ކަމަދޫ ކައުންސިލްގެ ބައި އިލެކްޝަން އަންނަ މަހުގެ 19 ގައި

މޭ 6، 2017: ލޯކަލް ކައުސިލް އިންތިހާބުގައި މާލޭގައި ބެހެއްޓި ބައެއް ވޯޓް ފޮށިތަށް ގުނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބ. ކަމަދޫ ކައުންސިލްގެ ބައި އިލެކްޝަން އަންނަ އޮގަސްޓް މަހުގެ 19 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކަމަދޫ ކައުންސިލްގެ ބައި އިލެކްޝަންގައި ވާދަކުރައްވަން ބޭނުންވާ ފަރާތްތަކުން މިއަދުން ފެށިގެން މި މަހުގެ 17 ވަނަ ދުވަހުގެ މެންދުރުފަހު 1:30 އާ ހަމައަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ކަމަދޫ ކައުންސިލްގެ ބައި އިލެކްޝަންގައި ވާދަކުރައްވާ ބޭފުޅުންނަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ބޭފުޅުންނަށް ވާންޖެހޭނެ ކަމަށް އެ އިއުލާނުގައި ވަނީ ބުނެފައެވެ.

ކަމަދޫ ކައުންސިލްގެ ބައި އިލެކްޝަންގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވެސް އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ހުޅުވާލައިފައެވެ.

ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ފުރުސަތު ވެސް މިއަދު ވަނީ ހުޅުވާލާފައެވެ. އެގޮތުން މިއަދުން ފެށިގެން މި މަހުގެ ދިހަ ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ކަމަދޫ ކައުންސިލްގެ ގޮނޑިއެއް ހުސްވެފައި ވަނީ އެ ކައުންސިލްގެ ނައިބު ރައީސް ކަމުގައި ހުންނެވި އަލީ މައުސޫމް ކައުންސިލަރު ކަމުން އިސްތިއުފާދެއްވުމުންނެވެ. އެމްޑީޕީގެ ޓިކެޓުގައި އިންތިޚާބުވި މައުސޫމް އިސްތިއުފާދެއްވީ ކައުންސިލަރު ކަމުގެ ހުވާކުރެއްވިތާ ހަފްތާއެއް ވެސް ނުވަނީސްއެވެ.

comment ކޮމެންޓް