލެއަށް ކާން ނަގާފަ ހުރި އެއްޗިއްސޭ، ދޭބަލަ ކައިގެން އަންނަން، ލައިބާވެސް އެބައުޅޭ އެފަރާތުގަ" އަޒުރާ ގޭ ދޮރުމަތީ ޔަޒާންއަށް ބަލަހައްޓައިގެން ހުރެ ބުނަމުންދިޔައެވެ. އެއަޑަށް ރަޒިއްޔާމެންގޭ ނަޒްމީ ޔަޒާން ގާތު ސިއްރު ސިއްރުން އެއްޗެއް ބުނެލާފަ ދުވެފައި ގޭތެރެ އާއި ދިމާލަށް ގޮއްސިއެވެ. ޔަޒާންވެސް އަޒުރާގެ ކައިރިން އަޅާފައި ގޭތެރެއަށް ވަދެގެން ބަދިގެ ފަރާތަށް ދިއުމަށް ދިޔައެވެ.

ލައިބާ ކައިނިމިގެން ތަށިތައް ނެގުމަށްފަހު އަވަސްވެގަތީ އަޒުރާ ބުނިކަންތައް ކުރާށެވެ. ބަދިގެއިން ނުކުތްއިރު ފާރުގައި ލައްކޮއްލާފައި އިން އިލޮށި ފިހިފެނުނެވެ. އެކަމަކު އެދަނޑި ދިގުކަމުން ލައިބާއަށް އޭގެން ކުނިކަހަން އެހާ ފަސޭހައެއްނުވިއެވެ. އެހެންވެ އޭނަ ބަދިގެ ތެރޭގައި އިން އިލޮށިފަތި ނެގިއެވެ. މަޑުމަޑުން ބުރައިގެން ގޮސްފައިވާ ކުނިތައް އެއްކުރަން ފެށިއެވެ. އަދި ޖަސްތުގަނޑު ފޮޅާލުމަށްފަހު ކުނިނަގަން ތައްޔާރުކޮއްލި ތަނާހެން އަންހެން ކުއްޖަކު ހީލިއަޑު އިވުނެވެ. ވަގުތުން ލައިބާއަށް އެއަޑު ދެނެގަންނަން އެނގުނެވެ. އެއީ ލައިބާ އުނދޯލީގައި އޮއްވާ އިވުނު އަޑެވެ. އެއީ ކޮންކުއްޖެއްބާއެވެ. ކުނިނަގަން ގުދަށް އޮތް ލައިބާ ކުޑަކޮށް ވަށައިގެން ހޯދާލިއެވެ. އެކަކުވެސް ނުފެނުނެވެ. ޖަސްތުގަނޑުގައި ކުނިތައް ނަގާ ގޯންޏަށް އަޅާލިއެވެ. އަނެއްކާވެސް ހީލިއަޑު އިވުނީ ކުނިނަގަން ގުދުވިތަނާއެވެ.
"ކާކު...ކާކުތަ" ލައިބާ މަޑުމައިތިރި ކަމާއިއެކު ކޮޅަށް ތެދުވެ އަހާލިއެވެ. އެހެންނަމަވެސް އެކަކުވެސް ފެންނާކަށް ނުހުރެއެވެ. ލައިބާ އެންމެ ފަހު ކުނިތައް ޖަސްތުގަނޑުން ނަގާ ގޯންޏަށް އަޅާލުމަށްފަހު ކުނިނެގިތަނުގެ ވެލިތައް އިލޮށިފަތިން ރީތިކޮއްލިއެވެ. އަދި އެނބުރިލީ ރަޒިއްޔާ މެންގެ އާއި އިންވަކި ކުރާ ފާރާއި މައިގެއާއި ދޭތެރޭ އޮތްހުސްތަންކޮޅުން ލާފައި މަގުމައްޗާވީކޮޅު ކުނިކަހަން ދިއުމަށެވެ. ގޯނި ގެންދިއުމަށް ހިފާލިއިރު ލައިބާއަށް ގެންދޭވަރަށް ވުރެން މާބަރެވެ. އެވަގުތު ގޭތެރެއިން ނުކުމެގެން ބަދިގެއަށް އައި ޔަޒާން ލައިބާއަށް ފެނުމުން ހުއްޓުން އަރާފައި އޭނައަށް ބަލަހައްޓައިގެން ހުއްޓެވެ. ޔަޒާން ލައިބާއަށް ލޯބިން ގޮވާލިއެވެ. ކައިފިންތޯ އަހާލިއެވެ. ލައިބާ އަނގައިންވެސް ނުބުނެ ބަލަން ހުރެވުނީއެވެ. ޔަޒާން ލައިބާ ގާތު ކުނިކަހަނީތޯ އަހާލަމުން ބަދިގެ ތެރެއަށްވަނެވެ. ލައިބާ އިލޮށިފަތި ހިފައިގެން ރައްޒިއްޔާމެންގާއި ދިމާލަށް އެނބުރިލިއެވެ. އެވަގުތު ލައިބާއަށް ރަޒިއްޔާމެންގޭ ފާރުބުރިމަތީ އިން އިސްކޮޅުން ކުރުކޮށް ހުރި އަންހެން ކުއްޖާފެނުމެން ސިހުނެވެ. ލައިބާ ހައިރާންވެފައި ބަލަހައްޓައިގެން ހުރުމުން އެ އަންހެން ކުއްޖާ ހީލިއެވެ. ލައިބާ އިތުރަށް ސިހުނީ އެ އަންހެން ކުއްޖާ ހީލި އަޑާއި އޭނަގެ ސޫރަ ފެނިފައެވެ. )ނުނިމޭ(
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު