ފިލިޕީންސްގައި ޖޯޝާއެކު ގައުމީ ސަލާމް ނުކިޔައިފިނަމަ ޖަލަށް!

ފިލިޕީންސްގެ ސިފައިންގެ އޮފިސަރުންތަކެއް އެގައުމުގެ ދިދައާ ދިމާލަށް ސެލިއުޓް ނަގައިގެން ---

މެނީލާ: ފިލިޕީންސްގެ އާއްމު ތަންތަނުގައި ގައުމީ ސަލާމް ޖެހުމުން ޖޯޝާއެކު ގައުމީ ސަލާމް ކިއުމަށް މަޖުބޫރު ކުރުވާ ބިލެއް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސް ކޮށްފިއެވެ.

ފިލިޕީންސްގެ ގާނޫނު ހަދާ މަޖިލީހުން މިދިޔަ ހޯމަ ދުވަހު ފާސްކުރި އެ ބިލުގައި ބުނެފައިވާ ގޮތުން، ގައުމީ ސަލާމް ކިޔުމަކީ ގާނޫނުން ކޮންމެހެން ކުރަންޖެހޭ އަދި އެ ލަވަ ކިޔަންވާނީ ޖޯޝާ ފޯރީގައެވެ.

އެ ބިލް ސެނަޓުން ފާސްކޮށް ސޮއިކުރުމަށްފަހު ގާނޫނަކަށް ވެއްޖެނަމަ، ޖޯޝާއެކު ފިލިޕީންސްގެ ގައުމީ ސަލާމް ނުކިޔާ މީހުންނަށް ވަރުގަދަ އަދަބު ތަކެއް ދިނުމަށް ވަނީ ބިލްގައި ހިމަނާފައެވެ.

އެގޮތުން، ޖޯޝާއެކު ގައުމީ ސަލާމް ނުކިޔާ މީހަކު 50،000 އާއި 100،00ފިލިޕީން ޕޭސޯ (ގާތްގަނޑަކަށް 15،000 އާއި 30،000 ދިވެހި ރުފިޔާ)އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކޮށް މަދުވެގެން އެއް އަހަދު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

އަދި އެކަން ތަކުރާރު ކޮށްފިނަމަ ޖޫރިމަނާއާއި ޖަލު ހުކުމަކާއެކު އޭނާ ފަލީހަތް ކުރުމަށް ނޫސް ޕޭޕަރުގައި އޭނާގެ ފޮޓޯ ޝާއިއު ކުރާނެއެވެ.

އޭގެ އިތުރުން ގައުމީ ސަލާމްގެ ކިޔާއިރު އެންމެން ތެދުވެ ސެލިއުޓް ކުރަންޖެހޭއިރު، ހުރިހާ ދަރިވަރުން ގައުމީ ސަލާމް ހިތުދަސް ކޮށްފައިވޭތޯ ބެލުމަށް ސްކޫލް ތަކުން ބަލަންޖެހޭނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެއެވެ.

comment ކޮމެންޓް