ނުކުޅެދުންތެރިކަން ހުންނަ މީހަކު ފިރުކިފަ ފްލައިޓަށް އަރަން މަޖުބޫރު ކޮށްފި

ޖަޕާންގެ ބަޖެޓް އެއާލައިނެއް ކަމަށްވާ ވެނީލާ އެއާގެ ފްލައިޓެއް --- ފޮޓޯ/ ވެނީލާ އެއާ ފޭސްބުކް ޕޭޖް

ޖަޕާންގެ އެއާލައިނަކުން ނުކުޅެދުންތެރިކަން ހުންނަ މީހަކު ފިރުކިފައި ފްލައިޓަށް އަރަން މަޖުބޫރު ކޮށްފި އެވެ.

ޖަޕާންގެ ބަޖެޓް އެއާލައިނެއް ކަމަށްވާ ވެނީލާ އެއާއިން ދަތުރު ކުރި ނުކުޅެދުންތެރިކަން ހުންނަ ހިޑޭޓޯ ކިޖިމާ ނަމަކަށް ކިޔާ މީހާ އެއްކޮޅު ދަތުރަށް އެ ފްލައިޓަށް އެރީ ރަހްމަތްތެރިންގެ އެހީތެރިކަމާއެކު އެވެ.

ނަމަވެސް ދަތުރު ނިންމާ ފްލައިޓަށް އަރަން ދިއުމުން އެއާލައިންގެ އޮފިސަރުން ވަނީ އެއްވެސް އެހީތެރިކަމަކާ ނުލައި ފްލައިޓުގެ ސިޑިން ނޭރޭނަމަ، ފްލައިޓަށް އެރުމުގެ ހުއްދަ ނުދެވޭނެ ކަމަށް ބުނެފައެވެ. އަދި އެގޮތަށް އަމަލުކުރީ ސަލާމަތީ ސަބަބުތަކަށްޓަކާ ކަމަށް ބުނެފައިވެއެވެ.

އެގޮތަށް އެންގުމުން، ކިޖިމާ ވަނީ އޭނާގެ ފުރޮޅުލީ ގޮނޑި ބަހައްޓާ، އަތް ބޭނުން ކޮށްގެން ފްލައިޓުގެ ސިޑިން ފްލައިޓަށް އަރާފައެވެ.

މީގެ 27 އަހަރު ކުރިން ސްކޫލް ރަގްބީ މެޗެއްގައި ދިމާވި އެކްސިޑެންޓެއްގެ ސަބަބުން އުނަގަނޑުން ތިރި އެއްކޮށް ޕެރެލައިޒް ވެފައިވާ ކިޖިމާ އޭނާގެ ބްލޮގް ޕޯސްޓެއްގައި ބުނެފައިވާ ގޮތުން، އޭނާ ވަނީ 158 ގައުމެއްގެ 200 އަށްވުރެ ގިނަ އެއާޕޯޓަށް ދަތުރު ކޮށްފައެވެ.

އެގޮތުން މިހާތަނަށް ކުރި ދަތުރުތަކުގައި ވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފްލައިޓަށް އެރުމަށް އެކަށީގެންވާ ވަސީލަތްތައް ނެތްނަމަ، ފްލައިޓަށް އެރުމަށް ރަހްމަތްތެރިން ނުވަތަ ސްޓާފުންގެ އެހީތެރިކަން ލިބިފައިވާ ކަމަށެވެ.

"ދަތުރުކުރުމަށް ކިތަންމެ އުދަނގޫ ނަމަވެސް، ދުވަހަކުވެސް ފްލައިޓަކަށް ނޭރޭނެ ކަމަށް ބުނެފައެއް ނުވޭ،" ވެނީލާ އެއާގެ ހަރުކަށި ގަވާއިދުތަކުގެ ސަބަބުން ހައިރާންވި ކަމަށް ބުނެ ޖަޕާންގެ ޓީވީއަކަށް ކިޖިމާ ބުނެފައިވެއެވެ.

އެކަމާ ގުޅިގެން ވެނީލާ އެއާ އިން ފަހުން ވަނީ ކިޖިމާގެ ކިބައިން މާފަށް އެދިފައެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފުރޮޅުލީ ގޮނޑި ހަމަޖައްސައިދޭނެ ކަމަށް ބުނެފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް