ސައިބާ-އެޓޭކްގެ ފަހަތުގައިވަނީ ރަޝިޔާކަމަށް ޔުކްރެއިނުން ތުހުމަތުކޮށްފި

މިދިޔަ ހަފްތާތެރޭގައި ދުނިޔޭގެ ބޮޑެތި އެކި ވިޔަފާރިތަކަށް އަމާޒުކޮށްގެން ދެވުނު ސައިބާ-އެޓޭކްގެ ފަހަތުގައިވަނީ ރަޝިޔާކަމަށާއި އެކަމާ ގުޅޭގޮތުން ހެކި އެބަހުރިކަމަށް ޔުކްރޭނުން ބުނެފިއެވެ.

ޔުކްރޭންގެ ސެކިއުރިޓީ ސާވިސް، އެސްބީޔޫއިން ހާމަކުރިގޮތުގައި އެމީހުންނަށްވަނީ އެގައުމުގެ ވެރިރަށް ކީވްއަށް އަމާޒުކޮށްގެން ހަމަލާއެއް ދިނުމާ ގުޅޭ ޑޭޓާތަކެއް ހޯދިފައެވެ. އަދި މުޅި ދުނިޔޭގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ދެވުނު މިހަމަލާގައި އެންމެ ފުރަތަމަ ސައިބާ-އެޓޭކްގެ ރިޕޯޓް ކޮށްފައިވަނީވެސް ޔުކްރޭންގެ އައިޓީ ފާމްތަކުންނެވެ.

ދުނިޔޭގެ އެކި ވިޔަފާރިތަކުގެ ސާވާ ތަކަށް އަމާޒުކޮށްގެން ދެވުނު މިހަމަލާގައި ކޮމްޕިއުޓަރް ސިސްޓަމްސްތައް 'ފްރީޒް' ކޮށްލައި އަދި އިލެކްޓްރޯނިކް ފައިސާކަމުގައިވާ ބިޓްކޮއިން އިން 'ރެންސަމް' ނުވަތަ ބަދަލު ދިނުމަށް ބުނެ އިންޒާރުގެ މެސެޖްތައް ކޮމްޕިއުޓަރުތަކަށް ލިބުނެވެ.

ޔުކްރޭނުން ރަޝިޔާގެ ބޮލުގައި މި ސައިބާ-އެޓޭކްގެ ތުހުމަތުތައް އަޅުވަމުން ގެންދާއިރު އެގައުމުން ވަނީ މިކަން ދޮގުކޮށްފައެވެ. އަދި ސައިބާ ސެކިއުރިޓީގެ ރިސާޗަރުންވެސް ބުނަނީ ރަޝިޔާގެ ވެރިރަށް މޮސްކޯގެ ގިނަ ކުންފުނިތަކަކަށް ވެސް މި ސައިބާ-އެޓޭކްގެ ޒަރީއާިން ވައިރަސްގެ އުނދަގޫ ފޯރާފައިވާކަމަށާއި މިހެންވުމުން ރަޝިޔާއިން މި ހަމަލާގެ ފަހަތުގައި އޮވެދާނެކަމަށް ހީނުކުރާ ކަމުގައެވެ.

comment ކޮމެންޓް