އަހަރެންގެ ހިތް އަނބުރާދީ

ހައިކަލް އައުމަށްފަހު ދެމީހުން އުޅުނީ ޕެކްކުރުމާއިގެންނެވެ. އެމެރިކާއަށް ފުރަން ގަޑި ކުޑަތަންވަމުން ދިޔަވަކަށް ސަލްވާގެ އުފާވެރިކަން އިތުރުވެ ވިޝާމްގެ މަތިން މުޅިންހެން ހަދާންނެތިއްޖެއެވެ. ދުވަހަކުވެސް އެހާ ދުރު ދަތުރަކު ގޮސްފައިނުވާތީ ވަރަށް އިންތިޒާރުކުރެވޭ އުފާވެރި ދުވަހަކަށްވިއެވެ. ވިއްސާރަކަމުން ފްލައިޓް ޑިލޭވެދާނެއޭ ހީވިފަހަރުވެސް އައެވެ. އެހާ ވައިބާރެވެ. ދޭތެރެއަކުން ވިދުވަރުގެ ހުދުއަލި އުޑުގެ އަޅިވިލާތަކުގެ ތެރެއިން ކެމެރާއެއްގެ ފްލޭޝްފަދައިން ފެނިލާއިރު ހިތްތަކަށް ބިރުވެރިކަން ވަންނާނެކަން ގައިމެވެ. ސަލްވާ ދަތުރު ދުޢާކުރުމަށްފަހު ހެއްދެވި ފަރާތާއި ވަކީލުކުރިއެވެ. ހައިކަލް ކައިރީގައި އިނުމަކީވެސް ލިބުނު ހިތްވަރަކަށްވިއެވެ.

ސަލްވާ ހީކުރިވަރަށްވުރެ އެމެރިކާވީ މާ ހިތްގައިމު ތަނަކަށެވެ. ގަސްތައް އިންދާފައިވާ މަގުގެ ދެފަރާތުގައި ހުރީ ދާދި އެއްގޮތަކަށް ހަދާފައިވާ ގެތަކެވެ. ގެތަކުގެ ފުރާޅުތަކުގައި ސްނޯ ޝީޓުލެވި އަދި ގަސްތައް ސްނޯއިން ފޮރުވިފައިވާއިރު ކުރެހުންތެރިއެއްގެ އަތްތެރި މަސައްކަތެއްފަދައެވެ. ޕޯސްޓްކާޑެއްފަދައެވެ. ޗިމްނީތަކާއި ޓްރެފިކް ލައިޓްތަކާއި ސްކަލްޕަޗާތައްވެސް ވަނީ ސްނޯއިން ހެދުން އަޅައިގެން އެހެން ސިފައެއް ޚިޔާރުކޮށްފައެވެ. ދުންފިނި ހިފާފައިވާ މަގުތަކެވެ. މީހުން ނޭވާލާއިރު އާތްވަށް ވެގެން ދުންތައް އަނގައިން ނުކުމެއެވެ. އަޅިވިލާތައް ފޫދުއްވާލާފައި އިރުގެ ދޯދިތައް ގަދަކަމުން ބިމަށް ފޯރުވަން އުޅުނުއިރުވެސް ލޯތައް އަނދިރިކޮށްލާހާ އަލިކަން ގަދައެވެ. އެހާ ދުނިޔެމަތި އަލިކޮށް އޮތީ ސްނޯގެ ސަބަބުންކަމުގައި ސަލްވާ ހީކުރިއެވެ.

ހައިކަލްގެ ދެބުރިއަށް ނަގާފައިވާ ގެވަނީ ހުދުކުލައިން ކަމުން ސްނޯފައިބާފައިވާއިރު ވަރަށް ހިތްގައިމުކޮށް ދައްކައެވެ. ފިނިމޫސުމާއި އެންމެ ގުޅޭ އެއް މަންޒިލެވެ. ހިނގަން އޮތް މަގުގެ ދެފަރާތުގައި ގަނޑުފެން ފުނިތަކެވެ. ގޭގެ އެއްފަރާތުގައި ހުރީ ބިޔަގަހެކެވެ. ފަތްތައް ވެރިފައިވާ ގޮފިތައް ގަނޑުފެނުގެ ބުރަދަނަށް ނުކުޅަދާނަވެގެން އެކިދިމަދިމާލަށް ލެނބިފައިވާއިރު ބައެއް ގޮފިތައް ބިންގަނޑުގައި ބޮސްދޭފަދައެވެ. އެގަހުގައި އިން "ޓްރީހައުސް"އާއި އުނދޯއްޔަކީ އާޒީންމެންގެ ޚާއްސަ ހަދާންތަކެއްވާ ކަންތައްތައްކަން ހިތަށް އެރުމާއިއެކު ރައުދާގެ މޫނުވެސް ފެނިލިހެން ސަލްވާއަށް ހީވިއެވެ. ސަލްވާގެ މޫނުމަތިން ހިނިތުންވުން ފަނޑުވިއެވެ. ރައުދާގެ ހަދާންތަކުން އޭނަގެ ހިތަށް އުދަގޫވާންވީ ކީއްވެހެއްޔެވެ؟ އެއީ ހައިކަލްގެ މާޒީއެވެ. އެމާޒީގެ ހިޔަނި އޭނަގެ ހަޔާތަށް އެޅޭންވީ ސަބަބެއް ނެތެވެ.

ކާރުން ފޭބިގޮތަށް ފިނިވެފައިވާ ވަރުންނާއި ކައްސާލަފާނެތީ ސްނޯމަތިން ހިނގަން ނުކެރިގެން ހައިކަލްއާއި ދިމާލަށް އަތް ދިއްކޮށްލެވިއްޖެއެވެ. ހައިކަލް އެއަތުގައި ހިފަހައްޓާލައިގެން ބަލައިލިގޮތަކުން ހިތާއި ކުޅެލިއެވެ. ހިތްކަތިލާލާފަދަ ހިނިތުންވުމަކާއިއެކު އެއަތުގައި ހިފައިލިއިރު އަބަދުވެސް ރައްކާތެރިކަން ދޭން ކައިރީގައި ހުންނާނަމޭ ލޮލުން ބުނާފަދައެވެ. ލޮލުން މެސެޖްތައް ބަދަލުކޮށްލެވުނެވެ. ހައިކަލްކައިރީގައި ހުރުމުން ރައްކާތެރިކަން އިހުސާސްކުރެވޭކަހަލަ ގޮތެއްހުރެއެވެ.

ސަލްވާ ގޭގެ ދޮރުން ފައި އެތެރޭގައި އެޅުމާއިއެކު ހޫނުކަން ކޮންމެވެސް ވަރަކަށް އިހުސާސްކުރެވުނީ ފަޔާޕްލޭސްގައި އަނދަ އަނދާ ހުރި އަލިފާނުންނެވެ. ހައިކަލް ސަލްވާ ގޮވައިގެން ގޮސް ގޭގެ އެތަން މިތަން ދެއްކިއެވެ. އަޒަލްމެން އުޅުނު ކޮޓަރީގެ ދޮރު ހުޅުވާލުމާއިއެކު އެންމެ ކުރިން ލޮލުގައި އަޅައިގަތީ ބޮޑު ކޯލާ ޓެޑީއެކެވެ. ބައްދާލާހިތްވާހާ ލޯތްބެވެ. ފާރުތަކުގައިވާ ޕޯސްޓަރުތަކާއި ފޮޓޯފްރޭމްތަކުން އަޒަލްމެންގެ ޓީންދުވަސްވަރު ފެންނަކަހަލައެވެ. ހައިކަލްގެ ކޮޓަރީގެ ދޮރު ހުޅުވާފައި ފޮށި އެއްޗެހި ވެއްދުމަށްފަހު ކާކޮޓަރިއަށް ދިޔައެވެ. ގެބަލަހައްޓަން ހައިކަލް ހަވާލުކޮށްފައިވަނީ ކުރިއްސުރެ އެގޭގައި އުޅޭ މުސްކުޅި ދެމަފިރިއަކާއެވެ. އެދެމީހުން ގަވާއިދުން އެގޭގެ ހުރިހާ ކަމެއް ބަލަހައްޓާ ހައިކަލް މެން އައުމުން ކައްކާދީވެސް ހަދާނެއެވެ. ޑޭޒީ ހުރީ ހޮޓް ޗޮކްލެޓާއި ޕޭންކޭކްސް ތައްޔާރުކޮށްފައެވެ. ސެންޓްރަލް ހީޓިން ސިސްޓަމް ހުރުމާއިއެކުވެސް ގޭތެރެ އޮތީ އާދަޔާ ޚިލާފަށް ފިނިކޮށެވެ. ހައިކަލް ހީޓިން ސިސްޓަމް ޗެކްކުރިއިރު ހުރީ މައްސަލަޖެހިފައެވެ. ސުވާލުކުރުމުން މެއިޑްބުނީ އެކަހަލަ މައްސަލައެއް އުޅޭތާ ހަފްތާއެއްހާ ދުވަސްވެދާނެކަމުގައެވެ.

މެންދުރު ނަމާދަށްފަހު ސަލްވާ މުޅި ގެ ހޯދިއިރުވެސް ހައިކަލް ފެންނަން ނެތުމުން ހާސްވާގޮތްވިއެވެ. ގޭގެ ދޮރު ހުޅުވައިލުމާއިއެކު ފިނިކަން ހަންގަޑު ތޮރުފާލާފައި ވަދެ އެތެރެހަށިވެސް ފިނިކޮށްލައިފިއެވެ. ސަލްވާ ރަޖާއިން މުޅި ހަށިގަނޑު ރަގަޅަށް ނިވާކޮށްލައިގެން ހުއްޓަސް މޫނަށް ފިނިވަނީ ވަކިގޮތެއް ބަލާފައެއްނޫނެވެ. ގަދަފިނީގެ ސަބަބުން އެ ދޮންމޫނަށް ވެރިވެފައިވަނީ ޖަންބުކުލައެވެ. ހައިކަލް ގަސްތަކުގެ ތެރެއިން ނުކުމެގެންއައީ އެއްއަތުން ވަކަރުގަނޑެއް އުފުލާލައިގެންނެވެ. ހައިކަލް އެތާކައިރީގައި އަލިފާންގަނޑެއް ރޯކޮށްލުމުން ކޮންމެވެސް ވަރެއްގެ ހޫނުކަމެއް ސަލްވާއަށް އިހުސާސްކުރެވުނެވެ.

"މިހާ ފިނިއިރުވެސް ސަލްވާ ގެއަށް ވަންނާކަށް ބޭނުމެއްނުވޭވިއްޔަ. އުއްމީދުކުރަން މި އަލިފާނުން ހީފިލާނެކަމަށް.........." ހައިކަލް ހިނިތުންވެލަމުން ކައިރިއަށް އައެވެ. އިރުކޮޅެއްނުވަނީސް ސަލްވާގެ ލޮލުގައި އަޅައިގަތީ ވައިގެތެރޭގައި އިން ކަފަކޮޅެއްފަދަ ހުދު އެތިކޮޅެކެވެ. މަޑުމަޑުން ގިނަވާންފެށިގޮތަށް އިސާހިތަކު ބޯކޮށްލައިފިއެވެ. ސްނޯފައިބަން ފެށުމުން ފިނިކަން ކުޑަވިކަންވެސް ސަލްވާއަށް އިހުސާސްކުރެވުނެވެ.

"އޯ މައި.......ސުބުހާނަﷲ.....ސްނޯ ފައިބަނީ. ހެވެންލީ. ދުވަހަކު މިހާރީތި މަންޒަރެއްނުފެނޭ............." ސަލްވާއަށް ލިބުނު އުފަލާއިއެކު ހަޅޭއްލަވައިގަނެވުނުއިރު ހައިކަލް ހުރި ހަދާނެއްވެސް ނެތެވެ. ދެން ލަދުގެންފާ ހަމަޖެހިލަމުން އެހެން ބުނެލާފައި ހީލަމުން ހައިކަލްގެ މޫނަށް ބަލައިލިއެވެ. އެންމެ ލޯބިވާ ހައިކަލްއާއިއެކު މިހާ ހުވަފެނީ މަންޒަރެއް ބަލައިލެވުނުކަމުގެ ނަސީބު ލިބުނުކަމަށްޓަކާ ހެއްދެވިފަރާތަށް ހަމްދުކުރިއެވެ. ހައިކަލްވެސް ހީލަމުން ސަލްވާގެ ކޮލުގައި ޖަހައިލިއެވެ. އޭރުވެސް ސަލްވާގެ ކޯތާފަތާއި ނޭފަތުކުރި ރަތްވެފައި ހުއްޓެވެ. ބްލަޝާ އުނގުޅާފައިވާ ފަދައިންނެވެ.

"ހޫމް. ހަމަ ވަރަށް ރީތި. ޕަފެކްޓް. އޯލްމައިޓީގެ އެންމެ ބިއުޓިފުލް ފްލޯލެސް ކްރިއޭޝަނޭވެސް ބުނެވިދާނެ........."ހައިކަލް ސީދާ ސަލްވާގެ ވިދުންގަދަ ދެލޮލަށް ބަލަހައްޓައިގެން ހުރެ މާނަވީ ހިނިތުންވުމަކާއެކު ބުނެލިއެވެ. އަދި ސަލްވާ ގަޔާއި ކައިރިކޮށްލައިގެން ހުރެފައި ފުންނޭވައެއް ދޫކޮށްލިއެވެ. ސަލްވާ ފެންނަވަރަކަށް ރީތިކަން އިތުރުވާހެން އޭނައަށް ހީވެއެވެ. ބެލިބެލިހެން ރީތިކުދިންގެ ރީތިކަން އިތުރުވެއޭ ބުނާ އުސޫލުންނެވެ.

ހައިކަލްއާއިއެކު ސްނޯވެހޭ މަންޒަރުބަލަން ހުރެވުމުން އެލިބުނު އުފާވެރިކަމާއި ހިތްހަމަޖެހުން ބުނެދޭނެގޮތެއްވެސް ސަލްވާއަކަށް ނޭގުނެވެ. އެންމެ އުފާވާނީ ހައިކަލްގެ އެފަދަ އަދާތަކުންނެވެ. ކުދި ކުދި ބީހިލުންތަކުންނެވެ. ކުޑަކޮށް ބައްދާލާގޮތުންނެވެ. އެހެންހެދީމަ ވަރަށް ލޯތްބެވެ. މިފަދަ ހިތުން ފިލުވައިލަން ދަތި ވަގުތުކޮޅުތައް ސަލްވާގެ ހިތާއި ކުޅެލައެވެ. އެންމެފަހުން ނުހުރެވިގެން ސްނޯގެ ތެރެއަށް ނުކުމެވުނެވެ. ސްނޯ މޫނުގައި ބީހެންފެށިއިރު މަލެއްގެ ފިޔައަށްވުރެ ލުޔެވެ. އެއްވެސް އަޑެއްނީވި ވަށައިގެން ސްނޯ ފައިބަމުންދާއިރު އެކުރެވޭ އިހުސާސް ބުނެދޭނީ ކޮންދުލަކުން ހެއްޔެވެ؟ އެހާ އުފާވެރި ވަގުތުތަކެވެ. ވަގުތުވޭތުވަމުން ދިޔަގޮތެއްވެސް ނޭގި އިރުއޮއްސުނެވެ.

އެރޭ ކާންހުރީ ރޯސްޓެޑްޗިކަން މޭޝްޑް ޕޮޓޭޓޯ ސްޓީކް އަދި ސްޓީމްޑް ވެޖެޓަބްލްއާއި އެޕްލްޕައިއެވެ. އެގެ ބަލަހައްޓާ ދެމަފިރިންވެސް އެމީހުންނާއި ސަލާމްކޮށްފައި އެމީހުން ދިރިއުޅޭ ގެއަށް ދާން ނައްޓާލުމުން ހައިކަލްއާއި ސަލްވާ އެކަނިވިއެވެ. ސަލްވާ ފިނިވެގެންގޮސް އިށީނީ ފަޔާޕްލޭސްގެ ކުރިމަތީގައި ވާހަކަފޮތެއް ހިފައިގެންނެވެ. އެފޮތް ހުޅުވާލައިގެން އިނަސް އެންމެ އަކުރެއްވެސް ބޮލަކަށް ނުދަވެއެވެ. ވާނީވެސް އެހެންނޫންހެއްޔެވެ؟ އެއްފަރާތުގައި ލޯބިވާ ހައިކަލްއެވެ. އަނެއް ފަޅިއަށް ބަލައިލަމުން ފެންނަ މަންޒަރުވެސް މޮޔަކުރުވައެވެ. ފުޅާކުޑަދޮރުތަކުގެ ފޮތިގަނޑު ކަހާލާފައި ހުރިއިރު ސްނޯބޯކޮށް ވެހެމެންދާތަން ފެންނައިރު އާޝޯޚުވާވަރުވިއެވެ. ވައިގެތެރޭގައި ނަށަމުންދާ އެކިސައިޒްގެ ސްނޯފްލޭކްސްތައް އެތަން މިތާ ހަރުލަމުން ހުރިހާ ތަނެއްގައި ހުދު ސާލުއޮޅަމުންދާއިރު ހާދަ ރީއްޗެވެ. ހައިކަލްވެސް ލެޕް ހުޅުވާލައިގެން ދޫލަމަތީގައި އިށީދެލައިގެން އިނީ ސޯފާއެއްގައި ބުރަކަށި ޖައްސާލައިގެންނެވެ. މަސައްކަތެއްގައި އިނދެލާފައި ސަލްވާގެ މޫނަށް ބަލައިލެވުމާއިއެކު ހައިކަލްއަށް ދުރުބަލައިލަންވެސް ނުކުޅެދުނެވެ. އަނގުރު އަލިފާނުގެ އަލި އެދޮންމޫނަށް އެޅިފައިވާއިރު ސިހުރުވެރިކަމުން އެހެން ހުރިހާކަމެއް ހަދާންނެތުނެވެ. ދަގަނޑު ދަގަތްފާނަށް ދަމާފަދައިން އޭނަ ދަމައިގަތީ ހިތަށް ކުޅަދާނަވާކަހަލަ ގޮތަކަށް ނޫނެވެ. ހިތް އޮބަހައްޓަން ދަތިވުމުން ލެޕްލައްޕާލަފައި ތެދުވެގެންގޮސް ސަލްވާއާއި ކައިރީގައި ޖައްސައިލިއެވެ. އެދޭތެރޭގައި ވައިރޯޅިއަކަށް ވަދެލާނެ ޖާގައެއްވެސް ނެތެވެ. އޭނަގެ އަތްތިލައިގެ ތެރެއަށް ސަލްވާގެ އަތްތިލަ ލައިގެން އިނުމުން ސަލްވާގެ ހަށިގަނޑުގެ ހުރިހާ ސެލްތަކަށް އެނގުންވިއެވެ. ކަރަންޓު ރާޅުބާނިތައް ކުދިކުދި ވަންނިތަކެއްފަދައިން ހަށިގަނޑުގައި ދުވެލިއެވެ. އެއާއިއެކު ފިނީގެ އުދަގޫތައް ކޮންމެވެސް ވަރަކަށް ކުޑަވެ ހީފިލާގޮތްވިއެވެ.

އެކޮޓެޖްގައި ދެމަފިރިން ފިޔަވާ އިތުރު ރޫހެއްނުވާއިރު ހިމޭންކަމާއި އެފަޅުކަން އަދި އެކަނިވެރިކަމާއިއެކު އިޝްގީ މާހައުލުން އީމާންތެރިންގެ ހިތްތައްވެސް ކައްސުވާލާނެފަދައެވެ. ހައިކަލް މަޑުމަޑުން ސަލްވާގެ ކޯތާފަތުގައި ދެއަތުން ހިފަހައްޓާލިއެވެ. އޭރު ދެމޫނުވަނީ ނުރައްކާތެރި ދަރަޖައަކަށް ކައިރީގައެވެ. އެހާ ކައިރިން ބަލަންފެށުމުން ސަލްވާ ލަދުން މަރުވާވަރުވިއެވެ.

"ފީލިން ކޯލްޑް؟ "

"ކުޑަކޮށް......" ހައިކަލް ކަޅިވެސް ޖަހާނުލާ އެތޫނު ދެލޮލުން ބަލަންއިންގޮތުން ސަލްވާ ރަކިވެގެންގޮސް ހުރިތަނަށް ވިރިގެން ހިގައިދާނެހެން ހީވިއެވެ. ހައިކަލް ސަލްވާ ގެނެސް އުނގުގައި ކަހަލަ ގޮތަކަށް ބައިންދަމުން ދެމީހުންގެ ކޯތާފަތްޖެހި ފިތިގެން ދިޔައިރު ސަލްވާގެ ހަށިގަނޑުގައި ހައިކަލްގެ އަތް ވަށާލެވިއްޖެއެވެ. ތުނބުޅީގައި ކުޑަކޮށް ފަޅާފައިވާ އިސްތަށިތައް ސަލްވާގެ އޮމާން މޫނުގައި ޖެހުމުން ދެހަށިގަނޑަށްވެސް ތަފާތު އަސަރުތަކެއްކުރުވިއެވެ. އަލިފާނާއި ގަނޑުފެން އެކުވިކަހަލައެވެ. ޖަޒުބާތުތައް ކެކިއަރައިގަތެވެ. ހައިކަލްގެ އަތް ސަލްވާގެ މޭގައި ޖެހި ބާރުވީއިރު އެހިތުގެ އަވަސްކަން ހައިކަލްއަށް ފާހަގަކުރެވި އޭނަގެ ހިތްވެސް އަވަސްވެލިއެވެ.

"އެހާވަރުން ގެނެއްސަ ސަލްވާއަށް މިކަހަލަ ހާލެއް ޖެއްސުނީމަ ވަރަށް ދެރަވެއްޖެ. ސޮރީ އަހަންނަށް ހީޓިން ސިސްޓަމްއާއިމެދު ފަރުވާކުޑަކޮށްލެވުނީތީ. ފިނިމޫސުމްއަށް ނުހޭނޭ ކުއްޖަކަށް މިއީ ކެތްކުރެވޭވަރުގެ ފިންޏަކަށްނުވާނެ..." ހައިކަލްގެ ފައިތިލަ ސަލްވާގެ ފައިގާ ޖެހުނެވެ. ސަލްވާގެ ފައިތިލަވެސް ގަނޑުފެންކޮޅެއްހާ ފިންޏެވެ. ހައިކަލް ފައިތިލަ ނުނެގުމުން ސަލްވާއިނީ ނޭވާހިފަހައްޓާލައިގެންނެވެ.

"އިޓްސް އޯކޭ. ފަޔާޕްލޭސްހުރީމަ ވަރަށް......ތަފާތު." ސަލްވާއަށް ބުނެވުނެވެ.

"ބްރީތް ސަލްވާ. ހާދަ ބިރުން އުޅޭހެން ހީވޭ. އަހަރެންދެކެ އެހާ ވަރަށް ބިރުގަންނަން އަހަރެން މިއީ ޖިންނިއެއްކަމަށް ހީކުރަނީތަ؟ ބަލާލިޔަސް ސަލްވާ ހީކުރަނީ އަހަރެން ކަމެއްކޮށްފާނެއޭ. ހީކުރާވަރަށްވުރެވެސް ކެތްގަދަވާނެ އިނގޭ. އެކަމަކު ކުއްޖަކު މިހާ ފިނިވެގެން ރޫރޫއަޅާއިރު ހޫނުކޮށްލަދޭން މަޖުބޫރުވެސް ވާނެތާދޯ. އަހަންނަށް ހީވަނީ ރަށަށް ދާންވާއިރަށް ސްނޯދެކެ ފޫހިވާހެން. ބަލާލަން ރީއްޗަސް މާ ވަރަށް ވިއްޔަ ފިނިވަނީ......."ހައިކަލް ބުނެލިއެވެ.

"ބިރެއްނުގަނޭ....." ސަލްވާވެސް ކުޑަ ހުނުމަކާއިއެކު ބުނެލިއެވެ.

"އެކަމެއް ނޭގޭ. އޮޅިގެން އަތްލެވުނަސް ފޮޅުވާލާނެ. ވަޓް އޭމް އައިމް ސަޕޯސްޑް ޓު ތިންކް......." ހައިކަލް ސަލްވާގެ އަތަށް ފިތާލިއެވެ. ފައިގެ ބޮޑުވާ އިނގިލިން ފައިތިލައިގާ މަސާޖުކޮށްދޭފަދަ ގޮތަކަށް ލުއިކޮށް ބީހެމުން ދިޔައެވެ. ސަލްވާއިނީ ރައްދުދޭން ބުނާނެ އެއްޗެއް ނުވިސްނިފައެވެ. ލަދުވެސް ގަތެވެ. އެއީ ދޮގެކޭ ބުނެވޭނެ ޖާގައެއްވެސް ނެތެވެ.

"އަހަރެން ސުވާލެއްކުރަންތަ؟ އެނގޭ ދެން މިޒަމާނުގައި އެގާރައަހަރު ވާއިރުވެސް އަންހެންކުދިންގެ ލޯބިވެރިން ތިބޭކަން. ސަލްވާ މޫނު އަޅައިގެން ހުއްޓަސް ކުޑައިރު ނާޅާނެއްނު. ސަލްވާ ކުރިން ބޯއިފްރެންޑެއްހުރިތަ؟" ހައިކަލްގެ ސުވާލުން ކުއްލިއަކަށް ސަލްވާގެ ހަށިގަނޑަށްވެސް އައި ބަދަލުންނާއި މޫނުގެ ކުލަވަރުން ހައިކަލްއަށް ކަމެއް ވިސްނުނެވެ.

"ހުރި.....އެކަމަކު....." ސަލްވާ ހިންދިރުވައިލިއެވެ. އެއާއިއެކު އޭނަ ވިޝާމްގެ ވާހަކަދައްކައިފިއްޔާ ރޯޒްމެހެލްއަށް އަންނާނެ ލޮޅުމާއިއެކު އޭނައާއިއެކު އަޒަލްގެ ދިރިއުޅުމަށްވެސް ކުރާނެ ނުބައި އަސަރުވިސްނި އަނގަ ބަންދުކުރަން މަޖުބޫރުވިއެވެ. ފަސްއަޅާ ފޮރުވާފައިވާ މާޒީއެއް އަލުން ކޮނުމުގެ އެއްވެސް މާނައެއްނެތެވެ. ވިޝާމްވެސް އެހެރީ މީހެއްގެ ފިރިއެއްގެ ގޮތުގައެވެ. އޭނަ މިވަނީ ހައިކަލްގެ އަންހެނުންގެ މަގާމުގައެވެ. ސަލްވާގެ ހިމޭންކަމާއިއެކު ލޯ ފެންކަޅިވިތަން ފެނުމުން ހައިކަލްއަށް ކުރެވުނީ އެހެންކަހަލަ ޝައްކުތަކެވެ. ސަލްވާ ކޮންމެވެސް ގޮތަކުން ލޯބި ގުރުބާންކުރީއެވެ. އޭނައާއި ސަލްވާ ކައިވެނިކުރީ ހަމައެކަނި ކިޔެވުމަށެވެ. ފައިސާއަށޭ ބުންޏަސް ދޮގަކަށްނުވާނެއެވެ. ސަލްވާއާއި އެބުނާ ލޯބިވެރިޔާއާއިއެކު އޮތީ ކިހާވަރެއްގެ ގުޅުމެއްކަމެއްވެސް އެނގެނީއެއްނޫނެވެ. ހައިކަލްގެ ތަބީއަތު ގޯސްވާގޮތްވިއެވެ.

"އިޓްސް އޯކޭ ސަލްވާ. ކަންބޮޑުވުމުގެ މާނައެއްނެތް. ބިރުގަންނާނެކަމެއްވެސް ނެތް. އަހަންނަކީ އެހާ ގޯސްމީހެއްނޫން. އަންހެންކުއްޖެއްގެ ނުރުހުމުގައި ގަޔަށް އަތްލާ ވައްތަރެއްނޫން. އަހަންނަށްވެސް އެނގޭ ސެޑިއުސްކުރާނެ ގޮތް. އެކަމަކު އެގޮތަށް ލީޑްކުރާހިތެއްނުވޭ. ސޯ....... ހެޕީ؟ " ހައިކަލް މާޔޫސްވެފައި ސަލްވާގެ ގައިން ދޫކޮށްލުމަށްފަހު ދެއަތް ފުރަގަހުގައި ވިއްދާލައިގެން ދެފައި ދަމާލައިގެން އިންއިރު އެރީތި މޫނަށް އަލިފާނުގެ މަޑު އޮރެންޖްކުލަ ވެރިވެފައިވިއެވެ. ސަލްވާގެ ހިތަށް ތަދުވިއެވެ. އޭނަ ބުނި އެއްޗަކުން ހައިކަލް ހިތްހަމަނުޖެހުނީ ހެއްޔެވެ؟ އޭނަ ފާފަވެރިވާނެކަން ގައިމެވެ. ހައިކަލްއަކީވެސް އިންސާނެކެވެ. އޭނަގެވެސް ހިތެއްވާނެއެވެ. އިހުސާސްތަކެއްވެސް ވާނެއެވެ. ގާތްކަންވެސް ބޭނުންވާނެއެވެ. ކޮންމެފަހަރަކު އޭނަ ދުރުކޮށްލަނީއެވެ. ދީނީ ކުއްޖަކަށްވާން އެހާ މަސައްކަތްކުރާއިރު ފިރިމީހާގެ ވާޖިބު އަދާކޮށްނުދެވެއެވެ. ވީއިރު އެއީ ކިހާ ނުބައިކަމެއްހެއްޔެވެ؟

"ތިބުނުއްވި އެއްޗެއް ނޭގުނު..." ހައިކަލް ސީރިޔަސްވީތަން ފެނިފާ އެދޭތެރޭގައި އާލާ ކުރެވުނު އެކުވެރިކަމުގެ ފާރުވެސް ބިމާއި ހަމަވެ ތެޅިއްޖެއެވެ. ރީތިކޮށް އަދަބުވެރިކަމާއިއެކު ސަލްވާ އެހެން ބުނެފާ ގައިދަށަށް ދެފައި ލައްވައިގެން އިނދެ އަތްތިލަ ނެރެގެން ހޫނުކުރަން ފެށިއެވެ.

"ސަލްވާ ތިހާ ޑަމްބެއްނޫން ކަން ނޭގޭ. އަހަރެން ވާހަކަދެއްކީ ރީތި ދިވެހި ބަހުން. ވީއިރު އޮޅުމެއްވެސް ނާރާނެ. ސަލްވާއަށް އެނގޭނެ ސެޑިއުސްއަދި ލީޑްގެ މާނަ. ނޭގިއްޖެއްޔާ ދެން އެކްސްޕްލެއިން ކޮށްދޭން ގޮތެއް މިވަގުތު ނުވިސްނޭ.. އައި ބެޓަ ސްލީޕް. ދިގުދަތުރަކަށްފަހު ގައިގާ ރިއްސަން ފަށައިފި. މާދަން ދިގު އޮޕަރޭޝަނަކަށް ތައްޔާރުވާއިރު ރެސްޓްވެސް ބޭނުންވާނެ.........." ހައިކަލް ތެދުވެ މޯޅިއަކަށް ދެމިލިއެވެ.

"ސަލްވާވެސް ބެޑްރޫމަށްދާންވީނު. އެކޮޓަރި އެންމެ ހޫނުވާނީ.............." ހައިކަލްގެ ފަހަތުން ސަލްވާވެސް ގަދަހެދުމަކާއި ނުލައި ދިޔައެވެ. އެކޮޓަރީގައިވާ ފަޔާޕްލޭސްގައި ދަރުތައް އަނދަމުންދާ އަޑު ހިތްގައިމު މިއުޒިކެއްފަދައެވެ. އެތަނުގައި ދިއްލާފައިހުރި ވެނީލާ ސެންޓެޑް އުއްބައްތިތައް ވިރެމުން ދިޔައީ މާހައުލުގައި މީރުވަހެއް ހިފުވާލާފައެވެ. ނިދާ އެނދުގެ ބޯލާކޮޅާއި ވާގޮތަށް ހުރި ފޮޓޯ ފްރޭމެއް ލޮލުގައި އަޅައިގަތުމުން ސަލްވާގެ ހިތް އޮއްސޭގޮތްވިއެވެ. ހައިކަލްއާއި ރައުދާގެ ފޮޓޯފްރޭމެކެވެ. މިއީ އެދެމީހުން ނިދާ އުޅުނު ކޮޓަރިބާވައޭ ހިތަށް އަރާފައި ސަލްވާގެ ހިތަށް ތަދުވެ ދެލޮލުން ކަރުނަ ހިލުވައިލިއެވެ.

ސަލްވާހުރީ ހަދާނެގޮތް ހުސްވެ ތުންފަތުގައި ދަތްއަޅާލައިގެންނެވެ. މިރޭވެސް އޭނަވަނީ ހައިކަލްއަށް ނުސީދާކޮށްވެސް ނޫނެކޭ ބުނެފައެވެ. އަމިއްލަ ނަފުސް ކުށްވެރިކުރެވުނެވެ. މިހާ ރީތި ސްނޯވީ ރެއެއްވެސް އޭނަ ބޭކާރުކޮށްލީއެވެ. އެހެން ދެމަފިރިއެއްނަމަ މިރޭ އެކަކު އަނެކަކުގެ ހޫނުކަމުން އުފާ ލިބިގަންނާނެއެވެ.

އެކޮޓަރީގެވެސް ދޮރު ފޮތިތައް ކަހާލާފައި ހުރުމުން މަންޒަރު އަދި ވަކިން ހިތްގައިމެވެ. ގަސްތަކުގެ ސިލްސިލާތަކެވެ. ސަލްވާ ކުޑަދޮރުގައި މޫނު ޖައްސާލައިގެން ސްނޯވެހެމުންދާ މަންޒަރަށް ގެއްލިފައި ހުރިއިރު ވިސްނެމުން ދިޔައީ ހައިކަލްއާއި މެދުގައެވެ. އެނބުރި ބަލައިލެވުނުއިރު ހައިކަލް ލައިގެން ހުރި ޓީޝާޓް ބާލާފައި ހުސްގަޔާއެވެ. ނިދަން ތައްޔާރުވެ އެނދުގައި ޖައްސާލިތަން ފެނިފާ ސަލްވާގެ ހިތް ހުއްޓޭފަދަ ގޮތެއްވިއެވެ. މިރޭ ހައިކަލްއަށް ކޮށްދޭން ޖެހޭ ވާޖިބު އަދާނުކުރެވި ހައިކަލް ނުރުހިހުރެ ނިދިޔަދޭކަށް ނުކެރޭނެއެވެ.

"ކޮފީއެއް ހަދަން ދާން މިއުޅެނީ....." ސަލްވާ ބުނެލިއެވެ.

"އޯކޭ ހަމަ ހަދަންވީ..." ހައިކަލް ލައިޓް ފަނޑުކޮށްލުމަށްފަހު އަނެއް ފަރާތަށް އެނބުރުނެވެ.

"އެކަނިދާކަށް ނުކެރޭނެ...."ސަލްވާ ހިތްވަރުކޮށްލާފައި ބުނެލުމުން ހައިކަލް އެނބުރި ބަލާލައިފިއެވެ.

"އޯ ކަމޯން ސަލްވާ. ނަތިންވިލް ހެޕެން. މިއީވަރަށް އަމާން ހިސާބެއް. މިވީހާތަނަށް އެއްވެސް ކަހަލަ ކްރައިމެއް ހިނގާފައިވާތަނެއް ނޫން. ސޯ އެކަނި އުޅެން ދަސްކުރަންވާނެއްނު ސަލްވާ. ސަލްވާ ކޮފީ ހަދައިގެން ބޯލާ އަހަރެން ބޭނުމެއްނޫން ގުޑްނައިޓް " ހައިކަލް އޮތީ ތެދުވާކަހަލަ ގޮތަކަށް ނޫނެވެ. ދެވަނަފަހަރަށް އުދަގޫކުރާނެ ހިތްވަރެއް ސަލްވާއަކަށް ނުލިބުނެވެ. އެކަނިމާއެކަނިގޮސް ކޮފީ ހެދިއިރު ހައިކަލް އޭނައާއި އަޅާނުލަނީބާވައޭ ހިތަށް އެރިއެވެ. އޭނަ ވަގަށް ނަގައިގެން މީހަކު ގެންދިޔަސް ހައިކަލްއަށް އެނގޭނީއެއްވެސް ނޫނެވެ. އޭނަދެކެ ލޯބިވާނަމަ އަޅާލާނަމަ ހައިކަލް އޭނަ ދޫކޮށްލާފައިގޮސް ދެފައި ދަމަދަމާފައެއް ނުނިދާނެއެވެ. އެކަނި ކޮފީބުއިމުން ލިބުނު ހިތްހަމަޖެހުމެއްވެސް ނެތެވެ. ސަލްވާ ނިމިގެން ކޮޓަރިއަށްވަންއިރު ހައިކަލްއޮތީ ގަދަނިދީގައެވެ. ނިދަން އަރަންވީ އެނދަށްބާވައެވެ. ނޫނީ އެހެންތަނެއްގައި ޖައްސާލަންވީ ހެއްޔެވެ؟ ދަންވިވަރަކަށް ފިނިގަދަވާން ފެށުމުން ސަލްވާ ބޭނުންވީ ހައިކަލްގެ ހޫނުކަމެވެ. އެނދަށް އެރިގޮތަށް މަޑުމަޑުން ގާތްވަމުންގޮސް ހައިކަލްއާއި ޖެހި ފިތިގެން ކަހަލަގޮތަކަށް އޮތްވާ ދެލޮލަށް ނިދި ސަވާރުވިއެވެ. ހައިކަލްއަށް ހޭލެވުނުއިރު އެހާ ކައިރީގައި ސަލްވާ ނިދަންއޮތުމުން ތަފާތު އިހުސާސްތަކެއްކުރެވުނެވެ. އޭނަގެ އިހުސާސްތަކަށް ސަލްވާ ގަދަރެއްކުރާނެނަމައޭ އެވަގުތު ހައިކަލްގެ ހިތަށް އެރިއެވެ. ކޮންމެފަހަރަކު ޖެހެނީ އަމިއްލަ އިހުސާސްތަކާއި ހަގުރާމަކުރާށެވެ. ދެމީހުން ގައިމަތިން ރަޖާ އަޅައިގެން އަދިވެސް ބޮޑަށް ސަލްވާ ގަޔާއި ކައިރިކޮށްލީ ހީކަރުވައިގެންފައިވާ ސަލްވާ ހީފިލުވާލަދިނުމަށެވެ. އަމިއްލަ އެދުންތައް ނައްތާލާފައެވެ.

ހެދުނު ހޭލިއިރު ހައިކަލް ހުރީ ވަރަށް ހަމަޖެހިލާފައެވެ. ރޭގެ ހާދިސާ ހަދާން ހުރިހެނެއްވެސް ހިޔެއްނުވެއެވެ. ދެމީހުން އެކީގައި ނާސްތާ ތައްޔާރުކުރުމަށްފަހު ކެއީ އެކީގައެވެ. އެއަށްފަހު ސަލްވާ ގޮވައިގެން ދިޔައީ އެކުވެރިޔާ ޖޭސަންގެ ދަރިފުޅު އެޑްމިޓްކޮށްފައިވާ ހޮސްޕިޓަލަށެވެ. ހައިކަލް ޖޭސަންގެ އާއިލާއަށް ސަލްވާ ތައާރަފުކޮށްދިނެވެ. ޖޭސަންގެ އަންހެންދަރިފުޅު ސޯފީ ސަލްވާ ކައިރިން ދީނާއި ބެހޭގޮތުން ވަރަށް ގިނަ ވާހަކައެހިއެވެ. ބުރުގާ އަޅައިގެން ހުރުމުން މާތް ވައްތަރު ޖަހާކަމުގައިވެސް ބުނެލިއެވެ. ސޯފީގެ އުމުރުން އެންމެ ފަނަރައަހަރު ނަމަވެސް އޭނަ ހުންނަނީ އިސްކޮޅުން ދިގުކޮށް ބިޔަކޮށެވެ. ސޯފީގެ ކޮއްކޮގެ ސިކުނޑީގައި ޓިއުމަރެއް ހުރެގެން އޮޕަރޭޝަންކުރަން އުޅޭތީ ސޯފީ ހުރީ ހާސްވެ ޑިޕްރެސްވާގޮތްވެފައެވެ. ކޮންމެވެސް ވަރަކަށް ކޮއްކޮގެ ވާހަކަވެސް ދެއްކިއެވެ. އޭނަގެ ބައްޕަ އެންމެ އިތުބާރުކުރާ ޑޮކްޓަރަކީ ހައިކަލްކަމުގައި ސޯފީ ސަލްވާ ގާތު ބުނެލުމުން ސަލްވާގެ ހިތަށް އުފާވެރިކަމެއް ލިބުނެވެ. ހަތަރުވަރަކަށް ގަޑިއިރަށް ދެމިގެން ދިޔަ އޮޕަރޭޝަން ކާމިޔާބެވެ. އެންމެންގެ ތައުރީފު ހައިކަލްއަށް ހުއްޓުމެއްނެތި އޮހުނެވެ. ސެލެބްރިޓީއެއްފަދައިން އޭނައާއިއެކު ފޮޓޯނަގަންވެސް އެތާ ސްޓާފުން އުޅުނެވެ.

އެކަންތަކުން ނިމިގެން ގެއާއި ހަމަޔަށް އާދެވުނުއިރު ތިނެއްވެސް ޖަހައިފިއެވެ. އިރުއޮއްސޭކަށް މާ ގިނައިރެއްނެތެވެ. ސަލްވާ ކުޑަކޮށް ހިގާލަން ބޭނުންވެގެން އުޅޭތީ ހައިކަލް ބުނީ ސްވޭންތަކަށް ކާންދިނުމަކީ މަޖާކަމަކަށްވާނެ ކަމުގައެވެ. އެގޭގެ ފަހަތުގައިވާ ގަސްތައް ގިނަކަމާއިއެކު ކުޑަ ޖަންގައްޔެއްފަދައެވެ. ހުރިހާ ގަސްތައްހެން ފަތްތައް މުޅިން ވެރި ދިރުން ގެއްލިފައިވާއިރުވެސް ސްނޯ ވެހިފައިވާއިރު އެމަންޒަރު ރީތިކަމުން ބަލާބަލާ ފޫހިނުވެއެވެ. ކޯރުގެ އައްސޭރިފަށުގައިވެސް އޮތީ ސްނޯއެވެ.

ސަލްވާ ކަކުލާއި ހަމަޔަށް ދާވަރުގެ ކަޅުކޯޓާއިއެކު ބޮލުގައި ކެހެރި ތޮތްޕެއް އަޅާލައިގެން އުސް ބޫޓަކަށް އަރާފައި ހުރިއިރު ފެންނަނީ ފުދޭވަރަކަށް ސްޓައިލިޝްކޮށެވެ. އެދޮންމޫނަށް ވެރިވެފައިވާ ޖަންބުކުލައިގެ ސަބަބުން ރީތިކަން އިތުރުކޮށްދެއެވެ. ސަލްވާ ސްވޭންތަކަށް ކާންދޭން ހުރިއިރު ހައިކަލް އޭނަގެ ފޯނުން މެދުކެނޑުމެއްނެތި ފޮޓޯނަގަމުން ދިޔައެވެ. ކުއްލިއަކަށް ސްވޭނެއް ސަލްވާއާއި ދިމާލަށް އައިގޮތުން ހީވީ ސަލްވާގެ ގައިގާ ދަތްއަޅަން އުޅުނުހެންނެވެ. ސަލްވާ ކުއްލިއަކަށް ސިހުމާއިއެކު ފަހަތަށް ޖެހެން ނާކާމިޔާބު މަސައްކަތެއްކުރިއެވެ. ފައި ކައްސާލާފައި ފެންގަނޑަށް ވެއްޓެން ދިޔައިރު ބާރުބާރަށް ހަޅޭއްލަވައިގަނެވުނެވެ.

"ސަލްވާ........."ހައިކަލްއަށް ފޯނު އެއްލާލާފައި ދުއްވައިގަނެވުނީ ސަލްވާއާއި ދިމާލަށެވެ. ފެންގަނޑު އެހާ ފުންނޫނަސް ގަނޑުވާން ކައިރިވެފައިވުމުން ސަލްވާއަށް ސިކުންތުކޮޅަކަށްވެސް ކެތްކުރެވުނުކަމަކަށް ނުވިއެވެ. ހައިކަލް ސަލްވާ ފެންގަނޑުން ނަގާފައި ބިންމަތީގައި ބެހެއްޓިއިރު ފައިވެސް ރަގަޅަށް ހަރުނުލައެވެ. އޭނަގެ ދަތްދޮޅިއަށް ދާންދެން ތުރުތުރުލާއިރު އެކަން ހުއްޓަން އުޅުނަސް އެކަމެއްނުވިއެވެ. ހައިކަލް ސަލްވާގެ ގައިގާ ބާރަކަށް ބައްދާލިއިރު ލޯ ފެންކަޅިވިއެވެ.

"އައިމް ސޮރީ. އައި ޝުޑް ހޭވް ޓޯލްޑް ޔޫ މިތަނުން ކައްސާލަފާނެއޭ. ބަލައިގެން އުޅޭށޭ..ސޮރީ........." ހައިކަލް މާފަށް އެދުނެވެ. އޭނަގެ ފަރުވާކުޑަކަމެވެ. ސަލްވާ ކައްސާލަފާނެ ކަމާއިމެދު އޭނަ ވިސްނަންޖެހޭނެ ނޫންހެއްޔެވެ؟ ހައިކަލް ސަލްވާ ގޮވައިގެން އަވަހަށް ގެއަށްގެންގޮސް ތެތްއެއްޗެހި ބަދަލުކުރަން އެދުނެވެ. ފާޚާނާއިން ނުކުތްގޮތަށް ސަލްވާ ކިނބިހިއަޅަން ފެށިއެވެ. ކިބިއްސަކަށްފަހު ކިބިއްސެއް އަޅާތަން ފެނުމުން ސަލްވާއަށް ފްލޫ ޖެހިދާނެތީ ހައިކަލް ކަންބޮޑުވިއެވެ. ހައިކަލް ކާކޮޓަރިއަށް ވަދެ އަމިއްލައަތުން ޗިކަން ސޫޕް ހަދައިގެން ގެނެސްދިނެވެ. ސަލްވާއަށް އެކަން ހައިރާންކުރުވަނިވި ކަމަކަށްވިއެވެ. ހައިކަލް ބުނީ އޭނަ ކުޑައިރުއްސުރެން މަންމައާއިއެކު ބަދިގޭގައި އުޅެ މަންމައަށް އެހީވާކަމުގައެވެ. ހައިކަލް ކުޑައިރުގެ ވާހަކަތައް ކޮންމެވެސް ވަރަކަށް ހިއްސާކުރިއެވެ. އޭނަ މަންމައަށް ކޮށްދޭ ކަންތައްތަކުގެ ވާހަކަ ދެއްކުމުން ސަލްވާގެ ހިތް ތައުރީފުކުރިއެވެ. ހައިކަލްއަށް އޭނަގެ މަންމަ ޚާއްސަވަރުފެނި ތަފާތު އިހުސާސްތަކެއް ކުރެވުނެވެ. އިހުތިރާމާއި ލޯބި އިތުރުވިއެވެ. އޭނައަށް ހައިކަލްގެ މިފަދަ ރަގަޅު ކިތައް ސިފަ ފޮރުވިފައިވާނެ ހެއްޔެވެ؟

އެރޭވެސް ދެމީހުން އެކީގައި ސިޓިންރޫމްގައި ތިބެ ސްނޯވެހޭ މަންޒަރު ބެލިއެވެ. އެކަކު އަނެކަކުގެ އަތުގައި ހިފާލައިގެން ތިބެ އެކި ވާހަކަތައް ދެއްކުމުގައި ވަގުތުހޭދަކުރިއެވެ. ސަލްވާ ދޭތެރެއަކުން ކިނބިހި އެޅިޔަސް އޭނަގެ ހާލު އިތުރަށް ގޯހެއްނުވިއެވެ. ހެދުނު ހޭލއިރު ސަލްވާ ހުރީ މުޅިން ފިޓްވެފައިކަމުން އެދުވަސްހޭދަކުރީ މަޝްހޫރުތަންތަން ބެލުމުގައެވެ. މެންދުރުކެއީ އަގުބޮޑު ރެސްޓޯރެންޓަކުންނެވެ. ގެއަށް އައިގޮތަށް ސަލްވާއާއި ހައިކަލް ގަސްތަކުގެ ތެރޭގައި ސްނޯމޭން ހަދަން އުޅުނުއިރު އެކަކު އަނެކަކު ފަހާ ދުވެ ސަކަރާތްޖެހީ އެކުވެރިން ފަދައިންނެވެ. ސަލްވާ އުނދޯއްޔަށް އެރުމުން ހައިކަލް ހެއްލާދިނެވެ. ހައިކަލް ސްނޯ ކަހަން ވެގެން އުޅުނު މަންޒަރުވެސް ހިތްގައިމުކަމަކަށްވިއެވެ. ހިނގަން އޮތް ހަނި މަގާއި ކާރުގައި ހަރުލާފައިވާ ސްނޯގެ ފަށަލަ ކަހަން ހައިކަލް އަވަދިނެތި އުޅުނުއިރު ސަލްވާ އިނީ އުނދޯލީގައެވެ. ކަޅިވެސް ޖަހާނުލާ ބަލަންއިންއިރު ހައިކަލް ދޭތެރެއަކުން ބަލާލާފައި ހީލާނެއެވެ. މާނަވީ ގޮތަކަށެވެ. ނޭގިނަމަވެސް މަޑުމަޑުން ދެހިތް ގުޅި ލާމެހެމުން ދިޔައީ ހީނުކުރާހާ އަވަހަށެވެ.

އެރޭ ފިނިމިން ހުރީ މައިނަސް ހަތެއް ގައެވެ. ދެމީހުން ކައިގެން ކޮޓަރިއަށް ވަދެފާ ހައިކަލް ވަދެލީ ފާޚާނާއަށެވެ. ސަލްވާގޮސް އެނދުގައި އިށީދެލިއެވެ. އެއާއިއެކު ލޮލުގައި އަޅައިގަތީ ރައުދާއާއި ހައިކަލްގެ ފޮޓޯފްރޭމެވެ. ސަލްވާގެ ސިކުނޑީގައި އެވަގުތު ހިނގައިގަތް ކަންތައްތަކެއްވެސް ނޭގެއެވެ. ކުއްލިއަކަށް ފްރޭމް ނަގާފައި އެފޮޓޯ ދަމައިގަތެވެ. ރައުދާ ހުރި ބައި ވަކިކޮށްލާފައި ޑަސްބިނަށްލިއެވެ. ހައިކަލްގެ ޒުވާންއިރު އެންމެ ރީތި ހިނިތުންވުމުގައި ނަގާފައިވާ އެ ތަސްވީރު ފޮތުގެ ތެރެއަށް ލައިގެން ކަޅިޖަހާލަންވެސް ނޭގިފައި އޮތްވާ ހައިކަލް ފާޚާނާއިން ނުކުތެވެ. ޖިންސްލައިގެން ހުސްގަޔާހުރިއިރު ފިނިނުވާ އިންސާނަކީބާވައޭ ހިތަށް އެރިއެވެ.

ހައިކަލްއަށް އެއްޗެއް ވިސްނުނެވެ. ސަލްވާއޮތީ ފޮތުގެ ތެރެއަށް ކޮންމެވެސް އެއްޗެއް ލައިގެން ބަލަންކަން އެނގި ކައިރިއަށް އައެވެ. ސަލްވާ ކަންބޮޑުވެފައި ފޮތް ލައްޕައިލިގޮތަށް ތެދުވެގެން ދާން އުޅުމުން ހައިކަލް ސަލްވާގެ އަތުގައި ހިފާ ކައިރިއަށް ދަމައިލިއެވެ.

"ކޯންޗެއް ފޮރުވީ؟ " ހައިކަލް ހީލިއެވެ.

"ނަތިން......ޕްލީޒް ލެޓް މީ ގޯ....." ސަލްވާ ހައްތަހާ ހާސްވިއެވެ.

"އެއްޗެއް ނެތިއްޔާ އެހާ ހާސްވާކަށް ނުޖެހޭނެ. ސިއްރުސިއްރުން ގެންގުޅޭ އެއްޗެއްވީމަ ހަމަ ކިއުރިއަސްވީ. ސޯ. ހަމަ ނުދައްކާނަންތަ؟ ހަޒްބެންޑަށް ސިއްރުކުރާވަރުގެ ކަމެއް އޮވެގެންނުވެސް ވާނެއްނު. އަހަރެން މިރޭ އިރުއެރިޔަސް ތިއެއްޗެއް ބަލާފައި ނޫނީ މިއަތުން ދޫކޮށެއްނުލާނަން. ނޫނީ ޝަރުތެއްގެ މަތިން. އެއީ............" ހައިކަލް ބުނި އެއްޗަކުން ސަލްވާގެ ހަށިގަނޑުގައިވާހާ ލެއެއް މޫނަށް ޖަމާވީފަދައަކުން އެމޫނު ރަތްވެއްޖެއެވެ. ކަނދުރާގައިވި ލޯލިތައްވެސް ހުރީ ކޮޅަށެވެ. ހައިކަލް ގަސްތުގައި ސަލްވާ ތަޅުވާލަންވެގެންނާއި ހާސްކުރުވަން ވާހަކަދެއްކިޔަސް ނުދައްކަން އުޅޭ އެއްޗެއް ބެލުމުގެ ގަސްތެއްނުވެއެވެ. ހައިކަލް ވާހަކަދެއްކީ މަޖާކޮށްލާށެވެ.

ސަލްވާ ހާސްވީ ހައިކަލް އެކުރި ޝަރުތަކުންނެވެ. އަދި އޭނަ ކޮށްފައިވާ ކުށުގެ ބޮޑުކަން އަންދާޒާކުރެވިފައެވެ. ހައިކަލްވެސް އޭނައާއި ރައުދާގެ ފޮޓޯއެއް ފްރޭމްއަކަށްލާފައި އެނދުގެ ބޯލާކޮޅުގައި ބަހައްޓާނީ ރައުދާ މުހިއްމުވީމައެވެ. އެދެމީހުންގެ ފޮޓޯ ވަކިކުރިޔަސް އަދި އެގުޅުމެއް ނުވެސް ކެނޑޭނެއެވެ. ކުއްލިއަކަށް ސަލްވާ ފޮތުގެ ތެރެއިން އެފޮޓޯގަނޑު ނަގާފައި ހައިކަލްގެ އަތަށް ދިއްކޮށްލިއެވެ. ބޭޒާރުވުމުން ލަދުގަތްވަރު ފޮރުވުމުގެ ގޮތުން ސަލްވާ އެންމެފަހުން އަދި އިއުތިރާފުވެސްވެއްޖެއެވެ.

"ސޮރީ. ރައުދާގެ އެފޮޓޯ ފްރޭމް މިގޮތަށް އިނުމުން އުދަގޫވީ. އެހެންވެ ކަފާލެވުނީ......މާފުކުރައްވާ. ނޭގޭ އެވަގުތު ހިތަށް އެރި އެއްޗެއް. ގޯސްކަމެއްކަން ވިސްނުނީ ފަހުން. އެގޮތަށް ކަންތައްކުރުމުގެ ހައްގެއް ލިބިގެނެއް ނުވޭ. ރައުދާ ހުރި މަގާމަށް ދުވަހަކު ނާދެވޭނެ. ކިތަންމެ ބޭނުންވިޔަސް އެންމެ ފުރަތަމަ ވައިފްއަށްވުމުގެ ނަސީބެއް ދެނެއް ނުލިބޭނެ. ނޭގޭ އެވަގުތު ހިތަށް އެރީ........." ސަލްވާއަށް ނޭގިނަމަވެސް ދެއްކި ވާހަކައިން ހައިކަލްއަށް ދޭހަވީ ސަލްވާގެ ހިތުގައި އޭނައަށްޓަކާ ވާ މަގާމެވެ. ސަލްވާވެސް ރައުދާއާއި ހަސަދަވެރިވީއެވެ.

"މާފުނުކޮށްފިއްޔާ؟ " ހައިކަލް ބުމަ އަރުވާލައިފިއެވެ.

"ނޭ...ގޭ.....އަ...އަމް....އާ ޔޫ އެންގްރީ ވިތް މީ....... " ސަލްވާ ކަންބޮޑުވެގެން އަޅައަޅައިގެންފާ ކިޔާލައިފިއެވެ.

"އާ. ތިކުރީ ކުށެއް. ވަރަށް ބޮޑު ކުށެއް. އެކަހަލަ ކަމެއްކޮށްގެން ނުވާނެއްނު. އަހަރެންގެ ހުއްދަނެތި އެފޮޓޯ އެގޮތަށް ހަލާކުކޮށްލީމަ ހަމަ ވަރަށް ގަދަޔަށް ރުޅިއައިސްފައިމިހިރީ. ރުޅި ނާންނާށޭ ބުންޏަސް ރުޅި ނާންނަންޖެހޭ ވަރުގެ ކަމެއްނޫންކަން އަމިއްލައަށް ތި މޮޔަކުއްޖާ ވިސްނާލީމަވެސް ތިއެނގުނީއެއްނު. އެހެންވީމަ މާފަށް ތި އެދުނީވެސް. އެހެންވީމަ ހިތަށް ނާރާވަރުގެ އަދަބެއްދޭނީ. މްމްމް. ވެލް....... "ހައިކަލް ވިސްނާފަދަ ގޮތަކަށް ބުމަ އަރުވާލިއެވެ.

"ސަލްވާ މިރޭ މިކޮޓަރީގައި ނިދައިގެންވެސް ނުވާނެ. އަހަރެން ހީކުރީ ބަސްއަހާ ރަގަޅުކުއްޖެއްކަމަށޭ. އެކަމަކު ދެން ޖެހޭތަ އަހަރެންގެ ފޮޓޯއެއް ކަފާލަން؟ ސްޓުޕިޑް. ދެން ގޮސް މިއޮތް ފިނިރޭ އެކަނި އުނދޯލީގައި ނިދަންދޭ.. އެއީ ސަލްވާގެ ކުށުގެ އަދަބަކީ. ފްރީޒްވިޔަސް އައި ޑޯންޓް ކެއާ. އެކަހަލަ އަދަބެއް ހަމަ ހައްގު.................." ހައިކަލްގެ ބަސްތަކުން ހިތަށް ކުރި އަސަރުގައި ކުއްލިއަކަށް ސަލްވާގެ ދެލޮލަށް ކަރުނަ ޖަމާވުމާއިއެކު ދުއްވައިގަތީ ބޭރަށެވެ. ރޮމުން ރޮމުންނެވެ. ސަލްވާ އެހާ އަވަހަށް ޖާޒުބާތީވެ އެގޮތަށް ރޮމުން ދިޔުމުން ހައިކަލްއަށްވެސް ލިބުނީ ޝޮކެކެވެ. ސަމާސާއަކަށް ހަދައިގެން އޭނަވެސް އެހާ ހަރުކަށިކޮށް "އެކްޓް" ކޮށްގެނެއް ނުވާނެއެވެ. ސަލްވާގެ ހިތުގައި މާ ވަރަށް ޖެއްސިއްޖެއެވެ. އެގޮތަށް ސަލްވާ ރޮއްވާލައިގެން އަމިއްލަ ހިތަށްވެސް ތަދުކުރެވިއްޖެއެވެ.

ހައިކަލް ސަލްވާގެ ފަހަތުން ދިޔައިރު އެހާ އަވަހަށްގޮސް އެކުއްޖާ އަދި ދޮރުހުޅުވާލާފައި ނުކުތެވެ. ހައިކަލް ހަރުކޮށް ހިގާފައިގޮސް ދޮރު ހުޅުވައިލިއިރު އަދި ސަލްވާގޮސް އުދޯލީގައި އިށީދެ އުނގުގައި މޫނު ފޮރުވައިގެން ރަގަޅަށް ރޯންފެށިއެވެ. ފިނިގަދަކަމުން ހައިކަލްގެ ހާމަޔަށް ހުރި ހަށިގަނޑުވެސް ވަގުތުން ގަނޑުވާން އުޅުނުފަދައެވެ. އޭރު ސްނޯވެސް ވެހެންފެށިއެވެ. ހައިކަލް ވަރަށް ލޯތްބާއިއެކު ސަލްވާގެ ދެއަތުގައި ހިފާ ގަދަކަމުން އުދޯލިން ނެގުމުން އުޅުނީ އަދި އެއަތުގެ ތެރެއިން ސަލާމަތްވާށެވެ. ދެތިންފަހަރު އެގޮތަށް ގަދަދައްކާފައިވެސް ޖެހުނީ ހައިކަލްގެ މޭގައި މޫނު ޖައްސާލާށެވެ. އެ ވަރުގަދަ އަތުގެ ތެރޭގައި ސަލްވާގެ ބާރެއްނެތްކަމާއި ބަލިކަށިކަން ހާމަވިއެވެ. ސަލްވާގެ ކަރުނައިން ހައިކަލްގެ މޭމަތި ތެމިގެން ދިޔުމާއިއެކު ހައިކަލްއަށް ބަޔާންކުރަން ދަތި އަސަރުތަކެއްކުރިއެވެ. ދުލުން ނުބުނިކަމުގައިވިޔަސް ސަލްވާ އޭނަދެކެ ލޯބިވާކަން ޔަގީންކުރެވުނެވެ. ހައިކަލް ވަރަށް ލޯތްބާއިއެކު ބުނީ އެއީ އޭނަ ސަމާސާއަކަށް ދެއްކި ވާހަކަތައް ކަމަށެވެ. އެފޮޓޯ ކަފާލުމުގެ ހައްގު ސަލްވާއަށް ލިބިގެންވާކަމުގައެވެ. އޭނައަކީ ހަމައެކަނި ސަލްވާގެ ހައްގެކޭ ބުނަން އުޅެފައިވެސް ހައިކަލް އެބަސްތައް ނުބުނެ ހިފެހެއްޓިއެވެ.

ނިދާކޮޓަރިއާއި ހަމަޔަށް ފޯރިއިރު ހައިކަލްގެ އަމިއްލަ ނަފުސް އަތުން ވީއްލިގެން ހިގައްޖެއެވެ. އެހުރިހާ ދުވަސްވާންދެން އޭނަ ކޮންޓްރޯލްކުރި އިހުސާސްތައް ހުޅުފަޅައިގަތްގޮތަށް ކޮންޓްރޯލްނުވެ ދިޔައީ އެ މާހައުލުގެ ސަބަބުންނެވެ. ސަލްވާގެ ފުރިހަމަކަމުންނެވެ. އަލިފާން އަންދާތަނުގައި އަލިފާންގަދަޔަށް އަނދަމުން ދިޔަގޮތާއި ދޮރުތަކުން ބޯކޮށް ސްނޯ ވެހެމެންދާ މަންޒަރުންވެސް ހިތް އޮބެހެއްޓޭ ވަރެއްނޫނެވެ. މަޑު އޮރެންޖް އަލި އެޅިފައިވާއިރު އެހާ އިޝްގީއެވެ. ހައިކަލްއަށް ސަލްވާ ފެނުނީ އޭނަގެ އަންހެނުން ގޮތުގައެވެ. އަމިއްލަ ހައްގެއްގެ ގޮތުގައެވެ. އޭނަގެ އަމިއްލަ މީހެއްގެ ގޮތުގައެވެ. ސަލްވާ އާދައިގެ މަތިން ފަސްޖެހި ކަންބޮޑުވުމާއި އެކުގައިވެސް ހައިކަލްގެ ކައިރީގައި ހަތިޔާރު ބަހައްޓަން މަޖުބޫރުކުރުވީ ހައިކަލްގެ ކުޅަދާނަކަމެވެ. އަދި އެވަގުތު ސަލްވާވެސް ހިތަށް ވިސްނާދިނީ އަންބެއްގެ ވާޖިބަށް ފަސްނުޖެހުމަށެވެ. ހައިކަލްގެ އެހިތްގައިމު އަދާތަކާއި އެ ލޯބިން ފުރިގެންވާ ބަލައިލުމާއި ފިރިހެންވަންތަކަން ސަލްވާގެ މައުސޫމްކަން މިލްކުކުރީ ސަލްވާގެ ހިތަށްނާރާފަދަ ފޮނިމީރުކަން ގެނެސްދީފައެވެ. ސަލްވާގެ ދިރިއުޅުމުގައި އާ ބާބެއް ހުޅުވާލަދީފައެވެ. ޑައިރީގެ ސަފުހާގައި ދުވަހަކު ނުލިޔެވޭނެވަރުގެ އުފާވެރި ރެއެއް ލިޔަން ފުރުސަތު ދެމުންނެވެ. އާ ޓްވިސްޓެކެވެ. އެހުރިހާކަމެއް ވެދިޔުމަށްފަހު ސަލްވާ ހާސްވެގެންނާއި ލަދުންގޮސް މަރުވާވަރުވިއެވެ. ހައިކަލް ހޭނުލަނީސް އެތަނުން ދުވެ ފިލުމަށް ބޭނުންވިއެވެ.

ސަލްވާ ފަތިސް ނަމާދުކުރުމަށްފަހު ކޯޓާއި އަންގީލައްވައިގެންގޮސް ކޮފީއެއް ހަދާލިއެވެ. ބޭރަށް ނުކުމެ އުނދޯލީގައި ޖައްސާލާއިރަށް ކޮފީތަށި ހިހޫވާން ފެށިއެވެ. ހާދަ ފިނިކަން ގަދައެވެ. ހިތުން އެ ޚިޔާލުތައް ނެރެ އެއްލައިލަން އުޅުނަސް އެކަމެއްވެސް ނުވިއެވެ. ސަލްވާގެ މޫނު ރަތްވެ ތުންފަތުގައި ބާރަށް ދަތްއަޅައިލިއެވެ. ދެލޯވެސް މަރައިލިއެވެ. ކުއްލިއަކަށް މީހެއްގެ ހިލަންވިހެން ހީވެފައި އެކަޅުކަންގަދަ އެސްފިޔަތައް ލަސްލަހުން ހުޅުވާލެވުނެވެ. ދާދި ކައިރީގައި ހުއްޓިލައިގެން އޭނަގެ މޫނަށް ބަލަން ހުރީ ހައިކަލް ފިޔަވާ ދެވަނަ މީހެއްނޫނެވެ. ޖިންސާއިއެކު ކަޅުކުލައިގެ ސްވެޓަރެއްލައިގެން ކަރުގައި ސްކާފެއް އޮޅާލައިގެން ހުރީ ފިނިން ސަލާމަތްވުމަށެވެ. އިސްތަށިގަނޑު އޮތީ ހޭވިފައެވެ. އެނދުން ތެދުވާއިރު ހައިކަލްގެ އިސްތަށިގަނޑު އެގޮތަށް އޮތުމުން އަދި ވަކިން ފިރިހެންކަމަށް ދައްކައެވެ.

(ނުނިމޭ)

comment ކޮމެންޓް