ޗައިނާއަކީ ރޫނީއަށް އުފާވެރި ތަނަކަށް ވާނެ: އެރިކްސަން

ރޫނީ ޔުނައިޓެޑްގެ ބެންޗުގައި ---

މެންޗެސްޓަރ ޔުނައިޓެޑްގެ ކެޕްޓަން ވޭން ރޫނީ އިންގްލޭންޑް ދޫކޮށް އެހެން ދިމާއަކަށް ދާނަމަ، އޭނާއަށް ޗައިނާއިން ވަރަށް ހޫނު މަރުހަބާއެއް ކިޔާނޭކަމަށް އިނގިރޭސިވިލާތުގެ ގައުމީ ޓީމުގެ ކުރީގެ ކޯޗު ސްވެން ގޯރާން އެރިކްސަން ބުނެފިއެވެ.

ރޫނީ ޔުނައިޓެޑާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާން އަދި ބާކީ ދެއަހަރު ދުވަހުގެ ދިގު މުއްދަތެއް އޮތް ނަމަވެސް، ހޯޒޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޔުނައިޓެޑްގެ ޓީމުން ރޫނީއަށް ކުޅުމުގެ ފުރުސަތު ލިބޭލެއް ވަރަށް މަދެވެ. އެކަމާ މާޔޫސްވެގެން އެހެން ދިމާއަކަށް ރޫނީ ހިނގައިދާނޭކަމަށް ބުނެ އަޑުތައް ފެތުރޭތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ. އެހެން ނަމަވެސް ކުރިއަށް އޮތް ސީޒަނަށް އޭނާވިސްނާ ގޮތެއް 31 އަހަރުގެ ރޫނީ އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ރޫނީ ހިނގައިދާނޭ ކަމަށް ބެލެވޭ ބައެއް މަންޒިލްތަކުގެ ތެރޭގައި އޭނާގެ ކުރީގެ ކްލަބު އެވަޓަން، ޔުނައިޓެޑް ސްޓޭސް، އަދި ޗައިނީޒް ސުޕަރ ލީގު ހިމެނެއެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ފުރަތަމަ 11އިން ޖާގަ ހޯދުމަކީ މިހާރު ރޫނީއަށް އެހާ ފަސޭހަކަމެއް ނޫން --

ޗައިނާގެ ގުއަންޒޫ، ޝަންހާއި އެސްއައިޕީޖީ، ޝެންޒެން އެފްސީއަށް އިރުޝާދު ދީފައިވާ ކޯޗު އެރިކްސަން ގަބޫލުކުރާ ގޮތުގައި ރޫނީ ޗަައިނާއަށް އަތުވެއްޖެ ނަމަ އޭނާއަށް ވަރަށް ހިތްހަމަޖެހިގެން ކެރިއަރުގެ ބާކީބައި ހޭދަކޮށްލެވޭނެއެވެ.

"އަހަރެން ރޫނީއާ ވާހަކަ ނުދައްކާތާ ވަރަށް ގިނަ ދުވަސް ވެއްޖެ. އެހެންވެ އަހަންނަކަށް ނޭނގެ އޭނާގެ ވިސްނުން ހުރިގޮތެއް. އެހެން ނަމަވެސް އޭނާ ޗައިނާއަށް ގޮސްފިނަމަ، ފޮނި ތަޖްރިބާތަކެއް ކުރެވޭނޭ ކަމަށް އަހަރެން ދެކެނީ،" އެރިކްސަން ބުންޏެވެ.

އެރިކްސަން ބުނީ، ޗައިނާގެ ބިޔަ ސިޓީތަކުގައި އިންޓަނޭޝަނަލް ބޮޑެތި ސްކޫލްތައް މިހާރު އެބަހުރި ކަމަށާއި، ރޫނީ އާއިލާއާއެކު ބަދަލުވާން އެއީ ހަމަ އެންމެ ފައްކާ ގައުމެއް ކަމަށެވެ.

"ހަމަ ކުޑަކުޑަ އެންމެ މައްސަލައެއް އޮތީ. އެއީ ބަސް. އެހެން ނަމަވެސް ޝަންހާއީ، ނުވަތަ ބެއިޖިންގައި ދިރިއުޅޭ ނަމަ އެ ސިޓީތަކުގައި ވަރަށް ބައިވަރު ބިދޭސީން އުޅޭނެ، އެހެންކަމުން އެ މައްސަލައަށް ވެސް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ.

"ޝަންހާއިގައި އަހަންނާ ދިމާވި ސްވިޑްންގެ ވަރަށް ގިނަ ރައްޔިތުން. ބޮޑެތި ކުންފުނިތަކުގައި މަސައްކަތްކުރާ، ޔޫރަޕްގެ ވަރަށް ގިނަ ބަޔަކު އެތަނުގައި ދިރިއުޅޭ."

އެރިކްސަން ބުނީ، ދުނިޔޭގެ ފެންވަރުގެ މޮޅެތި ފުޓްބޯޅަ ކުޅުންތެރީންނަކީ ޗައިނާގައި ވަރަށް ގިނަބައެއްގެ ލޯތްބާއި އިހްތިރާމް ލިބޭ ބައެއް ކަމަށާއި އެހެންކަމުން ޑިއޭގޯ ކޮސްޓާ، ރޫނީ ފަދަ ކުޅުންތެރީންނަށް ޗައިނާގައި އުޅެން ވަރަށް ފަސޭހަވާނޭ ކަމަށެވެ.

comment ކޮމެންޓް