ހަމުގެ މައްސަލައަށް ދިން ބޭހުގެ ސަބަބުން ފުރަމޭ ބަދަލުކުރަންޖެހިފައި

ހައްޖަ: އޭނާގެ ފުރަމޭ ވަނީ ބަދަލުކުރަންޖެހިފައި-- ސަން ފޮޓޯ: އާއިލާ

އަނގައާއި ނޭފަތުންވެސް ލޭ އަންނަނީއެވެ. ބޮޑުކަމު ދިޔަސް އަދި ކުޑަކަމުދިޔަސް ހަމަ ލޭ އަންނަނީއެވެ. މިއީ މީގެ އަހަރުތަކެއްކުރިން ހަމުގެ މައްސަލައަށް ފަރުވާ ހޯދި ކުރީގެ ފިލްމީ ތަރިއެއްގެ މިއަދުގެ ހާލެވެ.

ހަދީޖާ މުހައްމަދޭ ބުނުމުން މީހުންނަށް ނޭންގިދާނެއެވެ. ނަމަވެސް "ބޮޑު ހައްޖަ" ނުވަތަ "އެޓޯލް ހައްޖައޭ" ބުނުމުން އެއީ ކާކުކަން ގިނަ ދިވެހިންނަށް އިނގޭއެވެ. އެއީ ކުރީގެ މަޝްރޫހު ފިލްމީ ބަތަލާއެކެވެ. މިރިޕޯޓްގައި ދައްކަން މިއުޅެނީ ފިލްމު ކުޅުން ހުއްޓާލާފައިވާ ފިލްމީ ދުނިޔޭގެ ވާހަކައެއް ނޫނެވެ. ހައްޖައަށް ކުރިމަތިވެފައިވާ ބޮޑު ބަލީގެ ވާހަކައެވެ.

ފުރަތަމަ ދިމާވީ ހަމުގެ މައްސަލައެއް

ހައްޖަ ބުނިގޮތުގައި މީގެ އެތައް އަހަރުތަކެއް ކުރިންވެސް މޫދަށް އެރުމާއި ވާރޭފެން ގައިގަ ޖެހުމުން އޭނާގެ ގާތް ކަހާގޮތްވެއެވެ. ހައްޖަ ބުނިގޮތުގައި 2002 ވަނަ އަހަރު އެކަމަށް ފަރުވާ ހޯދުމަށް އޭނާ ޑޮކްޓަރަށް ދެއްކިއެވެ. އަދި ހަމުގެ ޑޮކްޓަރުގެ އިރުޝާދުގެ މަތިން ބޭސް ކަމުންދިޔައެވެ.

"ބޭސް ދިނީމަ ބޭސް ކެއީ، ދެން ބޭސްކަމުން ދަނިކޮށް އިތުރަށް އެއްޗެހިތަކެއް{ހިމަބިހިތަކެއް} ވަރަށް ބޮޑަށް ނަގަން ފެށީ، އެހެންވީމަ ދެން ދެއްކީމަ އަނެއްކާވެސް ޓެސްްޓް ހަދާފަ ހަމަ ބޭސް ދިނީ، ދެން އެހެން ޑޮކްޓަރަކަށް ދެއްކީމަ ބުނީ ތިހިރީ ވަރަށް ބޮޑުވަރުވެފައޭ ބެންކޮކަށް ނަމަވެސް ދާށޭ،" ހައްޖަ ކިޔައިދިނެވެ.

ހައްޖަ ވަނީ 2003 ވަނަ އަހަރު ބެންކޮކަށްގޮސް ފަރުވާހޯދާފައެވެ. ޓެސްޓްތައް ހެދުމަށްފަހު ބެންކޮކް ހޮސްޕިޓަލުން ބުނީ ނުގުޅޭ ބޭސްތަކެއް ކެވިފައި ހުރި ވާހަކައެވެ. ހައްޖައަށް ބެންކޮކުންވެސް ވަނީ ފަރުވާދީފައެވެ.

އެބަލިން އަރައިނުގަނެވި އުޅެނިކޮށް ހައްޖަގެ ލިވާ އިންފެކްޓް ވެފައިވާކަން އޭނާއަށް އިނގުނީ 2012 ވަނަ އަހަރުއެވެ. އެއީ އިންޑިއާގެ ކިމްސް ހޮސްޕިޓަލަށް ގޮސް ހެދި ޓެސްޓްތަކަކަށްފަހުއެވެ.

ނުގުޅޭ ބޭހެއް ކެވުނީ

ޑޮކްޓަރުންގެ ލިޔުންތަކުގައި ބުނެފައިވާގޮތުން އޭނާގެ ފުރަމޭއަށް މައްސަލަ ކުރިމަތިވެފައވަނީ ކުރިންކެވިފައިވާ ބޭހެއްގެ ސަބަބުންނެވެ. އެހާލަތައް ކިޔާ މެޑިކަލް ނަމަކީ "methotraxate induced chronic liver disease" އެވެ.

އޭގެ އިތުރުން އޭނާއަށް ވަނީ މީގެ ކުރިން "އެކިއުޓް ކޯލްސްޓައިޓައިސް" އަދި "ސޮރައިސިސް" ޖެހިފައެވެ. އެއީ ގޯލްބުލެޑާ ދުޅަވުމުން ދިމާވާ މައްސަލައެކެވެ. އޭގެ އިތުރުން އަނގައާއި ނޭފަތުގެ އިތުރުން ބޮޑުކަމު ދިއުމާއި ކުޑަކަމު ދިއުމުގެ ތެރެއިން ލޭ ފޭބުމުގެ މައްސަލަ އަންނަނީ ކުރިމަތިވަމުން ކަމަށް ހައްޖަ ބުންޏެވެ.

"ޑޮކްޓަރު ބުނެފައި އޮތީ ބުލީޑް(ލޭބޭރުވުން) ދައްކަން އައުމަށް، ޑޮކްޓަރުން ބުނަނީ ލިވާ ޓުރާންސްޕްލޭޓް ކުރަން ޖެހޭ ކަމަށް،" ހައްޖަ ބުންޏެވެ.

މީގެ ދެތިން އަހަރު ކުރިން ހައްޖަ ވަނީ ލިވާ ބަދަލުކުރުމަށް އިންޑިއާއަށް ގޮސްފައެވެ. ނަމަވެސް އެފަހަރު އޭނާގެ ސިއްހަތު ތަންނުދިނުމާއި އައިސީޔޫގައި ފަރުވާ ދޭން ޖެހުމުން އެއޮޕަރޭޝަން ކުރެވޭގޮތެއްނުވެއެވެ. އޭނާގެ އާއިލާއިން މިހާރު އަނެއްކާވެސް ތައްޔާރުވަމުންދަނީ ލިވާ ބަދަލު ކުރުމަށެވެ.

"ދަރިފުޅު ހުރީ ލިވާ ދޭން. އަދި ފިރިމީހާއާއި ދައްތަ އާއިވެސް ދިމާވޭ، ވަރަށް ދިގު ޕުރޮސީޖާތަކަކަށްފަހު ހުއްދަތައް ނަގާ ކަންކަން ކޮށްފިން،” ހައްޖަ ބުންޏެވެ.

މިހާރުވެސް އޭނާ ތަހައްމަލް ކުރަމުންދަނީ ވޭނީ ދުވަސްތަކެކެވެ. ހަކުރު މަތިވުމުގެ ސަބަބުން ދުވާލަކު ހަތަރު ފަހަރު އިންސުލިން ޖަހަން ޖެހެއެވެ. އެއީ ލިވާ މައްސަލަ ޖެހިފައި ހުރުމުން ބޭސް ކާން ރަނގަޅު ނުވުމުންނެވެ.

އެދެނީ ދީލަތި އެހީއަކަށް

ޑޮކްޓަރުގެ ލަފައަކީ ހައްޖަގެ ފުރަމޭ ބަދަލު ކުރުމެވެ. އެކަމަށް ފަރުވާ ހޯދުމަށް ހަމައެކަނި އިންޑިއާއަށްވެސް 50 ވަރަކަށްފަހަރު ގޮސްފައިވީނަމަވެސް އެނޫންގޮތެއް ނެތެވެ.

ބެންގަލޫރު ގުޅޯބަލް ހޮސްޕިޓަލުން ހައްޖައަށް ފަރުވާ ދެމުންދާއިރު ފަރުވާއަށްދާ ކޮންމެ ފަހަރަކު އަމިއްލައަތުންވެސް 1000 ޑޮލަރު(15420 ރުފިޔާ) އަށްވުރެ ބޮޑު އެއްޗެއް ހަރަދުވާ ކަމަށް އެއާއިލާއިން ބުނެއެވެ. އެއީ ހުރުމާއި ކެއުން އަދި ދަތުރުފަތުރު ފަދަ ކަންކަމަށެވެ.

އެތައް ބައެއްގެ ހިތްތަކުން ޖާގަ ހޯދާފައިވާ ބަތަލާ ހައްޖަ މިއަދު އޮތީ ބަލިއެދުގައެވެ. އޭނާގެ ފުރަމޭ ބަދަލު ކުރަން މިވަނީ މަޖުބޫރުވެފައެވެ. އެދެނީ ދީލަތި އެހީތެރިކަމެކެވެ.

ހައްޖައަށް އެހީތެރިވުމަށް:

ހައްޖައަށް ގުޅުމަށް: ‎9961256

ބީއެމްއެލް އެކައުންޓް ނަމްބަރު: ‎ 7730000016387އައިމިނަތު ޝައުޝަން

ނޯޓް:

ސަންގެ މި ސެގްމެންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމުގެ ކަންކަން އެ އާއިލާއާ ގުޅިގެން ކުރިއަށް ގެންދިއުން އެދެމެވެ. ފައިސާގެ އެއްވެސް ކަމެއްގައި ސަން އިން ބައިވެރިއެއް ނުވާނެ އެވެ. ސީދާ އާއިލާއަށް އެހީތެރިވެ ދެއްވާށެވެ.

އެހީތެރިކަމަށް އެދޭ ފަރާތްތަކުން ސަން ކުލުނުގައި ބައިވެރިވުމަށް ‎9992747 ނުވަތަ ‎9982747 އަށް ގުޅައިގެން ކުރިއަށް ގެންދެވުން އެދެމެވެ.

comment ކޮމެންޓް