މިފަހަރުގެ ވޯލްޑް ކަޕްގައި ''ވީޑިއޯ އެސިސްޓެންޓް ރެފްރީ'' ބޭނުންކުރުން ގާތް

ރަޝިއާގައި މިހާރު ކުރިއަށްދާ ފީފާ ކޮންފެޑެރޭޝަންސް ކަޕްގައި ވީޑިއޯ އެސިސްޓެންޓް ރެފްރީ ބޭނުންކުރޭ -- ފޮޓޯ: ގެޓީ

ކުރިއަށް އޮތް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ބޭނުންކުރުން ގާތްކަމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއަނީ އިންފެންޓިނޯ ވިދާޅުވެއްޖެއެވެ.

ރަޝިއާގައި މިހާރު ކުރިއަށްދާ ފީފާ ކޮންފެޑެރޭޝަންސް ކަޕްގައި ވީއޭއާރް ޓެސްޓުކުރަމުން ދާއިރު، އޭގެ ކާމިޔާބީގެ އަލީގައި އިންފެންޓިނޯ ވިދާޅުވީ، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވީއޭއާރް ބޭނުން ނުކުރެވެންވީ ސަބަބެއް އަދި ނެތްކަމަށެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި، ކުރިއަށް އޮތް ވޯލްޑް ކަޕްގައި ވީއޭއާރް ބޭނުންކުރަން އަދި އެއްވެސް ހުރަހެއް ނެތް،" ކޮންފެޑެރޭޝަން ކަޕްގެ ފައިނަލާ ދިމާކޮށް، ހޮނިހިރު ދުވަހު ސެއިންޓް ޕީޓަސްބާގްގައި އޮތް ނޫސް ކޮންފަރެންސެއްގައި ފީފާގެ ރައީސް ވިދާޅުވިއެވެ.

"މިހާތަނަށް އަދި ވީއޭއާރް ފެނިގެންދިޔައީ ވަރަށް ކާމިޔާބުކޮށް. އަހަރެމެން މިދަނީ އެ ދަސްކުރަމުން، ކުރިއެރުންތަކެއް އެބަ ލިބޭ. ޓެސްޓުތައް ކުރިއަށް މިދަނީ."

ވީއޭއާރްއަކީ، އެކަމަށް ޚާއްސަކުރެވޭ އިތުރު ދެ އެސިސްޓެންޓް ރެފްރީއަކު ވީޑިއޯ މެޗުގެ ބަލައިގެން ނިންމުތަކަށް އެހީތެރިވާ ނިޒާމެކެވެ. އެހެން ނަމަވެސް މި ނިޒާމް ވޯލްޑް ކަޕްގައި ބޭނުންކުރުމުގެ ކުރީން އަދިވެސް އިތުރަށް ތަރަށްގީކުރާން ޖެހޭކަމަށް އިންފެންޓިނޯ ވިދާޅުވިއެވެ.

"އަހަރެމެން އަދިވެސް އެބަ ޖެހޭ މި ނިޒާމް އިތުރަށް ތަފްސީލުކުރަން. މުއާމަލާތްކުރުމާއި ނިންމުންތަކުގެ ސްޕީޑް އަވަސްކުރަން ޖެހޭ،" ފީފާގެ ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް