ޔާމީން ރަޝީދުގެ ގާތިލުން ހޯދިފައިވުމަކީ ރައްޔިތުންނަށް ލިބުނު ނަސްރެއް: އަޒްލީން

ހޯމް މިނިސްޓަރު އަޒްލީން އަހުމަދު --- ސަން ފޮޓޯ: ފަޔާޒު މޫސާ

ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދުގެ ގާތިލުން ހޯދިފައިވުމަކީ ދިވެހި ރައްޔިތުންނަށް ލިބިގެން ދިޔަ ނަސްރެއް ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެ އެވެ.

އަޒްލީން މިއަދު "ސަން" އަށް ވިދާޅުވީ ޔާމީން ރަޝީދުގެ ގާތިލުން ހޯދިފައިވުމަކީ ދިވެހި ރައްޔިތުންނަށް ލިބިގެން ދިޔަ ނަސްރެއްގެ އިތުރުން ދިވެހި ސަރުކާރަށާއި ފުލުހުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

އޭނާ ވިދާޅުވީ ފުލުހުން، ޔާމީން ރަޝީދުގެ ގާތިލުން ހޯދާފައިވުމަކީ އެ މުއައްސަސާއާ މެދު ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ލިބިގެންދިޔަ ކަމެއް ކަމަށެވެ.

"މިފަދަ ކަންކަމުގައި އަޅުގަނޑުމެން ބޭނުން ވަނީ ދިވެހި ރައްޔިތުންގެ އެއްބާރުލުން. ރާއްޖެއަކީ އަމާން އޮމާން ތަނެއްގެ ގޮތުގައި ބޭއްވުމަށް ބޭނުން ވަނީ ފަރުދުންގެ އެއްބާރުލުން. މިފަދަ ކޮންމެ ކަމެއްގައި ދިވެހި ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާރުލުމަށް އަޅުގަނޑު ސަރުކާރުގެ ފަރާތުން ޝުކުރު ދަންނަވަން،" އަޒްލީން ވިދާޅުވި އެވެ.

އަޒްލީން ވިދާޅުވީ ޔާމީން ރަޝީދުގެ ގާތިލުން ހޯދުމަށް ފަހު ފުލުހުން މަސައްކަތް ހުއްޓާނުލާ ކަމަށާއި އެ މަރުގެ ފަހަތުގައި ތިބި ބަޔަކު ހޯދުމުގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށެވެ.

"ދިވެހިރާއްޖޭގެ ގާނޫނުތައް ތަންދޭ އެންމެ މަތީ ދަރަޖައަކަށް އަޅުގަނޑުމެން މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ގެންދާނަން. ސަރުކާރަކުން ގަބޫލެއްނުކުރަން އެއްވެސް ރައްޔިތަކު ކުރާ ގާނޫނާ ގަވާއިދާ ޚިލާފު އަމަލަކަށް އެހެން ބަޔަކު ގާނޫނު އަތައްލައިގެން އަނިޔާވެރިގޮތެއްގައި މީހަކު މަރާލެވިދާނެ ކަމަށް،" އަޒްލީން ވިދާޅުވި އެވެ.

އިސްލާމްދީންގެ އަސާސްތަކާ ޚިލާފުވާ ގޮތަށް ނުވަތަ އިސްލާމްދީނާ ޚިލާފަށް ކަންތައްތައް ކުރާ ފަރާތްތަކާ މެދު އަޅަން ޖެހޭ ގާނޫނީ ފިޔަވަޅުތައް ސަރުކާރުން އަޅަމުން ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރާއްޖެއަކީ އިސްލާމްދީނުގެ ހިދާޔަތުގައި ދިރިއުޅެން ފަސޭހަ އަމާން އޮމާން ތަނެއްގެ ގޮތުގައި ބޭއްވުމަށް ސަރުކާރުން ކުރަމުންދާ އެންމެހައި ކަންކަމުގައި ރައްޔިތުން އެއްބާރުލު ދިނުމަށް ހޯމް މިނިސްޓަރު ވަނީ އެދިވަޑައިގެންފަ އެވެ.

ޔާމީން ރަޝީދު މަރާލުމުގައި އަމަލީގޮތުން ބައިވެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ މ. ތާއިފް، އިސްމާއީލް ރަޝީދު،25 އާއި ހ. އަންނާރުމާގެ އިސްމާއީލް ހައިޝަމް ރަޝީދު،21 އާއި މ. އިރާސްމިކްގެ އަހުމަދު ޒިހާން އިސްމާއީލް،22 އެވެ.

ފުލުހުން ބުނީ އެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް އެ އޮފީހާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް