ދަތިކުރުމުގެ ފިޔަވަޅުތައް އެޅި ގައުމުތަކުގެ މުދަލާއި އުފެއްދުންތައް ގަތަރަށް އިންޕޯޓް ކުރުން މަނާކޮށްފި

ގަތަރުގެ ޕޯޓް އަރަބިއާ -- ފްލިކަ ފޮޓޯ: އަބްރަހަމް ޕުތޫރު

ދަވްޙާ (ޖޫން 26): ގަތަރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅި ގައުމު ތަކުގެ މުދަލާއި އުފެއްދުންތައް ގަތަރަށް އިންޕޯޓް ނުކުރުމަށް އެގައުމުން ނިންމައިފިއެވެ.

ގަތަރުގެ ޗޭންބާ އޮފް ކޮމާސް އިން ބުނީ ގަތަރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅި ހަތަރު ގައުމުކަމަށްވާ ސައޫދީ އަރަބިޔާ، ޔޫއޭއީ، ބަހްރައިން އަދި މިސްރުގެ މުދަލާއި އުފެއްދުންތައް ގަތަރަށް އިންޕޯޓް ނުކުރުމަށް ނިންމާފައިވާކަމަށާ މިގޮތަށް ނިންމީ ގަތަރުގެ ވިޔަފާރިވެރިންނާއި އިންޕޯޓް އެކްސްޕޯޓް ކުރާ ކުންފުނިތަކުގެ އެދުމުގެ މަތިން ކަމުގައެވެ.

ގަތަރަށް ތަރުކާރީއާއި މޭވާއާއި އެނޫންވެސް ކާބޯތަކެތީގެ ގިނަ ބާވަތްތައް އެތެރެކުރަމުން ދިޔައީ އެއްގަމު މަގުން ސައޫދީ އަރަބިޔާއިންނެވެ. މިގޮތުން ގަތަރަށް ބޭނުންވާ ކާބޯތަކެތީގެ ސާޅީސް އިންސައްތަ ސައޫދީން އެތެރެކުރަމުން ދިޔައިރު ޔޫއޭއީގެ ދުބާއީންވެސް ގަތަރަށް ގިނަ އަދަދެއްގެ ކާބޯތަކެތި ކޮންމެ ދުވަހަކު އެތެރެ ކުރަމުން ގެންދިޔައެވެ. ނަމަވެސް މިހަތަރު ގައުމުން ކުއްލި ގޮތަކަށް ގަތަރާ ގުޅުންތައް ކަނޑާލައި ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުން ގަތަރަށް ބޭނުންވާ ކާބޯތަކެތީގެ ބޮޑުބައި މިހާރު އެތެރެކުރަނީ އީރާނާއި ތުރުކީންނެވެ.

އީރާނުގެ ތިން ބަނދަރަކުން ދުވާލެއްގެ މައްޗަށް އެއްހާސް އެއްސަތޭކަ ދިހަ ޓަނުގެ ކާބޯތަކެތި (މޭވާއާއި ތަރުކާރީ ހިމެނޭގޮތަށް) ކަނޑުގެ މަގުން އެތެރެކުރާއިރު ތުރުކީން ދުވާލެއްގެ މައްޗަށް ހަތަރު ސަތޭކައެއްހާ ޓަނުގެ ކާބޯތަކެތި ވައިގެ މަގުން އެތެރެކުރަންވަނީ ފަށާފައެވެ. ނަތީޖާއެއްގެ ގޮތުން އީރާނާއި ތުރުކީއަށް ވިޔަފާރީގެ އެތަށް ފައިދާތަކެއް ދަނީ ލިބެމުންނެވެ. އީރާނުން މީގެކުރިން ގަތަރަށް އެކްސްޕޯޓް ކުރަނީ އަހަރެއްގެ މައްޗަށް ސަތޭކަ މިލިޔަނުގެ ތަކެއްޗެވެ. ނަމަވެސް މިހާރު އަހަރެއްގެ މައްޗަށް އެއް ބިލިޔަން ޑޮލަރު ޖެހޭ ވަރަށް އީރާނުން ގަތަރަށް ކާބޯތަކެތި އެކްސްޕޯޓް ކުރަންވަނީ ފަށާފައެވެ.

ތުރުކީން ގަތަރަށް ކާބޯތަކެއްޗާއި އެނޫން ބާވަތްތައް އެކްސްޕޯޓްކުރާ މިންވަރުވެސްވަނީ ދިހަ ގުނައަށް އިތުރުވެފައެވެ. މީގެ ބަދަލުގައި ސައޫދީ ވިޔަފާރިވެރިންނަށާއި ޔޫއޭއީގެ ވިޔަފާރިވެރިންނަށްވަނީ ގަތަރުގެ ބާޒާރު ގެއްލި އެތަށް މިލިޔަން ޑޮލަރެއްގެ ގެއްލުމަކާ ކުރިމަތިލާން ޖެހިފައެވެ. (އަލްޖަޒީރާ)

comment ކޮމެންޓް