އެންމެ ބޮޑު އާމްދަނީއެއް ލިބޭ 25 އަހަރުން ދަށުގެ އެތުލީޓަކަށް ނޭމާ

ބާސެލޯނާގެ ބްރެޒިލް ފޯވާޑް ނޭމާއަކީ، އުމުރުން 25 އަހަރުން ދަށުގެ އެތުލީޓުންގެ ތެރޭން، މިހާރު މުޅި ދުނިޔޭންވެސް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެތުލީޓް -- ފޮޓޯ: އީއެސްޕީއެން

އުމުރުން 25 އަހަރުން ދަށުގެ އެތުލީޓުންގެ ތެރޭން، މިހާރު މުޅި ދުނިޔޭންވެސް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެތުލީޓަކީ ބާސެލޯނާއާއި ބްރެޒިލްގެ ފުޓްބޯޅަ ތަރި ނޭމާ ކަމަށް ފޯބްސްއިން ހާމަކޮށްފިއެވެ.

އަންނަ ފެބްރުއަރީގައި 26 އަހަރު ފުރޭ، ނޭމާއަށް މިހާރު އާމްދަނީގެ ގޮތުގައި އަހަރަކު 37 މިލިއަން ޑޮލަރު ލިބެއެވެ.

ބްރެޒިލްގެ ސަންތޯސް އިން 2013 ވަނަ އަހަރު ބާސެލޯނާއަށް ސޮއިކުރި ނޭމާ، 2016 ވަނަ އަހަރު އިތުރު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި އެ ކްލަބާއެކު ސޮއިކުރީ އަހަރަކު 15 މިލިއަން ޑޮލަރުގެ އާމްދާނީއެއް ލިބޭގޮތަށެވެ. އެހެން ނަމަވެސް އޭނާއަށް ބާސާއިން ލިބޭ އާމްދަނީއަށްވުރެ ބޮޑު އާމްދަނީއެއް އޭނާގެ އިމޭޖް ރައިޓްސްއާ އެހެނިހެން ގޮތްގޮތުން ލިބޭކަމަށް ވެއެވެ.

އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެތުލީޓަކަށް ނޭމާ ހޮވިފައިވަނީ، މަޝްހޫރު ގޮލްފު ކުޅުންތެރިޔާ ޖޯޑަން ސްޕީތަށްވުރެ ކުރި ހޯދައިގެންނެވެ. އޭނާއަށް އަހަރަކު 34.5 މިލިއަން ޑޮލަރު ލިބެއެވެ. ތިން ވަނައަށް ހޮވިފައި ވަނީ، އެންބީއޭ ބާސްކެޓް ކުޅުންތެރިޔާ ކީރީ އިރްވިން (26.9 މިލިއަން ޑޮލަރު)، ހަތަރު ވަނަ އަށް ހޮވިފައި ވަނީ އެންތޮނީ ޑާވިސް (28.1 މިލިއަން ޑޮލަރު)އެވެ.

ފޯބްސް އިން ބުނެފައި ވަނީ، ފުޓްބޯޅަ ކުޅުންތެރީންގެ ތެރޭން، ކުޅެގެން ލިބޭ އާމްދަނީއަށްވުރެ ބޮޑު އާމްދަނީއެއް ސްޕޮންސަރުންގެ ފަރާތުން ލިބޭ ހަމަ އެކަނި ކުޅުންތެރިއަކީ ނޭމާ ކަމަށެވެ.

ނޭމާގެ ސްޕޮންސަރުންގެ ތެރޭގައި ނައިކީ، ޖިލެޓް، ޕެނަސޮނިކް، އަދި ބީޓްސް ފަދަ ބްރޭންޑްތައް ހިމެނެއެވެ.

ފޯބްސް އިން ހޮވާ އެންމެ ބޮޑު އާމްދަނީ ލިބޭ ކުޅިވަރު އެތުލީޓުންގެ ތެރޭން 25 އަހަރުން ދަށުގެ އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެތުލީޓަކަށް ނޭމާ ހޮވުނު ނަމަވެސް، އޯވަރޯލް ލިސްޓުން އޭނާއަށް ލިބެނީ 18 ވަނައެވެ.

ފޯބްސްގެ ލިސްޓުގައި އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެތުލީޓަކަށް ހޮވިފައި ވަނީ، ރެއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އޭނާއަށް މުސާރައާއި އެހެނިހެން ގޮތްގޮތުން އާމްދަނީގެ ގޮތުގައި އަހަރަކު 93 މިލިއަން ޑޮލަރު ލިބެއެވެ.

މި އަހަރުގެ ކުރީ ކޮޅު، ޓައިމް މެގަޒިން އިން ހޮވި ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 100 މީހުންގެ ތެރޭގައި ހިމެނުނު ހަމަ އެކަނި ފުޓްބޯޅަ ކުޅުންތެރިއަކީ ވެސް ނޭމާއެވެ.

comment ކޮމެންޓް