ޕޯޗުގަލްއަށް ނާކާމިޔާބުވިޔަސް، އެއްމާބަނޑު ދެ ކުދިންނާއެކު ރޮނާލްޑޯ ހެވިފައި!

ރޮނާލްޑޯ އޭނާގެ އެއްމާބަނޑު ދެ ކުދިން އުރާލައިގެން ---

ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް އިއްޔެ ވެގެންދިޔައީ ވަރަށް ހިތްދަތި ދުވަހަކަށެވެ. އެއީ ކޮންފެޑެރޭޝަންސް ކަޕްގެ ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ޗިލީ އަތުން ޕޯޗުގަލް ބަލިވެގެންދިއުމެވެ.

ރޮނާލްޑޯގެ ހިތްދަތިކަން އަވަހަށް ހަނދާން ނައްތާލުމަށް އޭނާ ދިޔައީ ދާދި ފަހުން ރޮނާލްޑޯއަށް ލިބުނު އެއްމާބަނޑު ދެ ކުދިންނާ ބައްދަލުކޮށްލުމަށެވެ. ރޮނާލްޑޯއަށް އެއްމާބަނޑު ދެ ކުދިން ލިބުނު ވާހަކަ ދާދި ފަހުން ޚަބަރުތަކުން ބުނަމުންދިޔަ ނަމަވެސް، އޭރު އޭނާ އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ. ނަމަވެސް މިހާރު އޭނާ ވަނީ އެއްމާބަނޑު ދެ ކުދިން ލިބުނު ހަބަރާއި އެ ކުދިންނާ ބައްދަލުކުރިކަމުގެ ހަބަރު ވެސް ސަޕޯޓަރުންނަށް ދީފައެވެ.

ޕޯޗުގަލަށް ލިބުނު ނާކާމިޔާބީއަށް ގިނަ ވަގުތެއްނުވެ، ރޮނާލްޑޯ އޭނާގެ އެއްމާބަނޑު ދެ ކުދިންނާ ބައްދަލުކުރިކަމުގެ ހަބަރު ދީފައިވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ. އެ ދެ ކުދިންނާއެކު ނެގި ފޮޓޯއެއް އާންމުކޮށް، އޭނާ ވަނީ އެ ކުދިން އުރާލެވުމުން އެކަމާމެދު އުފާކުރާކަމަށް ބުނެފައެވެ. ރޮނާލްޑޯއަށް އެންމެ ފަހުން ލިބިފައިވަނީ އެއްމާބަނޑު އަންހެން އަދި ފިރިހެން ކުއްޖެކެވެ.

ރޮނާލްޑޯ އޭނާގެ ފިރިހެން ދަރި ކްރިސްޓިއާނޯ ރޮނާލްޑޯ ޖޫނިއާ އަދި ލޯބިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒްއާއެކު --- ފޮޓޯ/ ރެކްސް ފީޗާޒް

ރޮނާލްޑޯއަށް އެއްމާބަނޑު ދެ ކުދިން ލިބުނުކަން އިއުލާންކުރި ނަމަވެސް، އެ ކުދިންގެ މަންމައަކީ ކާކުކަމެއް ހާމަކޮށްފައެއް ނުވެއެވެ. އެ ދެ ކުދިންގެ އިތުރުން ހަތް އަހަރުގެ ފިރިހެން ކުއްޖެއް ވެސް ރޮނާލްޑޯގެ ހުރެއެވެ. އުމުރުން ހަތް އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯ ޖޫނިއާގެ މަންމައަކީ ކާކުކަމެއް ވެސް ރޮނާލްޑޯ ހާމަކޮށްފައެއް ނުވެއެވެ.

ރޮނާލްޑޯއަށް އެއްމާބަނޑު ދެ ކުދިން ލިބުނު ހަބަރާއެކު އޭނާގެ މިހާރުގެ ލޯބިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒް ވެސް ބަލިވެ އިންކަމަށް ހަބަރުތައް ބުނަމުންދެއެވެ. ހަބަރުތައް ބުނާގޮތުގައި، އޭނާގެ ބަނޑަށް މިހާރު ފަސް މަހެވެ. އަދި އޭނާ ބަލިވެ އިނީ އަންހެން ކުއްޖަކަށް ކަމަށް ވެސް ޚަބަރުތައް ބުނެއެވެ.

comment ކޮމެންޓް