ތާބޫ ހުސްހަށިބައިކޮށް ހުންނަނީ އަޖޭގެ ސަބަބުން!

ތާބޫ އާއި އަޖޭ---

ބޮލީވުޑްގެ ބަތަލާ ތާބޫ އަކީ ހުނަރުން ފުރިގެންވާ އެކްޓަރެކެވެ. އެކަން އޭނާ ކުޅޭ ކޮންމެ ފިލްމަކުން ފެނިގެންދެ އެވެ. ކޮންމެ ރޯލެއް ވެސް ވަރަށް ފުރިހަމަ އަށް އަދާކުރެ އެވެ.

ފިލްމީ ދާއިރާގައި ތާބޫ ފައިތިލި ސާބިތުކޮށް ކާމިޔާބީ ހޯދާފައި ވީނަމަވެސް، އަމިއްލަ ދިރިއުޅުމެއް އަދި ފެށިފައި ނުވުމަކީ އޭނާ ކަންބޮޑުވާ ކަމެކެވެ. ވަރަށް ފަހުން ނޫހަކަށް ދިން އިންޓަވިއު އެއްގައި ތާބޫ މިވަނީ އޭނާ އަދިވެސް ހުސްހަށިބައިކޮށް ހުންނަ ސަބަބު ހާމަކޮށްފަ އެވެ. ތާބޫ ބުނާގޮތުން، އޭނާ އަށް ދިރިއުޅުމެއް ފަށާނެ ރަނގަޅު ބައިވެރިޔަކު ނުވަނީ އެކްޓަރު އަޖޭ ދޭވްގަންގެ ސަބަބުންނެވެ.

ތާބޫ އާއި އަޖޭ އަކީ ކުޑައިރުން ފެށިގެން ވެސް ގާތް އެކުވެރިންނެވެ. ދެމީހުން އެކަކު އަނެކަކު ދަންނަތާ މިހާރު 25 އަހަރު ވެއްޖެ އެވެ. ދެމީހުންގެ އެކުވެރިކަމުގެ ބިންގާ އެޅިގެން ދިޔައީ ވަރަށް ކުރިންނެވެ.

"އަހަރެން ކުޑަ އިރު، އަޖޭ އާއި އަހަރެންގެ ބޭބެ ސަމީރު، އަހަންނަށް ފާރަލާނެ. ދަނީ ކޮން ތަނަކަށްތޯ، ވާހަކަ ދައްކަނީ ކޮން ފިރިހެން ކުދިންނަކާތޯ ބަލާނެ. ފިރިހެން ކުއްޖަކު އަހަންނާ ވާހަކަ ދައްކަން ހުއްޓައި ފެނިއްޖެ ނަމަ، އެކުއްޖަކަށް އަނިޔާކޮށް ބުލީ ކުރާނެ. އަހަރެން އަދިވެސް ހުސްކޮށް ހުންނަން ޖެހުނީ އަޖޭގެ ސަބަބުން. އެކަމާ އަޖޭ ދެރަވެ، މައާފަށް އެދޭނެ ކަމަށް އަހަރެން ހީކުރަން،" ސަމާސާ ކުރަމުން ތާބޫ ބުންޏެވެ.

ތާބޫ ވަނީ މިހާރު އޭނާ އާއި އިންނާނެ މީހަކު ހޯދުމުގެ މަސައްކަތް ވެސް އަޖޭ އާއި ހަވާލު ކޮށްފަ އެވެ.

އަޖޭ އާއި ތާބޫ ވަނީ 'ވިޖޭޕަތް'، 'ތަކްޝަކް'، ދްރިޝްޔަމް' ފަދަ ކާމިޔާބު ފިލްމުތަކުގައި އެކުގައި މަސައްކަތް ކޮށްފަ އެވެ. ތާބޫ ބުނީ އަޖޭ އާއެކު ގިނަ ފިލްމުތަކެއްގައި މަސައްކަތް ކުރަން ލިބުމުން ދެމީހުންގެ ގުޅުން ވެސް ވަރަށް ބަދަހި ކަމަށެވެ. އަދި އަޖޭ އަކީ ފިލްމީ ދާއިރާގައި އޭނާ އެންމެ އިތުބާރު ކުރާ އެކްޓަރު ކަމަށް ވެސް ތާބޫ ވަނީ ބުނެފަ އެވެ.

ތާބޫ އާއި އަޖޭ މިހާރު އަންނަނީ ރޯހިތު ޝެޓީގެ 'ގޯލްމާލް 4' ގައި ވެސް މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް