ބަންގުލަދޭޝް މީހަކަށް ހަމަލާދީ ފައިސާތަކެއް ފޭރިގެންފި

އާދިއްތަ ދުވަހުގެ ރޭ ހެދި ގޮޑުދޮށް ސަރަހައްދުން ދިވެހިންގެ ގްރޫޕްއަކުން ހަމަލާ ދިން ކަމަށް ބުނާ ބިދޭސީ މީހާ --- ފޮޓޯ: ސޯސަލް މީޑިއާ

ބަންގްލަދޭޝް މީހަކަަށް ގްރޫޕަކުން ހަމަލާދީ ފައިސާތަކެއް ފޭރިގެންފި އެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ 08:30 ހާއިރު އެ ހާދިސާ ހިނގާފައި ވަނީ އާޓިފިޝަލް ބީޗު ސަރަހައްދުގަ އެވެ. އަދި އެކަން ވަނީ ފުލުހުން ޔަގީންކޮށްދީފަ އެވެ.

އެ މީހާއަށް ހަމަލާ ދީފައި ވަނީ، ހަ ދިވެހިން ހިމެނޭ ގްރޫޕަކުން ކަމަށް ފޭސްބުކުގައި ދައުރުވާ ޕޯސްޓެއްގައި ބުނެފައިވެ އެވެ. އަދި އެ ގްރޫޕުގައި ތިބީ 18 އަހަރު ނުވާ ކުދިން ކަމަށް ވެސް އެ ޕޯސްޓުގައި ބުނެފައިވެ އެވެ.

އެ ޕޯސްޓުގައި ބުނެފައިވާ ގޮތުން އެ ބަންގްލަދޭޝް މީހާއަށް ހަމަލާދީފައި ވަނީ އެ މީހާގެ ރައްޓެހިންނާ އެކު އީދު ދުވަހުގެ އުފާ ފާހަގަ ކުރަން ތިއްބަ އެވެ. ނަމަވެސް އޭނާގެ އަތުން ފޭރުނީ ކިހާ ފައިސާއެއް ކަމެއް ނޭނގެ އެވެ.

އެ މީހާގެ ރައްޓެހި ބަންގްލަދޭޝް މީހަކު ބުނި ގޮތުގައި އެ ސަރަހައްދުގައި ބައިވަރު ދިވެހިން ތިއްބެވެ.

ނަމަވެސް އެ މީހާއަށް ހަމަލާ ދޭތަން ފެނުމުން އެމީހާގެ ރައްޓެހިން ވަނީ އެ ސަރަހައްދުގައި ތިބި ދިވެހިންނަށް އެހީއަށް އެދި ގޮވާފަ އެވެ. އެހެން ނަމަވެސް އެއްވެސް މީހަކު އެކަމަށް އަޅާލާފައި ނުވާ އިރު، އެންމެންވެސް ތިބީ ކުޅި ބަލަން ކަމަށް ކަމަށް ބަންގްލަދޭޝް މީހާގެ ރައްޓެއްސަކު ބުނެފައިވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ހެންވޭރު ހެދި ގޮޑުދަށު ސަރަހައްދުން ބަންގްލަދޭޝް މީހަކަށް ހަމަލާދީ އޭނާ އަތުން ފޭރުނު މައްސަލައެއް އެރޭ 8:17ގައި ރިޕޯޓްކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހްގީގް ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް