އެއާ އޭޝިއާގެ ފްލައިޓެއްގެ ބުރަފަތީގެ ފިޔައެއް ބިންދައިގެން ގޮސްފި

އެއާ އޭޝިއާގެ ބޯޓެއް ---

ރޭ އޮސްޓްރޭލިއާގެ ޕާރތުން މެލޭޝިއާގެ ކުއަލަ ލަމްޕޫރަށް ދަތުރުކުރަމުން ދިޔަ އެއާ އޭޝިއާ އެކްސްގެ މަތިންދާބޯޓެއްގެ ވާތްފަރާތު އިންޖީނުގެ ބުރަފަތީގެ ފިޔައެއް ބިންދައިގެން ގޮސް، ފަސިންޖަރުންނަށް ހާސްކަމާއި ބިރުވެރިކަން ކުރިމަތިވެއްޖެ އެވެ.

އެއާ އޭޝިއާ ފްލައިޓު ޑީ7237، 359 މީހުންނާ އެކު ޕާތުން ކުއަލަ ލަމްޕޫރަށް ދަތުރުކުރަމުން ދިޔަ ވަގުތު ބާރު އަޑެއް ކިޔައި، ބޯޓު ވަރަށް ގަދައަށް ތެޅެން ފެށި އެވެ.

ބައެއް ދަތުރުވެރިން ބުނި ގޮތުގައި، ފްލައިޓު ދަތުރުކުރާތާ ގަޑިއިރަކާއި 15 ވަރަކަށް މިނިޓަށް ފަހު އިވުނު އެ އަޑާ އެކު، ނިދާފައި ތިބި ގިނަ ފަސިންޖަރުންނަށް ހޭލެވުނެވެ. އޭރު ބޯޓު ދިޔައީ "ދޮންނަ މެޝިނެއް ފަދައިން" ތެޅެމުން ކަމަށް ފަސިންޖަރުން ބުނެ އެވެ.

ފްލައިޓުގެ އިންޖީނަށް މައްސަލައެއް ދިމާވިކަން އެނގުމާ އެކު، ފްލައިޓުގެ ކެޕްޓަން ވަނީ އެ މައުލޫމާތު ފަސިންޖަރުންނަށް ފޯރުކޮށްދީފަ އެވެ. އަދި ފްލައިޓު އަނބުރާ އޮސްޓްރޭލިއާއަށް ދިއުމަށް އަނބުރައިލި އެވެ.

އެ ފްލައިޓުގައި ހުރި ފަސިންޖަރަކު "ދަ ޓެލެގްރާފް" ނޫހަށް ބުނި ގޮތުގައި، ފްލައިޓުގެ ކްރޫއިންގެ އަމަލުތައް ހުރި ގޮތުން، އޭރުގެ ހާލަތު ގޯސްކަން އޭނާ އަށް އެނގުނެވެ.

"ކެޕްޓަން ބުނީ ހުރިހާ އެންމެން ވެސް ދުއާކުރާށޭ ސަލާމަތުން ގެޔަށް ދެވޭނެކަމާ މެދު. އަހަރެން ވެސް ދުއާ ކުރާނަމޭ،" ފަސިންޖަރަކުު ބުންޏެވެ.

ގާތްގަނޑަކަށް ގަޑިއިރަކާއި 30 މިނިޓު ފަހުން އެ ފްލައިޓު އޮސްޓްރޭލިއާގެ ޕާތު އިންޓަނޭޝަނަލް އެއާޕޯޓަށް ސަލާމަތުން ޖެއްސި އެވެ. އެއްވެސް މީހަކާއި އެއްވެސް މުދަލަކަށް ގެއްލުން ލިބުމަކާ ނުލައި ފްލައިޓު ސަލާމަތުން ޖެއްސުމުގެ ސަބަބުން، ފްލައިޓުގައި ދަތުރުކުރި ހުރިހާ ދަތުރުވެރިން ވަނީ ފްލައިޓުގެ ކެޕްޓަނަށް ތައުރީފުކޮށްފަ އެވެ.

comment ކޮމެންޓް