ބޮލީވުޑުގައި ޝާހުގެ 25 އަހަރު!

ބޮލީވުޑުގެ ރަސްގެފާނު ނުވަތަ ބޮލީވުޑުގެ "ބާދްޝާހް"، ޝާހް ރުކް ޚާން، ފިލްމީ ދާއިރާއަށް ނުކުތީ ޓީވީ ޝޯތަކުންނެވެ. ޝާހު އެންމެ ފުރަތަމަ ފެނިގެން ދިޔައީ ޓީވީ ޝޯ 'ފައުޖީ' އަދި 'ސަރކަސް' އިންނެވެ.

ޝާހަށް އޭނާގެ ބޮޑު 'ބޮލީވުޑް ބްރޭކް' ލިބުނީ 1992 ވަނަ އަހަރު ރިލީޒް ކުރި ފިލްމު، 'ދީވާނާ' އިންނެވެ. އެއަށްފަހު ޝާހު ބޮލީވުޑުގައި ރަސްކަން ކުރަމުން އަންނަތާ މިހާރު 25 އަހަރުވީއެވެ. 'ދިލްވާލޭ ދުލްހަނިޔާ ލޭ ޖާއެންގޭ'، 'ކުޗް ކުޗް ހޯތާ ހޭ' އަދި 'ކަބީ ޚުށީ ކަބީ ޣަމް' އަކީ ޝާހުގެ ފާހަގަ ކޮށްލެވޭ ފިލްމުތަކެވެ.

ފިލްމު 'ދީވާނާ' އަށް ފަހު ޝާހު ވަނީ 'ޑަރް'، 'ބާޒިގަރް' އަދި 'އަންޖާމް' ފަދަ ފިލްމުތަކުގައި ނެގެޓިވް ރޯލުން ވެސް ފެނިގެން ގޮސްފައެވެ.

ޝާހަށް އެންމެންގެ ލޯތަށް އަމާޒުވެ، ސުޕަސްޓާރަކަށް ބަދަލުވެގެން ދިޔައީ 'ދިލްވާލޭ ދުލްހަނިއާ ލޭ ޖާއެންގޭ'، 'ދިލް ތޯ ފާގަލް ހޭ'، 'ކުޗް ކުޗް ހޯތާ ހޭ'، ކަބީ ޚުށީ ކަބީ ޣަމް' އަދި 'މޮހައްބަތޭން' ފަދަ ފިލްމުތަކުންނެވެ.

ލޯބީގެ ރޯލުތަކުގެ އިތުރުން ޝާހު ވަނީ ސަންޖޭ ލީލާ ބަންސާލީގެ ފިލްމު 'ދޭވްދާސް' ގައި މަސްތުގައި ޖެހިފައިވާ މީހެއްގެ ރޯލު، 'ސްވަދޭސް' ގައި ނާސާ ސައިންޓިސްޓެއްގެ ރޯލު އަދި 'ޗަކް ދޭ އިންޑިއާ' ގައި ހޮކީ ކޯޗެއްގެ ރޯލު ވެސް އަދާކޮށްފައެވެ.

މުނިފޫހިފިލުވުމުގެ ދާއިރާގައި ޝާހު ކޮށްފައިވާ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން އިންޑިއާ ސަރުކާރުން ވަނީ ޝާހު އަށް 'ޕަދްމަ ޝްރީ' އެވޯޑު ވެސް އަރުވައިފައެވެ. އަދި ފްރާންސްގެ ސަރުކާރުން ވެސް ވަނީ ޝާހު އަށް ދެ އެވޯޑެއް ދީފައެވެ.

އޭގެ އިތުރުން ޝާހު ވަނީ ގިނަ އަހަރުތަކެއްގައި ފިލްމުފެއާ އެންމެ މޮޅު އެކްޓަރު، އަދި އައިފާ އެންމެ މޮޅު އެކްޓަރުގެ އެވޯޑު ވެސް ހޯދައިފައެވެ.

ޝާހު ވަނީ ފިލްމީ ދާއިރާގައި 25 އަހަރު ވުމުން، އެކަން ފާހަގަ ކޮށް ޓުވީޓެއް ކޮށްފައެވެ. އަދި ޝާހުގެ އެންމެ ގާތް އެކުވެރިޔާ، އަދި ޑައިރެކްޓަރު ކަރަން ޖޯހަރު ވެސް ވަނީ ޝާހު އާއެކު މަސައްކަތް ކޮށްލަން ލިބުމަކީ ފަޚުރެއް ކަމަށް ބުނެ ޓުވީޓު ކޮށްފައެވެ.

ޝާހު އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ފިލްމު 'ރައީސް' އިންނެވެ. ޝާހު ދެން އެންމެ އަވަހަށް ފެނިގެން ދާނީ އިމްތިއާޒް އަލީ ޑައިރެކްޓު ކުރާ ފިލްމު 'ޖަބް ހެރީ މެޓް ސޭޖަލް' ގައި އަނުޝްކާ ޝަރްމާ އާއެކުއެވެ. އެ ފިލްމު ރިލީޒް ކުރާނީ އަންނަ އޯގަސްޓު މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

comment ކޮމެންޓް