ތިމާވެށި ސާފުކުރަން ޗައިނާއިން "ދިގުލައިގެންދާ ހަނގުރާމަ" އަކަށް ނުކުންނަނީ

ޗައިނާގެ ޝަންހާއީ ސިޓީގައި ދުންބޯވެފައި -- ފޮޓޯ/ ރޮއިޓާސް

ތަގައްޔަރުވެ ބޮއްސުން ލައިގެން ގޮސްފައިވާ ޗައިނާގެ ތިމާވެށި ސާފުކުރުމަށް ދިގު ލައިގެންދާ ހަނގުރާމައެއް ކުރައްވާނެ ކަމަށް ޗައިނާގެ އެންވަޔަރަމަންޓް މިނިސްޓަރު ކަމާ އަލަށް ހަވާލުވެވަޑައިގަތް ލީ ގަންޖީ ވައުދުވެ ވަޑައިގެންފިއެވެ.

މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު ވަޒީފާއަށް ނުކުންނެވި ފުރަތަމަ ދުވަހު، ލީ ވަނީ ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތް އާ ހަރުފަތަކަށް ޖެއްސުމަށް އޭނާގެ މުވައްޒަފުންނަށް އަންގާފައެވެ.

އަދި ތަގައްޔަރުވެފައިވާ ޗައިނާގެ ވަޔާއި، ފެން އަދި ބިން ސާފުކުރުމަށް ދިގުލައިގެންދާ ހަނގުރާމައެއް ކުރައްވަން ޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން، 2020 އައުމުގެ ކުރިން ތިމާވެށި ރައްކާތެރިކުރުމަށް ހަރުކަށި ސިސްޓަމެއް ގާއިމް ކުރުމަށް އޭނާ ވަނީ ވައުދު ވެވަޑައިގެންފައެވެ.

ޗައިނާގެ އެންވަޔަރަަމަންޓް މިނިސްޓަރު ކަމަށް ލީ، 52 އައްޔަން ކުރެއްވީ އެ މަގާމުގައި ކުރިން ހުންނެވި ޗެން ޖިނިންގް، ބެއިޖިންގެ މޭޔަރު ކަމަށް މިދިޔަ މަހުގެ ތެރޭގައި އައްޔަން ކުރުމާ ގުޅިގެންނެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ ނިއުކްލިއާ ސޭފްޓީގެ ނައިބް ވަޒީރުކަން ނުވަ އަހަރު ދުވަސް ވަންދެން ކުރައްވާފައިވާ ލީ، ވަނީ ދުންބޯވެފައިވާ ޗައިނާގެ ހެބެއި ޕްރޮވިންސްގެ ޑެޕިއުޓީ ޕާޓީ ސެކްރެޓަރީގެ މަގާމު ވެސް ކުރައްވާފައެވެ.

comment ކޮމެންޓް