އެންމެ ބޮޑު އާމްދަނީ ލިބުނަސް ސަލްމާން އަތުގައި ފައިސާއެއް ނެތް!

ފޯބީސް މެގަޒިން އިން ހާމަކޮށްފައިވާ ގޮތުން ދުނިޔޭގައި އެންމެ ބޮޑު މުސާރައެއް ލިބޭ 100 އެކްޓަރުންގެ ތެރޭގައި ބޮލީވުޑްގެ ސުޕަސްޓާ ސަލްމާން ޚާން ހިމެނެ އެވެ. ނަމަވެސް ފޯބީސް އިން ބުނާ ވަރުގެ އާމްދަނީއެއް ނުލިބޭ ކަމަށް ސަލްމާން މިވަނީ ބުނެފަ އެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ސަލްމާން ބުނީ ފައިސާ ނެތިގެން ގަންނަން ބޭނުންވާ އެއްޗެއް ނުގަނެވިގެން އުޅެން ޖެހޭ ކަމަށާއި، ފޯބީސް ލިސްޓް އެކުލަވާލާ ގޮތް އޭނާ އަށް ނޭނގޭ ކަމަށެވެ.

އަދި އަމިއްލައަށް ގެއެއް ގަނެވޭނެ ވަރު ވެސް ނުވާ ކަމަށް ސަލްމާން ވަނީ ބުނެފަ އެވެ.

"ދެން މި އަންނަނީ ފޯބީސް ލިސްޓު. އެ ލިސްޓުގައި އެބުނާ ފައިސާއެއް އަހަރެންގެ އަތުގައި ނެތް. ހަގީގަތުގައި ވެސް އެވަރަށް ފައިސާއެއް ނެތް އަހަރެންގެ އަތަކު،" ސަލްމާން ބުނެފައިވެ އެވެ.

ސަލްމާން ބުނީ ފޯބީސް ލިސްޓު ކިޔަމުން ދިޔަ އިރު، އެ ލިސްޓުގައި ބުނާ ފައިސާ ހުރީ ކޮންތާކުތޯ އަމިއްލަ ނަފްސާ ސުވާލު ކުރެވުނު ކަމަށެވެ.

"ފިލްމަކަށް 500 ކުރޯޑް ލިބުމުން އޭގެ މާނަ އަކީ އެއީ އަހަންނަށް ލިބޭ އެއްޗެކޭ ނޫން. އޭގެން ވަރަށް ކުޑަ މިންވަރެއް އެކްޓަރުންނަށް ލިބޭނީ،" ސަލްމާން ބުންޏެވެ.

އެކްޓު ކުރުމުގެ އިތުރުން ސަލްމާން އަކީ އަމިއްލަ ބްރޭންޑެއް ވެސް ކުރިއަށް ގެންދާ މީހެކެވެ. ސަލްމާން ބުނީ އޭނާ އެ މަސައްކަތް ކުރިއަށް ގެންދަނީ އެހެން މީހަކާ ގުޅިގެން ކަމަށާއި އެހެންކަމުން ލިބޭ ފައިދާ ވެސް ދެމީހުންނަށް ބަހަން ޖެހޭ ކަމަށެވެ. އަދި ޓެކްސް އަށް ވެސް ބޮޑު އެއްޗެއް ދާކަމަށާއި، ދެން ފައިސާ ޚަރަދު ކުރަނީ ބްރޭންޑް ކުރި އެރުވުމަށް ކަމަށެވެ.

އޭގެ އިތުރުން ޗެރިޓީ އަށް ވެސް ބޮޑު ޚަރަދެއް ކުރާކަމަށް ސަލްމާން ބުންޏެވެ.

comment ކޮމެންޓް