ރާއްޖެ އދ.އާ ގުޅުނީ އިންސާފާއި ހަމަހަމަ ފުރުސަތު ހޯދުމަށް: ޑރ. އާސިމް

ފޮރިން މިނިސްޓަރ ޑރ. މުހައްމަދު އާސިމް، އދގައި ތަގުރީރު ކުރައްވަނީ ----- ފޮޓޯ/ އދ

ދިވެހިރާއްޖެ 1965 ވަނަ އަހަރު އދއާ ގުޅުނީ އިންސާފާއި، ހަމަހަމަ ފުރުސަތުތަކެއް ހޯދުމަށް ކަމަށާއި، ރާއްޖެ އދގައި މިއަދުވެސް ދެމިއޮތީ ރާއްޖޭގެ އަޑު އދގައި އިވޭނެކަން ޔަގީންކުރުމަށް ކަމަށް ފޮރިން މިނިސްޓަރ ޑރ. މުހައްމަދު އާސިމް ވިދާޅުވެއްޖެއެވެ.

މިއަދަކީ އދގެ ޗާޓަރުގެ ދުވަހެވެ. އދގެ ޗާޓަރަކީ 1945 ވަނަ އަހަރު އދ އުފެއްދުމަށްޓަކައި އެކުލަވާލި އެއްބަސްވުމެވެ. އެ ޑޮކިއުމެންޓްގައި ހިމެނޭ ކަންތަކުގެ ތެރޭގައި އދގެ މަގްސަދުތަކާއި، އދގެ މެމްބަރަކަށް ވުމަށް ފުރިހަމަވާންޖެހޭ ޝަރުތުތަކާއި، އދގެ ގުނަވަންތަކާއި އިދާރާތަކާއި އެތަންތަނުގެ ބާރުތަކާއި، އދއިން ބައިނަލްއަގުވާމީ ގާނޫނުތައް ހިންގާނެ ގޮތްތައް ހިމެނެއެވެ. އދގެ ޗާޓަރު އެކުލަވާލައި، ގައުމުތަކުން އޭގައި ސޮއިކުރީ 26 ޖޫން 1945ގައެވެ.

މި ދުވަހުގެ މުނާސަބަތުގައި ފޮރިން މިނިސްޓަރު ޑރ. އާސިމް ނެރުއްވި ބަޔާނުގައި ވިދާޅުވީ 1965 ވަނަ އަހަރު ރާއްޖެއަށް މިނިވަންކަން ލިބުނުތާ މަސް ދުވަސް ފަހުން ރާއްޖެ އދއާ ގުޅުނީ، އދގެ އެންމެ ކުޑަ ގައުމުތެ ގޮތުގައި ކަމަށެވެ. އެހެން ނަމަވެސް އދގެ ޗާޓަރުގައި އޮންނަ "ވަން ސްޓޭޓް، ވަން ވޯޓު"ގެ އުސޫލުގެ ދަށުން، ރާއްޖެއަށް އދގައި އެހެން ގައުމުތަކޭވެސް އެއްފަދައިން ހަމަހަމަ ފުރުސަތުތަކެއް ލިބިގެން ދިޔަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އާސިމް ވިދާޅުވީ، އދގެ ބިންގާ ބިނާވާ އަސާސުތަކާއި އުސޫލުތަކަށް ރާއްޖެއިން މިއަދުވެސް އަމަލުކުރަނީ، އދގެ ކޮންމެ މާލަމެއްގައި، ކޮންމެ ގަރާރެއްގައިވެސް ރާއްޖޭގެ އަޑާއި ކަންބޮޑުވުންތަކުގެ އަޑު ހިމެނޭނެކަމުގެ ޔަގީންކަން ހޯދުމަށް ކަމަށެވެ.

"އދގެ ޗާޓަރަކީ ޚާއްސަކޮށް ދުނިޔޭގެ ކުދި ގައުމުތަކަށް އޮތް އުންމީދުގެ ހުޅުކޮޅެއް. ޗާޓަރުގެ ސަބަބުން އދގެ ހުރިހާ މެމްބަރު ގައުމެއްގެ ރައްޔިތުންނަށް ދުނިޔޭގެ ސުލްހައާއި ރައްކާތެރިކަން ދެމެހެއްޓުމަށް ރޯލެއް އަދާކުރެވޭތީ، ކުދި ގައުމުތަކުގެ ރައްޔިތުން އެ ޗާޓަރަށް އިހްތިރާމުކުރޭ،" އާސިމް ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރު ވިދާޅުވީ ދިވެހިރާއްޖެ އޮތީ އެންމެންވެސް ޝާމިލުވާ ގޮތަށް ހައްލުތައް ހޯދައި، ސުލްހަވެރި ބައިނަލްއަގުވާމީ މުޖުތަމައެއް ގާއިމުކުރަން މަސައްކަތް ކުރުމަށް ތައްޔާރަށް ކަމަށެވެ.

މިއަހަރަކީ އދގެ ޗާޓަރު އެކުލަވާލައި، އޭގައި ސޮއިކުރިތާ 72 ވަނަ އަހަރެވެ.

comment ކޮމެންޓް