"ޕްލާސްޓިކް ބިސް" އެންމެ ފަހުން ދިވެހި ބަދިގެ ތަކަށްވެސް؟

ހުޅުމާލޭގައި ދިިރިއުޅޭ އެއާއިލާއިން އާދައިގެމަތިން ކޭކު އެޅުމަށް ޓަކައި މިދިޔަ ހަފްތާ އާދިއްތަ ދުވަހު ވެސް 10 ބިސްގަތެވެ. ބިސް ގަތީ ހުޅުމާލޭގައި ހުންނަ އެންމެ ބޮޑު އެއް ފިހާރައިންނެވެ. އެ ބިސްތަކުގެ ބޭރުން ބަލާފައި އެއްވެސް ތަފާތެއް ފާހަގައެއް ނުކުރެވުނު ނަމަވެސް ބިސް ތަޅާލުމުން އެއީ އާދައިގެ ބިސްނޫންކަން އިނގުނެވެ.

"ފުރަތަމަ ބިސް ތަޅާލީމާ ފާހަގަވީ ހުންނަނީީ ހާފް ބޮއިލްޑް ވެފައި ހުންނަހެން، އެހާ ދިޔާކޮށެއް ނޫން ގޮބޮޅިގަނޑު އޮތީ، ދިހަ ބިސް ތެޅިއިރު ވެސް އޮތީ ހަމަ އެހެން،" ހުޅުމާލެއިން ގަތްބިހަށް ވީގޮތް ކިޔައިދެމުން ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެބިހުގައި އަތްލައި ހެދުމުން އެއީ އާދައިގެ ބިސް ނޫން ކަމަށާއި އެއީ ޕްލާސްޓިކް އެކުލެވޭ އެއްޗެއްކަން ޔަގީން ކަމަށެވެ.

ޕްލާސްޓިކް ބިސްކަމަށް ބުނެ މީހަކު ފޭސްބުކްއަށް ލާފައިވާ ފޮޓޯއެއް-- އެފްބީ ފޮޓޯ: ޝަޒޫ

އޭނާގެ އިތުރުން ވެސް އެފަދަ ބިސް މިރޯދަ މަހު ގަނެވުނު ކަމަށް ދެތިން ފަރާތަކުން ވަނީ ސަން އަށް މައުލޫމާތުދީފަ އެވެ. އައްޑުއޮޅުގައި ދިރިއުޅޭ މީހަކު ވެސް ވަނީ އެފަދަ ބިސްތަކެއް ގަނެވުނުކަން ހިއްސާކޮށްފަ އެވެ.

"ފެނަށްލީމަވެސް އޮންނަނީ އުފުލިފައި، ފުރެޝް ބިސް ވަސް ދުވާ އެކަމަކު އާދައިގެ ބިހާ ވަރަށް ތަފާތު، ބިސް ތަޅާލީމަވެސް ބިހުގެ ހުރިހާ އެއްޗެއް އޮންނަނީ އެއްފަޅިއެއްގައި، އަނެއްފަޅި އޮންނަނީ ހުސްކޮށް، ބިހުގެ ދުލިފަތް ވަރަށް ބޯ، ހީވަނީ ރަބަރުގަނޑެއްހެން،" އޭނާ ބުންޏެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް، ރާއްޖެއާ އަވައްޓެރި ގައުމުތަކުގައި ޕްލާސްޓިކް ބިހާއި ހަނޑޫ އަދި ކުކުޅުފަދަ ތަކެތި އުފައްދާ ވާހަކަ ފެންމަތިވެފައިވާތާ ދުވަސްކޮޅެއް މިވަނީވެފަ އެވެ.

އެކަމާ ގުޅިގެން ހެލްތު މިނިސްޓްރީއާއި ފުޑް އެންޑް ޑުރަގް އޮތޯރިޓީގެ ބަހެއް ހޯދަން ކުރި މަސައްކަތް އަދި ކާމިޔާބެއްނުވެ އެވެ. އެހެންކަމުން ރާއްޖޭގެ ބާޒާރުގައި ވިއްކަމުން ދަނީ ޕްލާސްޓިކް ބިސްތޯ ނުވަތަ ނޫންތޯ ޔަގީނެއްނުވެ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ފުޑް އެންޑް ޑުރަގް އޮތޯރިޓީއިން އަންނަނީ އެފަދަ ޝަކުވާލިބޭތީ އެކަން ބަލަމުންނެވެ. ނަމަވެސް މިހާތަނަށް އެއޮތޯރިޓީއަށް އެފަދަ ބިސް ރާއްޖޭގެ ބާޒާރުން ފެނިފައިވާކަމުގެ މައުލޫމާތެއް ނުލިބެއެބެ އެވެ.

comment ކޮމެންޓް