ސުހާނާ ފިލްމީ ދާއިރާ އަށް ނުކުންނާކަށް ނޫޅޭ!

ބޮލީވުޑްގެ ރަސްގެފާނު، ޝާހްރުކް ޚާންގެ އަންހެން ދަރިފުޅު ސުހާނާ ބޮލީވުޑަށް ނުކުންނަށް ތައްޔާރުވަމުން އަންނަ ކަމަށް ދެކެވޭ ވާހަކަތައް ޝާހު ދޮގުކޮށްފި އެވެ.

ސުހާނާ ފިލްމީ ދާއިރާ އަށް ނުކުންނަށް އުޅޭކަމަށް ވާހަކަތައް ދެކެވެން ފެށީ، މުހިންމު އިވެންޓުތަކުގައި ޝާހު އާއެކު ސުހާނާ ބައިވެރިވާން ފެށުމުންނެވެ.

އެކަމާ ގުޅިގެން ޝާހު ބުނީ ސުހާނާ ބޭރަށް ނެރެ، އިވެންޓުތަކުގައި ބައިވެރި ކުރަނީ އޭނާ އެކްޓަރަކަށް ހަދަން ނޫން ކަމަށާއި، އެއްވެސް ދާއިރާ އަކުން ކުރިއަށް ދެވޭނީ ކިޔަވާ ނިމުމުން ކަމަށެވެ.

"ސުހާނާ އަދި ކިޔަވަމުން އެ ދަނީ ގްރޭޑް 11 ގައި. އަދި ކިޔަވަން ބާކީ ފަސް އަހަރު އެބަ އޮތް. ސުހާނާ އެކްޓަރަކަށް ވާން ބޭނުން ވިއްޔާ އޭނާ ކިޔަވާނީ ވެސް އެ ދާއިރާ އިން. އަދި އެކަމަށް ވަރަށް ދުވަސް އެބަ އޮތް،" ޝާހު ބުންޏެވެ.

ޝާހު ބުނީ އޭނާ އެންމެ ބޮޑު އިސްކަމެއް ދެނީ ދަރިންނަށް ކިޔަވައި ދިނުމަަށް ކަމަށާއި، ދަށް ވެގެން ޑިގްރީ އެއް ނެތް މީހަކަށް އެ ގެއަށް ނުވަދެވޭނެ ކަމަށެވެ.

ޝާހުގެ ތިން ކުދިން ތިބެ އެވެ. އެއީ އާރްޔަން އާއި ސުހާނާ އަދި އަބްރަމް އެވެ.

comment ކޮމެންޓް