ފޭސްބުކް ބޭނުން ކުރާ އެކްޓިވް ޔޫސަރުންގެ އަދަދު ދެ ބިލިއަނަށް އަރައިފި

ފޭސްބުކްގެ ޔޫސަރުންގެ އަދަދު ދެ ބިލިއަނަށް އެރުމާ ގުޅިގެން މާކް ޒަކަބާގް ޝެއާ ކުރެއްވި ފޮޓޯ --

ނިޔޭގެ އެންމެ މަޝްހޫރު އެއް ސޯޝަލް މީޑިއާ ކަމުގައިވާ ފޭސްބުކް ގަވާއިދުން ބޭނުން ކުރާ އެކްޓިވް ޔޫސަރުންގެ އަދަދު ދެ ބިލިއަނަށް އަރައިފި އެވެ.

ފޭސްބުކްގެ ސީއީއޯ މާކް ޒަކަބާކް މިއަދު ޝެއާ ކުރި ސްޓޭޓަސް އެއްގައި ބުނެފައި ވަނީ "ދެ ބިލިއަން އެކްޓިވް ޔޫސަރުންނާ އެކު އަޕްޑޭޓް ވެއްޖެ. ދުނިޔެ އިތުރަށް އަލިވެއްޖެ" ކަމަށެވެ.

"މިއަދު ހެނދުނުން ފެށިގެން ފޭސްބުކް ބޭނުން ކުރާ މީހުންގެ އަދަދު ރަސްމީ ދެ ބިލިއަނަށް އަރައިފި. މިއީ މުޅި ދުނިޔެ ގުޅާލުމަށް ކުރަމުން މިދާ މަސައްކަތް ކުރިއަރަމުންދާ ކަމުގެ ހެއްކެއް. މި ދަތުރުގައި ތިޔަ ބޭފުޅުންނާ އެކު ސަފަރު ކުރެވޭތީ ފަޚުރުވެރިވަން،" ޒަކާބާގް ފޭސްބުކްގައި ލިޔުނު ޕޯސްޓުގައި ވެއެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ކުއާޓާލީ ރިޕޯޓުގައި އެ ކުންފުނިން ވަނީ، ފޭސްބުކްގެ އެކްޓިވް ޔޫސަރުންގެ އަދަދު ދެ ބިލިއަނަށް އަރަން އުޅޭ ކަމުގެ ޚަބަރު ހިމަނާފައެވެ.

އޭރު ފޭސްބުކް އިން ބުނި ގޮތުގައި ދުވާލެއްގެ މައްޗަށް ފޭސްބުކް ބޭނުން ކުރާ މީހުންގެ އަދަދު 1.94 ބިލިއަނަށް އަރައެވެ. އަދި އޭގެ ކުރިން ފޭސްބުކް ބޭނުން ކުރަނީ ދުވާލެއްގެ މައްޗަށް 1.3 ބިލިއަން މީހުން ކަމަށް ވެސް ބުނެފައިވެ އެވެ. މިހާރު އެ އަދަދު ދެ ބިލިއަނަށް މިވަނީ އަރާފައެވެ.

އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކުންފުނީގެ ފައިދާ އިތުރުވެފައިވާ އިރު، ކުންފުނީގެ އާމްދަނީ ވެސް ވަނީ 51 ޕަސެންޓު އިތުރުވެ 7.9 ބިލިއަން ޑޮލަރަށް އަރާފަ އެވެ.

comment ކޮމެންޓް