އަދީބުގެ ލޮލުގެކަޅީގެ ކުލަ ދަނީ ބަދަލުވަމުން: ވަކީލު

އަހުމަދު އަދީބު

ޖަލުގައި ހުކުމްތަންފީޒުކުރަމުންދާ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރުގެ ލޮލޮގެ ކަޅީގެ ކުލައަށް ބަދަލުއަންނަމުންދާ ކަމަށް ވިދާޅުވެ އޭނާގެ ގާނޫނީ ވަކީލު މޫސާ ސިރާޖު އެކަން މޯލްޑިވްސް ޕޮލިސް ސާވިސްގެ ސަމާލުކަމަށް ގެނެސްފިއެވެ.

ފުލުސް އޮފީހަށް ސިރާޖު ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ އަދީބުގެ ލޮލުގެ ވަށައިގެން ކަޅީގެ ތެރެޔަށް ފެތުރޭކަލަގޮތަކަށް ހުދު ރޮނގެއް އެބަހުރިކަމަށާއި ލޮލުގެ ކަޅީގެ ކުލަ ބަދަލުވަމުންދާކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދީބުގެ ސިއްހީ ހާލަތު އިތުރަށް ގޯސްވަމުންދާތީ ސަރުކާރު ބަންދު ދުވަސްތަކުގައި ވެސް ގާނޫނީ ވަކީލަށް އެމަނިކުފާނާ ބައްދަލުކުރެވޭނެ ގޮތް ހަމަޖައްސައިދިނުމަށް އެ ސިޓީގައި ވަނީ އެދިފައެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ އަދީބުގެ ބަލިހާލަތާ ގުޅޭގޮތުން އަންގަންޖެހޭ އެންގުންތައް އަންގަންޖެހޭ ފަރާތްތަކަށް އަންގަމުންދާ ކަމަށެވެ.

އަދީބުގެ ގާނޫނީ ވަކީލު ސިރާޖު ވިދާޅުވެފައި ވަނީ އަދީބަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކުގެ ތެރޭގައި އެތެރެ ހަށީގައި ސިސްޓް ހުރުމާއި، ކިޑްނީގައި ހިލަ އުފެދިފައިވުމުގެ އިތުރުން ލޮލުގެ ވަރަށް ނުރައްކާތެރި ބައްޔެއްކަމުގައިވާ "ގްލޮކޮމާ" ޖެހިފައިވުން ހިމެނޭ ކަމަށެވެ.

ސިރާޖުގެ އެދިވަޑައިގަތުމަކަށް ދާދިފަހުން ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ވަނީ ދޫނިދުއަށް ގޮސް އަދީބާ ބައްދަލުކޮށްފައެވެ. ނަމަވެސް އެބައްދަލުވުމާ ގުޅޭގޮތުން އެ ކޮމިޝަނުން އެއްވެސް އެއްޗެއް ނުބުނެއެވެ.

ބޭސްފަރުވާއަށް އަދީބު ރާއްޖެއިން ބޭރަށް ފޮނުވައިދިނުމަށް އޭނާގެ އާއިލާ އިންނާއި ގާނޫނީ ވަކީލުން އެދުނުނަމަވެސް އެކަން ކުރެވެން ނެތް ކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވަނީ ވިދާޅުވެފައެވެ.

އަނިލް ވިދާޅުވީ ރާއްޖެއިން ބޭރުން ޑޮކްޓަރުންނާއި ތަކެތި ގެނެސްގެން ފަރުވާ ހޯދުމުގެ ފުރުސަތު އަދީބަށް ލިބިގެންވާ ކަމަށެވެ. އަދި ރާއްޖެއިން ބޭރަށް އަދީބު ފޮނުވައިފިނަމަ އެމަނިކުފާނު ފިލުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެމަނިކުފާނު ފިއްލައިފިނަމަ އެމްއެމްޕީއާރްސީން ޚިޔާނާތްވެ ގެއްލިފައިވާ ފައިސާތައް ހޯދުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

comment ކޮމެންޓް