ހަ ކުންފުންޏަކުން އެތެރެކުރި ބިސް ޓެސްޓުކޮށްފި، ފޭކް ބިހެއް ނުފެނުނު

ބާޒާރުމަތީ ފިހާރައެއްގައި ބިސް ކޭސްތަކެއް ވިއްކަން ބަހައްޓާފައި- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއަށް އާންމުކޮށް ބިސް އެތެރެކުރާ ހަ ކުންފުންޏަކުން އެތެރެކުރި ބިސް ޓެސްޓްކޮށްފައިވާ ކަމަށާއި އަދި މިހާތަނަށް އެއްވެސް މައްސަލައެއް ފާހަގަ ނުކުރެވޭކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތީރިޓީ (އެމްއެފްޑީއޭ)އިން ބުނެފިއެވެ.

ފުޑް އެންޑް ޑުރަގް އޮތޯރިޓީގެ ސީނިއާ ސައިންޓިފިކް އޮފިސަރު ސާޖިދާ މުހައްމަދު މިއަދު ސަން އަށް ވިދާޅުވީ، ރާއްޖެއަށް ބިސް އެތެރެކުރާ މައިގަނޑު ހަ ކުންފުނީން އެތެރިކޮށްފައި ހުރި ބިސް އެ އޮތޯރިޓީއިން އިއްޔެ ޗެކްކޮށް ބަލާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިވަނީ ޓެސްޓްތައް ހަދާފައި. އެ ޓެސްޓްތަކުން ފެންނަނީ ހަމަ ނޯމަލް ބިސްކަމަށް،" ސާޖިދާ ވިދާޅުވިއެވެ.

ނަމަވެސް ރައްޔިތުންގެ ކަންބޮޑުވުންތައް އުޅޭތީ ބިހުގެ އިތުރު ޓެސްޓްތައް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސާޖިދާ ވިދާޅުވިއެވެ.

ޕްލާސްޓިކް ބިސްކަމަށް ބުނެ މީހަކު ފޭސްބުކްއަށް ލާފައިވާ ފޮޓޯއެއް-- އެފްބީ ފޮޓޯ: ޝަޒޫ

‎ޕްލާސްޓިކް ބިސް ނުވަތަ ފޭކް ބިސް ރާއްޖޭގައި ވިއްކަމުންދާ ކަމަށް ބުނެ، އާންމުންގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. އާންމުކޮށް ކެއުމަށް ބޭނުންކުރާ ބިސްތަކުން ނުފެންނަ ސިފަތަކެއް، ބާޒާރުން ވިއްކާ ބައެއް ބިސްތަނުން ފެންނަމުންދާ ކަމަށްބުނެ ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ސައިންޓިފިކް އޮފިސަރު އާސިފާ ލުތުފީ ވިދާޅުވީ، ރާއްޖޭގައި ވިއްކަމުންދާ ބިހުގައި މައްސަލަތަކެއް ނޫޅޭ ކަމަށާއި ބިހުގެ ވަހާއި ކުލައަށް ބަދަލު އައިސްފައި ވަނީ ފިނިހޫނުމިން ހިފެހެއްޓުމަށް ގުދަން ކުރުމުގައި ދިމާވި މައްސަލައަކުން ކަމަށް ބެލެވޭ ކަމަށެވެ.

އެކަމުގައި ޑަބްލިޔުއެޗްއޯގެ ލަފާ ވެސް ހޯދާފައިވާއިރު، އެހެން ގައުމަކުން ވެސް އެފަދަ ކަމެއް ހިނގައިގެން އަންގާފައި ނުވާ ކަމަށް އާސިފާ ވިދާޅުވި އެވެ.

ފޭކު ބިސްތަކެއް ކަމަށް ބުނާ ބިސްތަކުގައި އާދަޔާ ހިލާފު ތަފާތުކަމެއް ފެންނަ ކަމަށް، ޒަމާންވީ ޝެފުން ވެސް ދަނީ ބުނަމުންނެވެ. ޝެފުން ފާހަގަ ކުރީ ބިހުގެ ކުލަ އާއި ވަހުގެ އިތުރުން ބިސް ކެއްކުމުން ތަފާތު ކަމެއް ފާހަގަ ކުރެވޭ ކަމަށެވެ.

ފޭކު ކަމަށް ބުނާ ބިސް ކެއްކުމުން ގޮބަޅިގަނޑު ހަރުވެ ކުލަ މަޑުވެއެވެ. އަދި ބިސްގަނޑު އެޅުމުން ގޮބަޅި އާއި ލޮދިގަނޑު ހުންނަނީ ވަރަށް ބޮޑަށް އެކުވެފައެވެ.

comment ކޮމެންޓް