ތަކުރާރުކޮށް ފިނިކޮށް، "ނަޖިސް" ފެނުން ދޮންނަ މަސް!

މަލޭ މަސްމާރުކޭޓުތެރެެއިން---ސަން ފޮޓޯ// މުހައްމަދު އަފްރާހް

މަސްވެރިން މަހުން އައުމާ އެކު އެ ދޯނިތަކަށް އަރައި ކިލޯ ކިރައިގެން މަސް ގަންނަނީ އެވެ. އެއަށް ފަހު އެމަސްތަކުގެ އެއްބައި ވިއްކުމަށް މަސްމާރުކޭޓަށް ވައްދާއިރު އަނެއް ބައި މަސްތައް ރައްކާކުރަނީ ފަޅުގައި އަޅާފައިވާ އޮޑިދޯނި ފަހަރުގަ އެވެ. މާރުކޭޓުގައި އަތުރާފައި ބަހައްޓާ ނުވިކޭ މަސް ރައްކާކުރަން އަނެއްކާ ވެސް ގެންގޮސް އައިސް ފޮއްޓަށް އަޅަނީ އެވެ. މިއީ މާލޭ މަސް މާރުކޭޓުގެ އަދުގެ ހާލެވެ.

މަސް ވިއްކަންތިބީ ގަނެވިއްކާ މީހުން

ކ.ގުޅީ، "މޫފަ" ދޯނީގެ ކެޔޮޅު މުހައްމަދު ޝާކިރު ބުނި ގޮތުގައި މިހާރު މާލޭ މަސް މާރުކޭޓުގައި މަސްވިއްކަން ތިބެނީ މަސްވެރިން ނޫން ކަމަށާއި ގިނައިން ތިބެނީ މަސްވެރިންގެ އަތުން މަސް ގަނެގެން ވިއްކަން ތިބޭ "ގަނެވިއްކާ މީހުން"ނެވެ. އޭގެ ސަބަބުން ބޮޑެތި ދަތިތަކާ ކުރިމަތިވާ ކަމަށް އޭނާ ބުންޏެވެ.

މާލޭ ފަޅުގައި އޮތް ދޯންޏަކުން މަސްތަކެއް ބާލައިގެން ގެންދަނީ: ސިއްހަތަށް ގެއްލުންވާ ގޮތަށް މަސް ވިއްކުން ވަރަށް އާންމު --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"އަޅުގަނޑުމެން މަހުން އައިސް މަސް ވިއްކަން ބަލާއިރު އަށިތައް މިހުންނަނީ ގަނެވިއްކާ މީހުން ހިފާފައި، އެހެންވީމާ މަސްވެރިންނަށް ފުރުސަތެއް ނޯވޭ،" ޝާކިރު ބުންޏެވެ.

ޝާކިރު ބުނި ގޮތުގައި އެގޮތަށް ގަނެވިއްކާ މީހުން އައިސްކޮށްފައި ހުންނަ މަސް މާރުކޭޓުގައި ވިއްކަން ބަހައްޓައި އެ މަސްތައް ނުވިކުމުން އަނެއްކާ ވެސް ގެންގޮސް އައިސް ކުރަން އަޅަ އެވެ.

"އެހެން ހަދާ މީހުން އުޅޭ، އައިސްމަސް ވިއްކަން ބަހައްޓާފައި [ހަވީރު] ފަހެއް ޖެހީމާ ގެންގޮސް އައިސް ފޮއްޓަށް އަޅަނީ،" ޝާކިރު ބުންޏެވެ.

މާރުކޭޓުގައި ގަނެ ވިއްކާ ވިޔަފާރިކުރާ ސިރާޖް އަދުނާން ބުނި ގޮތުގައި އެގޮތަށް އެތައް ފަހަރެއްގެ މަތިން އައިސްކޮށްގެން މަސް ވިއްކާ ބަޔަކު އުޅެ އެވެ. ނަމަވެސް ގަނެވިއްކާ އެންމެން އެގޮތަށް އަމަލު ނުކުރާ ކަމަށް އޭނާ ބުންޏެވެ.

ސިރާޖު ސަން އަށް މަހުގެ ކޮލެޓީއާއި ބެހޭ ގޮތުން މައުލޫމާތު ދެނީ -- ސަން ފޮޓޯ: މުއާވިޔަތު އަންވަރު

"އެހެން ހަދާ ބަޔަކު އުޅޭ، އެކަމަކު އަޅުގަނޑުމެން އެހެން ނުހަދަން، އަޅުގަނޑުމެން އަތުގައި ހުންނާނެ ހަތަރު ލީޓަރުގެ ދެ ފޮށި، އެއަށް އެޅޭނެ އެއްޓަނު މަސް، މަސްވެރިން އަތުން މަސްގަނެގެން އޭގައި ބަހައްޓަނީ، އަދި ވިކޭ ވަރަކުން މާރުކޭޓަށް އަރުވަނީ" ސިރާޖް ބުންޏެވެ.

އޭނާ ބުނި ގޮތުގައި މަހުން އައިސް ކެނޑުމުން ދެން އެމަސް އަލުން ފިނިނުކުރާ ކަމަށާއި އޭގެ ބަދަލުގައި ނުއަގުގައި ނަމަވެސް އެމަސްތައް ވިއްކާލަނީ ކަމަށެވެ. ނަމަވެސް މާރުކޭޓުގައި މަސް ވިއްކަން ތިބޭ ގިނަ ބަޔަކާ ސުވާލުކޮށްލުމުން، އައިސްކަން ކެނޑޭމަސް ދެވަނަ ފަހަރަށް ފިނިކޮށްގެން ބައެއް މީހުން ވިއްކާ ކަމަކަށް އެމީހުން ބުނެ އެވެ.

ހިނގަން އޮންނަ ތަޅުންމަތީގައި މަސްވިއްކަން ބަހައްޓާފައި -- ސަން ފޮޓޯ: އަހުމަދު ސާއިލް އަލީ

މަހަށް ޖަހާފެން ވަރަށް ވެސް ނުތާހިރު

މާރުކޭޓުގައި ވިއްކަން ބަހައްޓާފައިވާ މަސް ތާޒާ ކުރުމަށް އެމަސްތަކަށް ދޭތެރެ ދޭތެރެއިން ފެން ޖަހަ އެވެ. ސަންގެ ނޫސްވެރިން ބެލިބެލުމުން މަސްތަކަށް ޖެހުމަށް ފެން ނަގަނީ މާރުކޭޓް ކުރިމަތީގައި މަސް ދޯނިތައްއަޅާ ފަޅުތެރެއިންނެވެ. ރަނގަޅަށް ފެން ދައުރުނުވުމުގެ ސަބަބުންނާއި ދޯނިތަކުގެ ފާހާނާތަކުގެ ނަޖިސް އެޅުމުގެ ސަބަބުން އެފަޅުގެ ފެންގަނޑަކީ ވަރަށް ބޮޑަށް ތަގައްޔަރުވެފައިވާ ތަނެކެވެ. މަސްރައްކާ ކުރާ އައިސް ފޮށިތަކަށް އެ ފަޅުން ފެންނަގައި ފެން އަޅަނިކޮށް ސަންގެ ނޫސްވެރިންނަށް ވަނީ ފެނިފަ އެވެ.

މާރުކޭޓުން ވިއްކާ މަހަށް ފެން ޖަހަން ފެން ނަގާ ފަޅުތެރެ-- އެފެންގަނޑަކީ ކިލަނބު ކުލައެކުވެފައިވާ ވަރަށް ނުތާހިރު ފެނެއް: ސަން ފޮޓޯ: އަހުމަދު ސާއިލް އަލީ

ހަމައެއާ އެކު މާރުކޭޓުގައި މަސްވިއްކަން އަށިތަކެއް ހަދާފައިވިއަސް މީހުން ހިނގާ ތަޅުންމަތީގައި މަސްތައް އަތުރާފައި ހުރުމަކީ ވެސް ވަރަށް އާންމު މައްސަލައެކެވެ. މީހުންގެ ފައިވާން ކިލަ އާއި ފެނާއި އެއްވެފައިވާ އެތަޅުންގަނޑު މަތީގައި މަސް ވިއްކުމަކީ އާންމުކަމެކެވެ.

ސިއްހީ ބޮޑު ނުރައްކަލެއް

ޑރ. އުސާމާ އުމަރު ވިދާޅުވި ގޮތުގައި އައިސްކޮށްފައި ހުންނަ މަހުގެ ބާވަތްތައް އަލުން އައިސް ކުރުމުން "ކްލޮސްޓުރިޑިއަމް ބޮޓްލިނަމް"ގެ ޖަރާސީމް އުފެދޭނެ ކަމަށާއި އޭގެ ސަބަބުން "ފުޑްޕޮއިޒަން" ވުމުގެ މައްސަލަ ކުރިމަތިވުން ވަރަށް ގާތް ކަމަށެވެ.

"އެލާޖިކުވުން، ހޮޑުލުން، ބަނޑުދިޔާވުން ފަދަ މައްލަތައް ކުރިމަތިވާނެ، ސީރިއަސްކަމެއް މިއީ، ބޮޑަށް އަސަރުކުރާނީ ކުޑަކުދިންނާއި ދުވަސްވީ މީހުންނަށް،" އުސާމާ ވިދާޅުވި އެވެ.

ތަޅުންމަތީގައި އަތުރައިގެން މަސް ވިއްކަމުންދާއިރު އޭގެސަބަބުން އެތައް ޖަރާސީމެއްގެ އަސަރު މަސްތަކަށްކުރާނެ ކަމަށާއި އެފަދަ މަސްތައް ކެއުމުން އެލާޖިކްގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑު ކަމަށް ޑރ. އުސާމާ ވިދާޅުވި އެވެ.

އެފަދަ މަސް ދެނެގަންނާނީ ކިހިނެއް؟

ދިވެހިންގެ ކެއުމުގެ މައިގަނޑު އެއްބާވަތް ކަމަށްވާ މަސް ގަތުމުގެ ކުރިން އެއީ ތާޒާ މަސްތޯ ދެނެގަންނަން ޖެހެ އެވެ. ކެއްކުމުގެ ދާއިރާގައި 13 އަހަރުގެ ތަޖުރިބާ ދިވެހި ޝެފް ޔޫސުފް ނާސިމް (ސިމްބެ) ބުނި ގޮތުގައި އެފަދަ މަސް ދެނެގަންނަން ފަސޭހަ ވާނީ މަސް ފަޅާލުމުން ކަމަށެވެ.

މާލެ ބަދަރުގައި އޮތް ދޯޔެއްގައި މަސްވެރިޔަކު މަހެއް ކަނޑަނީ--ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"ފަޅާލީމާ އިންނާނީ ވަރަށް ބޮޑަށް ހުދުކޮށް، ރެޑްކަން ގެއްލިފައި، އެވާގޮތަކީ އައިސްކޮށްފައި ހުރެފައި އައިސްކަން ދާއިރު މީޓްޖޫސް ފައިބައިގެން ދަނީ، ދެން އައިސް ކުރީމަ އެބައި ނީންނާނެ،" ސިމްބެ ބުންޏެވެ.

ސިރާޖު ބުނި ގޮތުގައި އައިސް ކެނޑުމުން އަނެއްކާ އައިސްކޮށްފައިވާ މަހުގައި އަތްލުމުން އެމަހުގެ މަސްގަނޑު ދެރަކަން އިނގޭނެ ކަމަށެވެ. އެހެން މަސް އުފުލާހެން އެމަސްތައް ނޫފުލޭނެ ކަމަށާއި އެއަށްވުރެ މަސްގަނޑު ދެރަވާނެ ކަމަށް ސިރާޖު ބުންޏެވެ.

ފަޅުން ނުނެރޭ ދޯނިތަކެއް

ަތޮއްޖެހިފައިވާ މާލޭފަޅުތެރޭގައި އެއްގޮތަކަށް ވެސް ނުނެރޭ ދޯނިތަކެއް އޮވެ އެވެ. އެދޯނިތަކުގައި ގިނަ އައިސްފޮށިތަކާއި ފުޅިމަދު ފޮށިތައް ބަހައްޓާފައިހުރެ އެވެ. އެއީ މަސްވެރިން އަތުން މަސް ގަނެވިއްކާ މީހުން މަސް ރައްކާކުރާ ދޯނިތަކެވެ.

ފަޅުންނުނެރި މަސް ރައްކާކުރަން ބަހައްޓާފައިވާ ދޯނިތަކަށް އައިސް އަޅަނީ -- ސަން ފޮޓޯ: އަހުމަދު ސާއިލް އަލީ

"އެހެރީ ބަރިއަކަށް، ކިތައް ދޯނި، އެއީ މިތަނުން ފުރާ އެއްޗިއްސެއް ނޫން، އެއީ ގަނެވިއްކާ މީހުންގެ ދޯނިތައް، އޭގައި ނިދާ އުޅޭނީ ބިދޭސީން،" މަސްވެރިއަކު މައުލޫމާތު ދެމުން ބުންޏެވެ.

މަސްވެރިން މައުލޫމާތުދޭ ގޮތުގައި އެދޯނިތައް އެތަނުން ނަގައިދިނުމަށް ތަކުރާރުކޮށް އެދުމުން އެދޯނިތައް ނަގާނެކަން އަންގައި އިއުލާންތަކެއް ވެސް ތަތްކުރި ކަމަށާއި ނަމަވެސް މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށެވެ.

މަސްމާރުކޭޓް ކުރިމައްޗަށްވާ ގޮތަށް އޮންނަ ފަޅަކީ މާލެ އަންނަ ހުރިހާ މަސްދޯންޏެއްހެން ވަންނަ ފަޅަށްވެފައި އެތަނުން ނުނެރި އަޅާފައި ހުންނަ ދޯނިތަކެއް ހުރުމުގެ ސަބަބުން ބޮޑެތި ދަތިތަކަކާއި ކުރިމަތިވާކަމަށް އެތައް މަސްވެރިއަކު ވަނީ މައުލޫމާތު ދީފަ އެވެ.

މާރުކޭޓް ކުރިމައްޗަށްވާގޮތަށް އޮންނަ ފަޅު، އެތަނުގައި ދަތުރުނުކުރާ ގިނަ އަދަދެއްގެ ދޯނިތަކެއް އަޅާފައިވާ -- ސަން ފޮޓޯ: އަހުމަދު ސާއިލް އަލީ

ކަމާބެހޭ އިދާރާތައް ކޮބާ؟

ހުއްޓުމަކަށް ނުގެނެވިވާ އެތައް ބައެއްގެ ސިއްހަތާ ގުޅިފައިވާ މި މައްސަލައަކީ ދުވަސްވީ މައްސަލައެކެވެ. މަސްމާރުކޭޓުގެ ކަންކަން މޮނީޓާ ކުރުމުގެ ޒިންމާ ހަވާލުކޮށްފައިވާ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވިދާޅުވީ އެކަންތައް އެފަރާތްތަކުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެ މަސައްކަތް މިހަފްތާގެ ތެރޭގައި ފަށާނެ ކަމަށެވެ.

މަސް މާރުކޭޓުގެ ބެލެނިވެރި ފަރާތަކީ މާލޭ ސިޓީ ކައުންސިލްއެވެ. މާލޭ ސިޓީ ކައުންސިލް އިން ވަނީ އެތަން ބަލަހައްޓަން އަމިއްލަ ފަރާތަކާ ހަވާލުކޮށްފަ އެވެ.

މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވި ގޮތުގައި އެކައުންސިލްގެ ކޮމެޓީއެއްގެ ބެލުމުގެ ދަށުން މަސްމާރުކޭޓުގެ ކަންކަން ބަލަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް އިސްލާހީ ފިޔަވަޅުތަކެއް އެޅިގެން ދާނެ ކަމަށެވެ.

މައްސަލައަކީ އާ މައްސަލައެއް ނޫނެވެ. އަދި އެކަން ތަކުރާރުވާތާ ވެސް އެތައް ދުވަހެއް ވަނީ ވެފަ އެވެ. އެތައް ހާސްބައެއް ކޮންމެ ދުވަހެއްގެ ކެއިންބުއިމަށް ބޭނުންކުރާ މަސްހުގެ ބާވަތްތަކުގެ ހާލަތު މިހާހިސާބަށް ގޮސްފައިވާ އިރު ވެސް ހިތާމައަކީ އެކަން ހުއްޓުވަން އެކަށޭނަ މަސައްކަތެއް ނުކުރުމެވެ. އޭގެ ހެއްކަކީ މައްސަލަ ތަކުރާރުވާތާ އެތައް އަހަރެއްވާއިރު ވެސް އެމައްސަލައަށް ހައްލެއް ނައުމެވެ.

comment ކޮމެންޓް