ރޯދަ މަހު ފޭރުން އިތުރުވި، އެކަމަކު ކުށުގެ ޖުމްލަ އަދަދު މަދު

ރަމަޟާން މަހަކީ އެމަހެއްގައި ޤުރުއާން ބާވާލައްވާ ލައިލަތުލް ޤަދުރި ވިލޭރޭ ލެއްވި މަހެވެ. އެގޮތުން ރަމަޟާން މަހު ޤުރުއާން ކިޔެވުން އިތުރު ކުރުމަކީ ސުންނަތްވެގެންވާ ކަމެކެވެ. ކީރިތި ރަސޫލާ މުހައްމަދު صلى الله عليه وسلم ވެސް ވަނީ ރޯދަ މަހު ޤުރުއާން ކިޔުއްވާ މިންވަރު އިތުރުކުރައްވާފައެވެ: ރޯދަ މަހު މިސްކިތްތަކަށް ނަމާދުކޮށް ޤުރުއާން ކިޔަވަން ދާ މީހުން ގިނަވޭ--- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރުގެ ރޯދަ މަހު ފުލުހަށް ހުށަހެޅި ފޭރުމުގެ މައްސަލަތައް އިތުރުވި ކަމަށާއި ނަމަވެސް މުޅި ރޯދަ މަހު ތެރޭގައި ހުށަހެޅުނު ކުށުގެ މައްސަލަތަކުގެ އަދަދު ދަށް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މުޅި ރޯދަ މަހު މިއަހަރު ފުލުހުންނަށް ހުށަހަޅާފައިވަނީ 1223 މައްސަލަ އެވެ. އެއީ މިދިޔަ ރޯދަ މަހު ހުށަހެޅި 1313 މައްސަލައާ އަޅާ ބަލާއިރު ހަތް ޕަސެންޓު މަދު އަދަދެކެވެ.

ރޯދަ މަހު ފުލުހުންނަށް ހުށަހެޅުނު ކުށްތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މާރާމާރީގެ 69 މައްސަލައެއް ހުށަހަޅާފައިވެ އެވެ. މިދިޔަ އަހަރު ހުށަހެޅީ އެ ބާވަތުގެ 63 މައްސަލަ އެވެ. ވައްކަމުގެ 220 މައްސަލައެއް މިއަހަރު ރޯދަ މަހު ހުށަހެޅުނު އިރު މިދިޔަ އަހަރު ހުށަހަޅާފައި ވަނީ 271 މައްސަލައެވެ.

މިދިޔަ އަހަރުގެ ރޯދަމަހާ އަޅާ ބަލާއިރު މިއަހަރުގެ ރޯދަ މަހު ހުށަހެޅުނު ފޭރުމުގެ މައްސަލަތަކުގެ އަދަދު ގިނަ އެވެ. އެގޮތުން މިދިޔަ އަހަރު އެފަދަ 29 މައްސަލަ ހުށަހަޅާފައިވާއިރު މިއަހަރުގެ ރޯދަ މަހު ފޭރުމުގެ 50 މައްސަލަ ހުށަހަޅާފައިވެއެވެ. އެއީ 72.4 ޕަސެންޓު އިތުރު އަދަދެކެވެ.

ރޯދަ މަހަކީ އެކްސިޑެންޓު ވެސް ގިނަ މަހެކެވެ. ފުލުހުން ވިދާޅުވި ގޮތުގައި މިއަހަރުގެ ރޯދަ މަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާފައި ވަނީ 177 އެކްސިޑެންޓެވެ. ނަމަވެސް މިދިޔަ އަހަރު 180 އެކްސިޑެންޓު ހިނގާފައިވެއެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ ރޯދަ މަހު ރޯދަ ނުހިފައި ދުވާލު ކެއި ކަމަށް ބުނެ، 21 މައްސަލައެއް ހުށަހެޅި އިރު ހައްޔަރު ކުރީ 17 މީހެކެވެ. ނަމަވެސް މިއަހަރުގެ ރޯދަ މަހު އެ އަދަދުތައް ވަނީ އިތުރުވެފައެވެ.

އެގޮތުން މިއަހަރުގެ ރޯދަ މަހު ދުވާލު ކެއުމުގެ 26 މައްސަލައެއް ހުށަހަޅާފައިވާއިރު 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

comment ކޮމެންޓް