އިންޑިއާ އާއި އެމެރިކާއާ ދެމެދު އޮންނަން ޖެހޭނީ ވިޔަފާރީގެ ތިލަފަތް ހަމަ ގުޅުންތަކެއް: ޓްރަމްޕް

ޓްރަމްޕާއި މޯދީ ކަޮނޑާއި ކޮނޑު ޖައްސައި ސަލާމް ކުރަނީ

ވޮޝިންޓަން (ޖޫން 27) : އިންޑިއާ އާއި އެމެރިކާއާ ދެމެދު އޮންނަން ޖެހޭނީ ވިޔަފާރީގެ ތިލަފަތް ހަމަ ގުޅުންތަކެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އެމެރިކާއަށް ވަޑައިގެން އުޅުއްވާ އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ އާ ވައިޓް ހައުސްގައި ބައްދަލުކުރެއްވުމަށް ފަހު ދެބޭފުޅުން އެކުގައި ބޭއްވި ނޫސް ކޮންފަރެންސްގައި ޓްރަމްޕް ވިދާޅުވީ އިންޑިއާ އާއި އެމެރިކާއާ ދެމެދު ވިޔަފާރީގެ ތިލަފަތް ހަމަ ގުޅުންތަކެއް ގާއިމްކުރުމަށް ޓަކައި އިންޑިއާގެ ބާޒާރު އެމެރިކާގެ އުފެއްދުންތަކަށް މިހާރަށް ވުރެ ބޮޑަށް ހުޅުވާލަން ޖެހޭ ކަމަށާއި އަދި އެމެރިކާގެ އުފެއްދުންތައް އިންޕޯޓްކުރާ އިރު އިންޑިއާ އިން ނަގާ ޑިއުޓީތައް ކުޑަކުރަން ޖެހޭ ކަމުގަ އެވެ.

މިނޫސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ވިދާޅުވީ އިންޑިއާ ވަނީ އިގްތިސާދީ ގޮތުންނާއި އިޖްތިމާއީ ގޮތުން ބޮޑު ބަދަލެއްގެ ކުރިމަތީގައި ކަމަށާއި މިބަދަލާ އެކު އިންޑިއާގެ ވިޔފާރީގެ އެއްވަނަ ބައިވެރިޔާ އަށް ވެގެންދާނީ އެމެރިކާ ކަމުގަ އެވެ.

ޓްރަމްޕާއި މޯދީގެ ރަސްމީ މަޝްވަރާތަކަށް ފަހު ނެރުނު ގުޅިފައިވާ ބަޔާނުގައި ވަނީ ޕާކިސްތާނަށް ހަރުކަށި އިންޒާރެއް ދެއްވާފަ އެވެ. މިއިންޒާރުގައި އެދެބޭފުޅުން ވެސް ވަނީ އިންޑިއާ އަށް ޓެރަރިސްޓް ހަމަލާތައް ދިނުމަށް ޕާކިސްތާނުގެ ބިން ބޭނުންކުރާ ކަމަށް ތުހުމަތު ކުރައްވައި ޓެރަރިސްޓުންނަށް ޕާކިސްތާނުގެ ބިމުން ފަސޭހަތައް ނުދިނުމަށް ޕާކިސްތާން ސަރުކާރަށް ގޮވާލައްވައިފަ އެވެ.

މޯދީ އާއި ޓްރަމްޕަކީ މުސްލިމުންނާ ދެކޮޅަށް މަސައްކަތްކުރެއްވުމުގެ ހިސްޓްރީއެއް އޮތް ދެބޭފުޅުންނެވެ. ޓްރަމްޕް މުސްލިމުންނަށާއި އިސްލާމް ދީނުގެ މައްޗަށް ޓެރަރިޒަމްގެ ތުހުމަތު ކުރައްވައި އިސްލާމީ ހަ ގައުމެއްގެ ރައްޔިތުން އެމެރިކާއަށް ވަނުން މަނާކުރުމުގެ ގަރާރެއް ނެރުއްވާފައިވާއިރު މޯދީ އަކީ އިންޑިއާގެ ގުޖުރާތުގެ ޗީފް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު އެސްޓޭޓްގެ ހަރުކަށި ހިންދޫން މުސްލިމުންނާ ދެކޮޅަށް ހިންގި ގަތުލުއާންމު ތަކަށް ލޯމަރާލައްވައި އެޖަރީމާތަކަށް ނުސީދާ ގޮތެއްގައި ތާއީދު ކުރެއްވި ކަމުގެ ތުހުމަތު ކުރެވިފައިވާ ބޭފުޅެކެވެ.

އެ މައްސަލައާ ގުޅިގެން އެދުވަސްވަރު އެމެރިކާއަށް ވަނުން ވެސް މޯދީއަށް މަނާކުރެވިގެން ދިޔަ އެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު