އައިފޯނުތަކުގެ ޗާޖިން ޕޯޓް ގެއްލެނީބާ؟

2020 ވަނަ އުފައްދާ އައިފޯނުތަކުގެ ޗާޖިން ޕޯޓު ނުހުންނާނެ ކަމަށް ބެލެވޭ --

ދުނިޔޭގެ އެންމެ މަޝްހޫރު އެއް ސްމާޓް ފޯނު ބްރޭންޑަކީ އެޕަލް އައިފޯނެވެ. 2007 ވަނަ އަހަރު އެ ފޯނު ދުނިޔޭގެ މާކެޓަށް ނެރުނު ފަހުން އެއަށް އެކި ކަހަލަ ބަދަލުތަކެއް ގެނެސްފައިވާއިރު މިހާރު އެންމެ ދެކެވޭ އެއް ވާހަކަ އަކީ 2020 ވަނަ އަހަރު ބައްދަލު ކުރާއިރު އެޕަލް އިން އުފައްދާ އައިފޯނުތަކުގެ ޗާޖިން ޕޯޓު ނުހުންނާނެ ކަމަށެވެ.

ދެހާސް ހަތް ވަނަ އަހަރު އެޕަލް އިން ނެރުނު އައިފޯނު 2ޖީ ފޯނުތައް ޗާޖު ކުރުމަށް އެ ފޯނުގައި 30 ޕިން ހުންނަ ޕޯޓެއް ގާއިމް ކުރިއެވެ. އައިފޯނު 4 އެސް އާ ހަމައަށް އެ ޕޯޓު ބޭނުން ކުރަމުން އައިސް 2012 ވަނަ އަހަރު އައިފޯނު 5 އެސް ތައާރަފްކުރީ ލައިޓްނިން ޕޯޓަކާ އެކު އެވެ. އެއަށްފަހު މިއަހަރު ތެރޭ އައިފޯނު 7 ނެރުނު އިރުވެސް ބޭނުންކޮށްފައި ހުރީ ހަމަ ލައިޓްނިން ޕޯޓެވެ.

ޓެކްނިކަލް ތަޖުރިބާކާރުން ގަބޫލު ކުރާ ގޮތުގައި 2020 ވަނަ އަހަރު އުފައްދާ އައިފޯނުގައި ޗާޖިން ޕޯޓު ނުހުންނާނެ އެވެ. މިވާހަކަތަކަށް ވާގި ދެނީ އައިފޯނު 7 އިންނެވެ. ސަބަބަކީ އައިފޯނު 7 އާއި 7 އެސް ނެރުނު އިރު ހެޑް ފޯނު ޖެކު ޖަހާ ޕޯޓު ނެތުމެވެ. އެޕަލް އިން ވަނީ އެ ޕޯޓު އުވާލައި ވަޔާލެސް "އެއާ ޕޮޑްސް" ތައާރަފްކޮށްފައެވެ.

އެހެން ކަމުން ކުރިއަށް އޮތް ތަނުގައި އުފައްދާ އައިފޯނުތަކުގެ ޗާޖިން ޕޯޓު އުވާލައި ޗާޖު ކުރުމަށް އެ ނޫން ކޮންމެވެސް އީޖާދެއް ކުރާނެ ކަމަށް ލަފާ ކުރެވެއެވެ. އެކަން ގަބޫލުވެސް ކުރެވެއެވެ.

އައިފޯނު ކުރިއަރައި ގޮސް މިހާރު މުޅި އައިފޯނު ވަނީ ގާތްގަނޑަކަށް ވަޔާލެސް ކޮށްފައެވެ. މުޅިން އެއްކޮށް ވަޔާލެސް ނުވެ އޮތީ ޗާޖު ކުރާ ޕޯޓުގެ ސަބަބުންނެވެ. އެހެން ކަމުން އައިފޯނުގެ ޗާޖުކުރުން ވަޔާލެސް ކުރުމަކީ އެޕަލްއިން ކޮށްފާނެ ކަމެއް ކަމަށް ބެލެވެއެވެ.

ވަޔާލެސްކޮށް އައިފޯނު ޗާޖު ކުރެވޭ ނަމަ އެކަން ބަލައިނުގަންނާނެ އެއްވެސް މީހަކު ހަމަ ނުހުންނާނެ އެވެ. އެކަން ގަބޫލު ކުރެވެއެވެ. މިއަހަރު އެޕަލް އިން ނެރޭ އައިފޯނު 8ގައި ޗާޖިން ޕޯޓު ނުހުންނާނެ ކަމަަށް ބުނެ ބައެއް ފަރާތްތަކުން ދަނީ އެކި ވެބްސައިޓުތަކުގައި މައުލޫމާތު ފަތުރަމުންނެވެ.

ވަޔާލެސްކޮށް އައިފޯނު ޗާޖު ކުރެވޭ ގޮތް ހަދާ ނަމަ އެގޮތަށް ހަދާނީ ކިހިނެއް ކަމާ މެދު ސުވާލު އުފެދެއެވެ. އެކަމަށްވެސް ބައެއް ފަރާތްތަކުން ވަނީ ޖަވާބު ދީފައެވެ. އެއް ގޮތަކީ "މެގްނެޓިިކް ޗާޖިން" އެވެ.

ނަމަވެސް އެއީ އެންމެ ރިލަޔަބަލް ގޮތް ކަމާ މެދު ޝައްކު އުފައްދާ މީހުންވެސް އެބަ ތިއްބެވެ. އެއީ އެގޮތަށް ޗާޖު ކުރާނަމަ އެމީހެއްގެ ރޫމް ވަކި ގޮތަކަށް ސެޓަޕް ކުރަން ޖެހޭނެ ކަމަށް ގަބޫލު ކުރެވޭތީ އެވެ. އޭރުންވެސް ޗާޖު ކުރެވޭނީ ހަމަ އެކަނި ގޭގައި ހުންނަ ވަގުތުތަކުގައެވެ. ބޭރުގައި އުޅޭ އިރު ފޯނު ޗާޖު ކުރެވޭނެ ގޮތެއް ނެތެވެ.

ދެން ބެލެވޭ ގޮތުގައި އެޕަލް އިން އުފައްދާނީ އައިފޯނުގައި ގާއިމް ކުރެވޭ މެގްނެޓިކް ޗާޖިން ޕޯޓެކެވެ. އެފަދަ ޕޯޓެއް ގާއިމްކޮށްފި ނަމަ ޗާޖު ކުރުމަށް މެގްނެޓިކް ޕްލަގް އެއް ބޭނުންވާނެ އެވެ. އޭރުން އަނެއްކާ އެކަން ކުރުމަށް ބޭނުން ކުރާ ޕްލަގްގެ ސަބަބުން އައިފޯނު ވަޔާލެސް ނުކުރެވުނީ އެވެ.

މިއީ ބައެއް ފަރާތްތަކުން އެކި ވެބްސައިޓުތަކުގައި ދީފައިވާ "ޖަސްޓިފިކޭޝަން" ތަކެކެވެ. ކޮށްފައިވާ ލަފާތަކެކެވެ. މިއީ ގަބޫލު ކުރެވޭ ވާހަކަތަކެކެވެ. ހަގީގަތަކަށް ބަދަލު ނުވި ނަމަވެސް، 2012 ވަނަ އަހަރު އެކުންފުނިން އައިފޯނުގައި ގާއިމް ކުރި ލައިޓްނިން ޕޯޓު ރިޓަޔާކޮށް އެނޫން ގޮތަކަށް ޗާޖު ކުރެވޭ ޓެކްނޮލޮޖީއެއް އެޕަލް އިން އުފައްދަން މިހާރު ޖެހިއްޖެއެވެ. ސަބަބަކީ އެކުންފުންޏާ ވާދަ ކުރާ އެހެން ކުންފުނިތަކުން އެފަދަ އީޖާދުތައް ކޮށް އެ ފޯނުތައް ވަޔާލެސްކޮށްފައިވާތީ އެވެ.

comment ކޮމެންޓް