"ގަރުނުގެ ބޮޑު ކައިވެނީގެ ގޮތުގައި" މެސީގެ ކައިވެނި ހަފްލާ ބާއްވައިފި

ލިއޮނަލް މެސީއަށް އެންޓޮނެއްލާ ރޮކޫޒޯ އާ ފުރަތަމަ ބައްދަލުވީ އުމުރުން ފަސް އަހަރުގައި -- ފޮޓޯ: ރޮއިޓާސް

އާޖެންޓީނާގެ ފުޓްބޯޅަ ތަރި ލިއޮނަލް މެސީ، 30.ގެ އަލަތު ކައިވެނި، ކުލަގަދަ ހަފްލާއަކާއެކު އޭނާގެ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮޒެރިއޯގައި ބާއްވައިފިއެވެ.

ބާސެލޯނާގެ ސުޕަރސްޓަރ ކައިވެނިކުރީ އޭނާ ވޭތުވެދިޔަ 10 އަހަރުދުވަހު ލޯބީގެގޮތުން ގުޅިގެން އުޅުނު، އަދި މެސީގެ ދެ ދަރީން (ތިއާގޯއާއި މެޓީއޯ)ގެ މަންމަ އެންޓޮނެއްލާ ރޮކޫޒޯ، 29، އާއެވެ.

މެސީގެ ކައިވެނީގެ ހަފްލާގައި، ޕުޔޯލް، އަލޮންސޯ، ފަބްރިގާސް ފަދަ ކުޅުންތެރީން ބައިވެރިވި -- ފޮޓޯ: ރޮއިޓާސް

"ގަރުނުގެ ކައިވެނި"ގެ ގޮތުގައި ބޭއްވި މި ވަރުގަދަ ކައިވެނީގެ ހަފްލާ ބާއްވާފައި ވަނީ، ރޮޒެރިއޯގެ ލަގްޜަރީ ހޮޓަލެއްގައެވެ. އެ ހަފްލާފައި 260 ސެލެބްރިޓީން ބައިވެރިވެފައިވާއިރު، އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އެތަކެއް ސަތޭކަ ފުލުހުން ހަރަކާތްތެރިވިއެވެ. އަދި ހޮޓެލްގެ ސަލާމަތީކަންކަން ބެލެހެއްޓުމަށް ޕްރައިވެޓް ސެކިއުރިޓީ ފާމަކުން ހަރަކާތްތެރިވިއެވެ.

މެސީއާ ރޮކޫޒޯ ފުރަތަމަ ބައްދަލުވެފައި ވަނީ، އޭނާގެ އުމުރުން 13 އަހަރުގައި ސްޕެއިނަށް ބަދަލުވުމުގެ ކުރީންނެވެ.

މެސީގެ ކައިވެނީގެ ހަފްލާއަށް ތައްޔާރުކޮށްފައިވާ ހޯލެއް -- ފޮޓޯ: ރޮއިޓާސް

ހުކުރު ދުވަހުގެ ރޭ ބޭއްވި މެސީގެ ކައިވެނީގެ ހަފްލާގައި ބައިވެރިވި ސެލެބްރިޓީންގެ ތެރޭގައި، އޭނާގެ ބާސާ ޓީމް-މޭޓް، ލުއިސް ސުއަރޭޒް، ނޭމާ، ޖެރާޑް ޕީކޭއާއި އޭނާގެ އަންހެނުން، ކޮލަމްބިއާގެ ޕޮޕްސްޓަރ ޝަކީރާ، އަދި އާޖެންޓީނާގެ ތަރި ސާޖިއޯ އަގުއެރޯ ހިމެނެއެވެ. މީގެ އިތުރުން އޭނާ ކުރީގެ ޓީމްމޭޓުން ކަމަށްވާ، ސެސް ފަބްރިގާސް، ކާލްސް ޕުޔޯލް، އެޒިކުއެލް ލަވޭޒީ ފަދަ ކުޅުންތެރީންގެ އިތުރުން ޒާބީ އަލޮންސޯ ވެސް ހިމެނެއެވެ.

މެސީގެ ކައިވެނީގެ ހަފްލާ ކުރިއަށް ގެންދިޔަ ރޮޒެރިއޯގެ ހޮޓެލްގެ ބޭރަށް މީހުން ޖަމާވެފައި -- ފޮޓޯ: ރޮއިޓާސް

މެސީގެ ކައިވެނީގެ ހަފްލާއަށް ދައުވަތު އެރުވި ލިސްޓުގައި ބާސެލޯނާގެ މުޅި ސްކޮޑާއި އާޖެންޓީނާގެ ގައުމީ ޓީމުގެ ސްކޮޑް ހިމެނުނު ނަމަވެސް އޭނާގެ ކުރީގެ އެއްވެސް ކޯޗަކަށް ދައުވަތު ދީފައި ނުވާކަމަށް ވެއެވެ. އޭގެ ތެރޭގައި ޑިއޭގޯ މަރަޑޯނާ، ޕެޕް ގާޑިއޮލާ، ލުއިސް އެންރީކޭ ހިމެނެއެވެ.

ހަފްލާގައި ބައިވެރިވި ގިނަ މެހެމާނުން ރޮޒެރިއޯއަށް ދިޔައީ އެމީހުންގެ އަމިއްލަ ޖެޓްތަކުގައެވެ. އެމީހުން ދުށުމަށް އެތަކެއް ހާސް ބަޔަކު، ރޮޒެރިއޯގެ ޑޮމެސްޓިކް އެއާޕޯޓްކައިރިއަށް ޖަމާވިކަމަށް ވެއެވެ.

އާޖެންޓީނާގެ ނޫސްތަކުގައި މެސީގެ ކައިވެނި ސިފަކޮށްފައި ވަނީ، "އަހަރުގެ ބޮޑު ކައިވެނި،" އަދި ބައެއް ނޫސްތަކުގައި "ގަރުނުގެ ބޮޑު ކައިވެނީ"ގެ ގޮތުގައެވެ.

ޖެރާޑް ޕީކޭ (ވ)އާއި އޭނާގެ އަންހެނުން ޝަކީރާ، ރޮޒެރިއޯ އެއާޕޯޓުގައި ފޮޓޯއަކަށް ހުއްޓިގެން -- ފޮޓޯ: ރޮއިޓާސް

މެސީގެ ކައިވެނީގެ ހަފްލާ ކަވަރކުރުމަށް ހުއްދަ ލިބުނީ، އެންމެ 150 ނޫސްވެރީންނަށެވެ. އެ ފަރާތްތަކަށް ވެސް ފާސްދޫކޮށްފައި ވަނީ ވަކި ހިސާބަކަށް ވަދެވޭ ގޮތަށެވެ. ހުރިހާ ތަނަކަށް ވަދެވޭގޮތަށް އެއްވެސް ނޫސްވެރިއަކަށް ހުއްދަ ލިބިފައެއް ނުވެއެވެ.

ބާސާގެ އާޖެންޓީނާ ތަރި ލިއޮނަލް މެސީއާއި ދެ ދަރީން، އަދި މެސީގެ ހަޔާތުގެ ބައިވެރިޔާ އެންޓޮނެއްލާ ރޮކޫޒޯ--

މެސީއަށް އެންމެ ފުރަތަމަ ރޮކޫޒޯ ފެނިފައިވަނީ، އޭނާގެ އުމުރުން އެންމެ ފަސް އަހަރުގައެވެ. ރޮކޫޒޯއަކީ މެސީގެ އެންމެ ގާތް ރަހްމަތްތެރިޔާ، ލޫކަސް ސަގްލިއާގެ ދެބެންގެ ދެދަރި ކޮއްކޮއެކެވެ.

comment ކޮމެންޓް